ޔޫއެން

އދ.ގެ އާންމު މަޖިލީހުގެ އާންމު ބަހުސް ނިންމާލައިފި

Sep 28, 2021

އދ.ގެ އާންމު މަޖިލީހުގެ އާންމު ޖަލްސާއާއި އެކު އާންމު ބަހުސް ނިންމާލައިފި އެވެ.

އދ.ގެ އާންމު މަޖިލީހުގެ އާންމު ބަހުސް ފަށާފައި ވަނީ މިމަހުގެ 22 ވަނަ ދުވަހުން ފެށިގެން އިއްޔެގެ ނިޔަލަށެވެ.

އދގެ އާންމު މަޖިލީހުގެ 76 ވަނަ ސެޝަން ރަސްމީކޮށް ފެށީ ރާއްޖޭގެ ފޮރިން މިނިސްޓަރު އދގެ ރައީސް ކަމާ ހަވާލުވެވަޑައިގަތުމަށްފަހު މިމަހުގެ 21 ވަނަ ދުވަހު އެވެ.

އާންމު މަޖިލީހުގެ އެންމެ ފަހުގެ ބައްދަލުވުމުގައި 194 ގައުމެއްގެ ވެރިން ވަނީ ވާހަކަދައްކަވާފަ އެވެ. މީގެތެރޭގައި ދުނިޔޭގެ 100 ގައުމަކުން ދައުލަތުގެ އެންމެ އިސްވެރިން ވަނީ ތަގުރީރު ކުރައްވާފަ އެވެ. ރާއްޖޭގެ ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ވެސް ވަނީ ދިވެހި ބަހުން ތަގުރީރުކުރައްވާފަ އެވެ.

މީގެ އިތުރުން 52 ގައުމެއްގެ ސަރުކާރުގެ އިސްވެރިންނާއި ތިން ގައުމެއްގެ ނައިބު ރައީސުންނާއި 34 ގައުމެއްގެ ވަޒީރުން ވަނީ މި މަޖިލީހުގައި ތަގުރީރުކުރައްވާފަ އެވެ.

އާންމު މަޖިލީހުގެ އާންމު ބަހުސް ނިމިގެން ދިޔައިރު ގައުމުތަކުން ވަނީ ދުނިޔެއަށް ދިމާވެފައިވާ އެކި މައްސަލަތަކާ ގުޅޭގޮތުން ވާހަކަދައްކަވާފަ އެވެ. އެގޮތުން ކޮވިޑް-19 ގެ ވަބާއިން ރައްކާތެރިވުމާއި، ހަމަހަމަކަމާއި އެކު އަދި އަވަހަށް ގައުމުތަކަށް ވެކްސިންގެ ފޯރުކޮށްދިނުމާއި، މޫސުމީ މައްސަލަތަކަށް އެދެވޭ ހައްލެއް ގެނައުމާއި، ސުލްހަވެރި ދުނިޔެެއެއް ކަށަވަރުކުރުމާއި، ދެމެހެއްޓެނިވި ތަރައްގީއާއި ގުޅޭ ގޮތުން ވެސް ގައުމުތަކުގެ އިސް ވެރިން ވަނީ ތަގުރީރުކުރައްވާފަ އެވެ.