ދިވެހިރާއްޖެ ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތުގައި
NUMBER OF CASES
ޑރ. ނަޒްލާ މުސްތޮފާ

ސްކޫލުތަކުގައި ގައިދުރުކަމެއް ނެތް: ޑރ. ނަޒްލާ

ސްކޫލުތަކުގައި ދަރިވަރުން އެކަށީގެންވާ ވަރަށް ގައިދުރުކަން ނުބަހައްޓާ ކަމަށް ކަމަށް ވިދާޅުވެ ކޮވިޑް ކޮންޓްރޯލްކުރަން އެކުލަވާލި ޓެކްނިކަލް އެޑްވައިޒަރީ ގްރޫޕް (ޓެގް) ޓީމުގައި ހިމެނިވަޑައިގަންނަވާ ޑރ. ނަޒްލާ މުސްތަފާ ކަންބޮޑުވުން ފާޅުކުރައްވައިފި އެވެ.

ޑރ. ނަޒްލާ މިހެން ވިދާޅުވީ ރާއްޖެ ޓީވީން ގެނެސްދިން "ފަލަސުރުހީ" ޕްރޮގްރާމްގައި ރޭ ވާހަކަ ދައްކަވަމުންނެވެ.

ނަޒްލާ ވިދާޅުވީ ބޮޑެތި މީހުން ވެކްސިން ޖެހި ނަމަވެސް ހުރިހާ ކުޑަކުދިންނަށް ވެކްސިން ނުދެވޭ ކަމަށާއި އެހެންކަމުން ސްކޫލުތަކުން ކޮވިޑްގެ ކޭސްތައް ފެންނަމުންދާ ކަމަށެވެ.

އޭނާ ވިދާޅުވީ ކޮވިޑްގައި އާންމުކޮށް މާބޮޑަށް ކުދިން ބަލިނުވި ނަމަވެސް އެންމެ ފަހުގެ އައުޓްބްރޭކްގައި ވަރަށް ބޮޑަށް ކުދިން ބަލިވި ކަމަށެވެ. އަދި ކޮވިޑްގެ ބައްޔަށް ފަހު ދިމާވާ "މިސްކު"ގެ ހާލަތާ ގުޅިގެންވެސް 10 ވަރަކަަށް ކުދިން އައިސީޔޫގައި ފަރުވާ ދިން ކަމަށެވެ. އެހެންކަމުން އަދިވެސް ވެކްސިން ޖެހުމުގެ ކަންކަން ފުރިހަމަވުމުގެ ކުރިން ބަލައިގެން އުޅުމަށް ނަޒްލާ އިލްތިމާސް ކުރެއްވި އެވެ.

ނަޒްލާ ވިދާޅުވީ ކޮވިޑަށް ވުރެ ބޮޑަށް މިހާރު ސްކޫލުތަކުން ފެންނަނީ އެހެން ރޯގާތައް ކަމަށެވެ.

".....ވަަރަށް ގިނަ ބެލެނިވެރިން އެބަ ވިދާޅުވޭ ދަރިވަރުން ސްކޫލަށް ދާން ފެށިފަހުން ރޯގާ ޖެހެން ފަށައިފިޔޭ. އަނެއްހެން ބަލާއިރު އަޅުގަނޑަކަށް ހިޔެއް ނުވޭ ސްކޫލުތަކުގައި އެހާބޮޑަށް ޑިސްޓެންސިން (ގައިދުރުކަން) އެހާ ބޮޑަށް ބެހެއްޓޭހެނެއް. އެއީ ކޮވިޑް އެވަރަށް ނުފެތުރަނަސް އެހެން ރޯގާތައް އެބަ ފެތުރޭ. މިވެސް މިއީ ހަމައެގޮތަށް ރެސްޕިޓޮރީ [ނޭވާލާނިޒާމުގެ ތެރެއިން] ދާ ވައިރަސް ތައް. އެހެންވީމާ އޭގެ މާނައަކީ މެޝާޒްތައް [ ގައިދުރުކަން] ނެތިއްޔޭ]" ނަޒްލާ ވިދާޅުވި އެވެ.

އޭނާ ވިދާޅުވީ ސްކޫލުތަކުގައި ރޯގާތައް ފެތުރެނީ ރޯގާގެ އަލާމަތްތައް ހުންނަ ކުދިން ވެސް ސްކޫލުތަކަށް ދާތީ ކަމަށް ބެލެވޭ ކަމަށާއި އޭގެ ހައްލަކީ އަލާމަތްތައް ހުންނަ ކުދިން ސްކޫލުތަކަށް ނުފޮނުވުން ކަމަށެވެ.

ރޯގާތައް އިތުރުވި އިރު އަރިދަފުސް ރޯގާ ޖެހިގެން މިދިޔަ މަހު ޑޮކްޓަރަށް ދެއްކި މީހުންގެ އަދަދު ވަރަށް ބޮޑަށް އިތުރުވެފައިވާ ކަމަށް އެޗްޕީއޭއިން ވަނީ ބުނެފަ އެވެ.

އެޗްޕީއޭގެ ތަފާސްހިސާބުތަކުން އެނގޭ ގޮތުގައި މިދިޔަ ތިން އަހަރާ އަޅާބަލާއިރު ވެސް މިއަހަރުގެ މިހާތަނަށް އަރިދަފުސް ރޯގާ ޖެހިގެން ޑޮކްޓަރަށް ދެއްކި މީހުންގެ އަދަދުތައް ވަނީ ވަރަށް ބޮޑަށް އިތުރުވެފަ އެވެ. އެގޮތުން އަރިދަފުސް ރޯގާ ޖެހިގެން 11،348 މީހަކު މިދިޔަ މަހު ޑޮކްޓަރަށް ދެއްކި އެވެ.