ދިރާގު

ޗައިލްޑްހުޑް ކެންސަރާ ބެހޭ ކެމްޕޭނެއް ދިރާގުން ފަށައިފި

Sep 26, 2021

ކެންސާ ސޮސައިޓީ އޮފް މޯލްޑިވްސް އާއި ދިރާގާއި ގުޅިގެން ކުޑަ ކުދިންނަށް ޖެހޭ ކެންސަރު ބައްޔާ ބެހޭގޮތުން ހޭލުންތެރިކަން އިތުރުކުރުމުގެ ކެމްޕޭނެއް ފަށައިފި އެވެ.

މި ކެމްޕެއިންގެ ދަށުން ޗައިލްޑްހުޑް ކެންސަރުގެ ސަބަބުން ކުދިންނަށް ކުރިމަތިވާ ކަންތައްތަކަކީ ކޮބާ ކަމާއި، ބަލީގެ އަލާމަތްތައް ދެނެގަންނާނެ ގޮތާއި، ކެންސަރާ ގުޅިގެން ދިމާވާ ނަފްސާނީ ކަންތައްތަކާއި، ކެންސަރަށް ފަހު އަނބުރާ ސްކޫލަށާއި އަދި މުޖުތަމައަށް ކުދިން ނިކުންނާނެ ގޮތާ ބެހޭގޮތުން މައުލޫމާތު ފޯރުކޮށްދޭނެ އެވެ.

ދެހާސްއަށާރަ ވަނަ އަހަރުން ފެށިގެން ކެންސާ ސޮސައިޓީ އޮފް މޯލްޑިވްސް އިން ކުރިއަށްގެންދާ "ޗައިލްޑްހުޑް ކެންސާ އެވެއާނެސް ކެމްޕެއިން" ގައި ކުރިންވެސް ވަނީ ދިރާގުން އެހީތެރިކަން ފޯރުކޮށްދީފައި އެވެ.

މި އަހަރުގެ މި ކެމްޕޭން ފެށުމުގެ ގޮތުން މިމަހުގެ އެއްވަނަ ދުވަހު ދިރާގުން ވަނީ ޗައިލްޑް ހުޑް ކެންސަރުގެ ރިބަންގެ ކުލައިން ނުވަތަ ރަންކުލައިގެ ރިބަނަކުން ދިރާގު ހެޑް އޮފީސް ދިއްލާލައިފަ އެވެ.

މިއަހަރުގެ ކެމްޕޭންގެ ދަށުން ޗައިލްޑް ހުޑް ކެންސަރާ ބެހޭގޮތުން ހޭލުންތެރިކަން އިތުރުކުރުމަށް ހާއްސަ ވީޑިއޯ ސީރީޒް އެއްވެސް ނެރޭނެ ކަމަށް ދިރާގުން ބުނެ އެވެ.

ދާދި ފަހުން އިންޓަނޭޝަނަލް އެޖެންސީ ފޯ ރިސާޗް އޮން ކެންސަރުން ހެދި ރިޕޯޓަކުން ދައްކާ ގޮތުގައި ދުނިޔޭގެ ނިސްބަތުން ބެލި ނަމަވެސް މިހާރު ޗައިލްޑް ހުޑް ކެންސަރު ވަނީ އިތުރުވެ، ޕަބްލިކް ހެލްތް ކްރައިސިސްއަކަށް ވެފަ އެވެ.

ކުޑަކުދިންނަށް ޖެހޭ ކެންސަރު ބައްޔަކީ ދުނިޔޭގެ ނިސްބަތުން ކެންސަރު ބަލީގެ އެއް ޕަސެންޓެވެ. ނަމަވެސް، ރާއްޖޭގެ ނިސްބަތުން ބެލެވޭ ގޮތުގައި ގާތްގަނޑަކަށް ހައެއް ނަވަތަ ހަ ޕަސެންޓް ކެންސަރު ބަލީގެ ޕޭޝަންޓުންނަކީ 19 އަހަރުން ދަށުގެ ކުދިން ކަމަށް ކެންސާ ސޮސައިޓީ އޮފް މޯލްޑިވްސްއިން ލަފާކުރެ އެވެ.