ރައްޔިތުންގެ މަޖިލީހުގެ ކާށިދޫ ދާއިރާގެ މެންބަރު އަބްދުﷲ ޖާބިރު، އއ. މަތިވެރިއަށް ވަޑައިގަތުމުން އޭނާއަށް ހަމަލާ ދިން މައްސަލައިގައި ހައްޔަރުކުރި ދެ މީހުން ދޫކޮށްލަން މަތިވެރި ދާއިރާގެ މެމްބަރު ހަސަން ޒަރީރު ގޮވާލައްވައިފި އެވެ.
ޖާބިރަށް ހަމަލާދީގެން މިިދިޔަ ބުދަ ދުވަހު ހައްޔަރުކުރީ 42 އަހަރާއި 19 އަހަރުގެ ދިވެހި ދެ ފިރިހެނުންނެވެ. އެ ދެ މީހުންގެ ބަންދަށް ހަތް ދުވަހުގެ މުއްދަތު މިދިޔަ ބުރާސްފަތި ދުވަހު ވަނީ ޖަހާފަ އެވެ.
އަމިއްލަ ފަރުދުންގެ ވިޔަފާރީގެ ގާނޫނަށް އިސްލާހު ގެނައުމަށް ކުރެންދޫ ދާއިރާގެ މެމްބަރު އަބްދުލް ގަނީ އަބްދުލް ހަކީމް ހުށަހެޅުއްވި ބިލަށް މިއަދު މަޖިލީހުގައި ކުރި ބަހުސްގައި މެމްބަރު ޒަރީރު ވިދާޅުވީ ޖާބިރަށް ދިން ހަމަލާއާ ގުޅިގެން މަތިވެރީގައި ވިޔަފާރި ކުރަމުންދާ ދެ ޒުވާނަކު ހައްޔަރުކޮށްފައިވާ ކަމަށެވެެ.
ޒަރީރު ވިދާޅުވީ މަތިވެރީގެ އެންމެ ހިތްގައިމު ސަރަހައްދުން ޖާބިރަށް ގެސްޓު ހައުސްއެއް ދީފައި އޮންނައިރު އެތައް އަހަރެއްވި އިރުވެސް އެ ރަށަށް އެއްވެސް މަންފާއެއް ނުލިބޭ ކަމަށާއި އަދި ދެ ޒުވާނުން ހައްޔަރުކުރީ ރަށުގެ ރައްޔިތުންގެ ޝުއޫރުތައް ފާޅުކުރަމުން ދަނިކޮށް ކަމަށެވެ.
"އަޅުގަނޑު ސަރުކާރަށް ގޮވާލަން އެ ދެ ޒުވާނުން ވަގުތުން ވަގުތަށް ދޫކޮށްލަން. ކުދި އަދި މެދު ފަންތީގެ ވިޔަފާރިތަކުގެ ވާހަކަ ދައްކަމުންދާ އިރު ވިޔަފާރިކުރަމުންދާ ޒުވާނުން ހައްޔަރުކޮށްގެން އަޅުގަނޑުމެން ކިތަންމެ ގިނަ އިސްލާހެއް ގެނައި ކަމަށްވިޔަސް އަޅުގަނޑު ގަބޫލެއް ނުކުރަން ޒުވާނުން ހިތްހަމަ ޖެހޭނެ ކަމަކަށް." ޒަރީރު ވިދާޅުވި އެވެ.
މަތިވެރީގައި ހިންގާ 50 ކޮޓަރީގެ ބޮޑު ގެސްޓްހައުސް އަކީ ޖާބިރުގެ ވިޔަފާރިއެކެވެ. އެހެންވެ އޭނާ ވަރަށް ގިނައިން އެ ރަށަށް ވަޑައިގަންނަވަ އެވެ. މިމަހުގެ 21 ވަނަ ދުވަހު ޖާބިރު މަތިވެރިއަށް ވަޑައިގެންްނެވީ ގެސްޓްހައުސް ބައްލަވައިލެއްވުމަށެވެ. ނަމަވެސް ރަށުގެ ވަރަށް ގިނަ ބަޔަކު ނުކުމެ ޖާބިރާ ދެކޮޅަށް ވަނީ އަޑުއުފުލާފަ އެވެ. އަދި ޖާބިރު އެ ރަށުން ފައިބަން ގޮވާލާ އިހުތިޖާޖު ކުރި އެވެ. އެ ހަމަނުޖެހުމުގެ ތެރެއިން ބަޔަކު ވަނީ ޖާބިރަށް ހަމަލާ ވެސް ދީފަ އެވެ.
ޖާބަިރަށް ދިން ހަމަލާއާ ގުޅިގެން އޭނާއަށް ސެކިއުރިޓީ ދޭން ވެސް މަޖިލީހުން މިހާރު ވަނީ އެމްއެންޑީއެފްއަށް އަންގައިފަ އެވެ.