އެޗްޑީސީ

ހިޔާ ފްލެޓްގައި ދިރިއުޅޭ މީހުންނަށް ހާއްސަ ޕާކެއް

ހުޅުމާލޭގެ ދެވަނަ ފިޔަވަހީގައި އިމާރާތްކޮށްފައިވާ ހިޔާ ފްލެޓަކުގެ ރައްޔިތުންނަށް ހާއްސަކޮށްގެން ޕާކެއް ހެދުމުގެ މަސައްކަތް ކުރަމުންދާ ކަމަށް ހައުސިން ޑިވެލޮޕްމެންޓް ކޯޕަރޭޝަން (އެޗްޑީސީ)ން ބުނެފި އެވެ.

އެޗްޑީސީގެ އޮފިޝަލަކު އަވަސް އަށް ވިދާޅުވީ ހިޔާ ފްލެޓުތަކަށް މީހުން ބަދަލުވުމާ އެކު އެތަނުގެ އާބާދީ 30،000 އަށް ވުރެ އިތުރު ވެގެންދާނެ ކަމަށެވެ. އެހެންވެ އެ މީހުންނަށް ހިތްހަމަޖައްސާލުމަށް ދެވަނަ ފިޔަވަހީގައި ކަންތައްތަކެއް އިންތިޒާމު ކުރުން މުހިއްމު ކަމަށެވެ.

އެގޮތުން ހިޔާ ފްލެޓްގެ އެޗް 5 އިން އެޗް 15 އާ ދެމެދުގައި އޮތް ހުސް ބިމުގައި ޕާކެއް އެޅުމުގެ މަސައްކަތް ކުރަމުންދާ ކަމަށާއި މިވަގުތު ކުރަމުން އަންނަ މަސައްކަތަކީ އެތަން ފެހިކުރުން ކަމަށް ވިދާޅުވި އެވެ. އަދި އެ ސަރަހައްދުގައި ރުކާއި އެކި ބާވަތުގެ ގަސްތައް އިންދަން ފަށާފައިވާ ކަމަށް ވެސް ވިދާޅުވި އެވެ.

އޮފިޝަލް ވިދާޅުވީ ޕާކްގެ މަސައްކަތް ނިމޭއިރު ތަފާތު އެކި ވައްތަރުގެ ގަސް ހުންނާނެ ކަމަށެވެ. އަދި ޕްލާޒާއަކާއި ޕްލެޓްފޯމްތަކެއްގެ އިތުރުން އައުޓްޑޯ ޖިމެއް ވެސް ހުންނާނެ ކަމަށެވެ. މި ފާކްގެ ބޮޑު މިނަކީ 1.2 ހެކްޓަރު ކަމަށް ވެސް ވިދާޅުވި އެވެ.

ރައީސް އަބްދުﷲ ޔާމީންގެ ސަރުކާރުން އިމާރާތްކުރި 7،000 ފްލެޓުގެ ތެރެއިން 6،720 ފްލެޓަށް މި އަހަރު މީހުން ވަންނާނެ އެވެ. އޭރުން ދެވަނަަ ފިޔަވަހީގައި ބޮޑު އާބާދީއެއް ދިރިއުޅޭނެ އެވެ. އެންމެން އާބާދުވުމުގެ ކުރިން ދެވަނަ ފިޔަވަހީގައި އެކި ހިދުމަތް ދޭނެ ތަންތަން ގާއިމުކުރުމުގެ މަސައްކަތް އެޗްޑީސީއާ ކަމާ ގުޅޭ އިދާރާތަކުން ދަނީ ކުރަމުންނެވެ. މިހާރު ވެސް ހިޔާ ފްލެޓްގައި 40 އާއިލާއެއް ދަނީ ދިރިއުޅެމުންނެވެ.