އަބްދުﷲ ޖާބިރު

ޖާބިރަށް ފިޔަވަޅު އަޅަން ޒަރީރު ގޮވާލައްވައިފި

ކާށިދޫ ދާއިރާގެ މެމްބަރު އަބްދުﷲ ޖާބިރަށް ފިޔަވަޅު އަޅަން މަތިވެރި ދާއިރާގެ މެމްބަރު ހަސަން ޒަރީރު ގޮވާލައްވައިފި އެވެ.

ޒަރީރު އެ ފަދައިން ގޮވާލެއްވީ އއ. މަތިވެރިއަކީ ޓެރަރިސްޓުން ދިރިއުޅޭ ރަށެއް ކަމަށާއި އެރަށުން މީހުން ބާލަން ޖެހޭ ކަމަށް ޖާބިރު ވިދާޅުވުމާ ގުޅިގެން ނެވެ.

މަޖިލީހުގައި ޒަރީރު މިއަދު ވިދާޅުވީ މަތިވެރީގެ ރަައްޔިތުންނަކީ ޓެރަރިސްޓުން ކަމަށް ސިފަކޮށް ޖާބިރު ދައްކަވާ ވާހަކަތައް ބަލައި ނުގަނެވޭނެ ކަމަށެވެ. އެފަދަ ވާހަކަތައް ރައްޔިތުންގެ މަޖިލީހުގައި ދެއްކޭނެ ކަމަށް ދެކެވަޑައިވެސް ނުގަންނަވާ ކަމަށެވެ.

ޖާބިރު މަތިވެރީ ކައުންސިލަށް ދައްކަން ޖެހޭ މިލިއަނެއްހާ ފައިސާ ނުދައްކާތީ ވެސް އޭނާ ކަންބޮޑުވުން ފާޅުކުރެއްވި އެވެ.

"މިހާ ތަފްސީލުކޮށް ފެންނަން އޮތް ކަމެއްގައި ދޮގު ހަދައި ރައްޔިތުންނަކީ ޓެރަރިސްޓުންނަށް ހަދައި ރައްޔިތުން ރަށުން ބާލަން ޖެހޭ ކަމާއި އަދި އޭގެ އިތުރުން އެރަށަށް އިންވެސްޓަރުން ދާން އެބޭފުޅާ ނޭދޭކަމާއި ކޮށްފައިހުރި އިންވެސްޓްމަންޓްތަކުން މީހުން ފައިބަން ގޮވާލައި މުޅި އެރަށުގެ އިގްތިސޯދާއި ނަން ކިލަނބުކޮށް ރައްޔިތުންނާމެދު މިފަދަ ވާހަކަތައް ތަކުރާރުކޮށް އެބޭފުޅާ [ޖާބިރު] އެދަނީ ދައްކަވަމުން" ޒަރީރު ވިދާޅުވި އެވެ.

އެހެންކަމުން ޖާބިރާމެދު ގާނޫނީ ގޮތުން އެޅެން ހުރި ފިޔަވަޅުތައް އަޅަން ސަރުކާރުގެ މުއައްސަސާތަަކަށް އޭނާ ގޮވާލެއްވި އެވެ.

މަތިވެރީގައި ހިންގާ 50 ކޮޓަރީގެ ބޮޑު ގެސްޓްހައުސް އަކީ ޖާބިރުގެ ވިޔަފާރިއެކެވެ. އެހެންވެ އޭނާ ވަރަށް ގިނައިން އެ ރަށަށް ވަޑައިގަންނަވަ އެވެ. މިމަހުގެ 21 ވަނަ ދުވަހު ޖާބިރު މަތިވެރިއަށް ވަޑައިގެންްނެވީ ގެސްޓްހައުސް ބައްލަވައިލެއްވުމަށެވެ. ނަމަވެސް ރަށުގެ ވަރަށް ގިނަ ބަޔަކު ނުކުމެ ޖާބިރާ ދެކޮޅަށް ވަނީ އަޑުއުފުލާފަ އެވެ. އަދި ޖާބިރު އެ ރަށުން ފައިބަން ގޮވާލާ އިހުތިޖާޖު ކުރި އެވެ. އެ ހަމަނުޖެހުމުގެ ތެރެއިން ޖާބިރަށް ހަމަލާ ދީގެން 42 އަހަރުގެ ފިރިހެނަކާއި 19 އަހަރުގެ ފިރިހެނެއް ވަނީ ހައްޔަރުކޮށްފަ އެވެ.

މަތިވެރި މެމްބަރު ޒަރީރު ވަނީ ހައްޔަރުކުރި މީހުން ދޫކޮށްލަން ވެސް ގޮވާލައްވައިފަ އެވެ.