ލައިފްސްޓައިލް

ބްލޫޓޫތު ފައިވާނެއް ބޭނުންކޮށްގެން އިމްތިހާނެއްގައި މަކަރު ހަދަނިކޮށް ފަޅާ އަރައިފި

އިމްތިހާނުތަކުގައި މަކަރު ހަދަން ބޭނުންވާ ދަރިވަރުން ދުނިޔޭގެ ހުރިހާ ގައުމެއްގައި ވެސް މަދުން ނަމަވެސް އުޅެ އެވެ. ނަމަވެސް މިކަމުގައި ހައްދުފަހަނައަޅާ ދާން ކެރެނީ ވަރަށް މަދު ކުއްޖަކަށެވެ.

އިމްތިހާނުގައި މަކަރު ހަދަން ފައިވާނެއް ތައްޔާރުކޮށް ހަ ލައްކަ ރުޕީސް އަށް އެ ފައިވާން ވިއްކި ކަމުގެ ތުހުމަތުގައި އިންޑިއާގެ ރާޖަސްތާނުގެ ފަސް މީހަކު މިދިޔަ ހަފުތާގައި އެ ގައުމުގެ ފުލުހުން ހައްޔަރު ކޮށްފައިވެ އެވެ.

މި މީހުން ވިއްކީ ބްލޫޓޫތު ޑިވައިސްއެއް ހަރުކޮށްފައި ހުރި ފައިވާނެކެވެ.

މި މީހުން ފައިވާން ވިއްކީ ރީޗާޒް ރެކްރޫޓްމަންޓް އެގްޒޭމް (ރީޓް) އިމްތިހާނު ހަދާ 28 އަހަރުގެ މީހަކަށެވެ.

މި ފައިވާން ވިއްކި ފަސް މީހުންގެ ގޭންގުގައި އަންހެނަކު ވެސް ހުއްޓެވެ.

މިކަން ފަޅާއަރަން މެދުވެރިވީ އިމްތިހާނު ހަދަން އިން ކެންޑިޑޭޓެއްގެ ހަރަކާތްތައް ހުރި ގޮތުން ޝައްކު ކުރެވިގެން އޭނާ އުޅޭ ގޮތް ޚާއްސަކޮށް ބެލުމުންނެވެ. މިދިޔަ އާދިއްތަ ދުވަހު އޮތް މި އިމްތިހާނު ހަދަން އިން ކެންޑިޑޭޓަށް އިމްތިހާނު ހޯލުގެ ބޭރުގައި ހުރި މީހަކު އެހީތެރިވަމުން ދިޔަ ކަން ވަނީ ފަޅާ އަރާފަ އެވެ.

މި ގޭންގުން އެ ކެންޑިޑޭޓަށް ވިއްކި ފައިވާނުގެ އަޑީބައިގައި މޮބައިލް ފޯނަކާއި ބްލޫ ޓޫތު ޑިވައިންސް އެއް ހުރީ ހަރުކޮށްފަ އެވެ. އަދި ކެންޑިޑޭޓްގެ ކަންފަތުގައި ވެސް ޑިވައިސް އެއް ހަރުކޮށްފައި ހުއްޓެވެ.

މަކަރު ހަދާކަން ފަޅާއެރިއިރު އިމްތިހާނު ހޯލުގެ ބޭރުގައި ހުރި މީހާ ދިޔައީ އެ ކެންޑިޑޭޓަށް ނޭނގޭ އެއްޗެތި ކިޔައިދީ މަކަރު ހަދަން އެހީތެރިވަމުންނެވެ.

އިންޑިއާ ސަރުކާރުގެ ސްކޫލްތަކަށް 31،000 ޓީޗަރުން ހޮވަން ބޭއްވި މި އިމްތިހާނުގައި 16 ލައްކަ ޓީޗަރުން ބައިވެރިވެފައިވެ އެވެ. މި އިމްތިހާނުން ފާސްވާ މީހަކަށް ނޫނީ ރާޖަސްތާނު ސްކޫލްތަކުގައި ޓީޗަރެއްގެ ވަޒީފާ އަދައެއް ނުކުރެވެ އެވެ.

މިއީ ވަރަށް ވާދަވެރިކަން ބޮޑު އިމްތިހާނަކަށް ވާތީ އިމްތިހާނު ހޯލުތަކުގެ ސެކިއުރިޓީ ވަރަށް ވަރުގަދަ ކޮށްފައިވެ އެވެ. އަދި އިމްތިހާނު ފެށުމުގެ 12 ގަޑިއިރު ކުރިން ރާޖަސްތާން ޑިސްޓްރިކްޓްގެ ހުރިހާ މޮބައިލް ފޯނަކާއި އެމްއެމްއެސް މެސެޖުތަކެއް ނުފޮނުވޭ ގޮތް ހަދާފައި ވެއެވެ. އެއީ ވެސް އިމްތިހާނުގައި މަކަރު ހެދުން ހުއްޓުވުމުގެ ގޮތުން ކޮށްފައިވާ ކަންތައްތަކެވެ.