މޯލްޑިވްސް ނޭޝަނަލް ޕާޓީ

އެމްއެންޕީ އުފެއްދުމުގެ ޖަލްސާ ބޭއްވުމަށް ހުއްދަ ދީފި

Sep 28, 2021

މޯލްޑިވްސް ނޭޝަނަލް ޕާޓީ (އެމްއެންޕީ) އުފެއްދުމުގެ ޖަލްސާ ބޭއްވުމަށް އިލެކްޝަންސް ކޮމިޝަނުން ހުއްދަ ދީފި އެވެ.

އަވަސް އަށް މައުލޫމާތު ދެއްވަމުން އިލެކްޝަންސް ކޮމިޝަންގެ ނައިބް ރައީސް އިސްމާއީލް ހަބީބް ވިދާޅުވީ އެމްއެންޕީ ރަޖިސްޓްރީ ކުރުމަށް ކޮމިޝަނަށް ހުށަހެޅި ފޯމު ތަކުގެ ތެރެއިން ނިސްބަތުން މަދު ފޯމެއް ފިޔަވާ ގިނަ ފޯމުތައް ހުރީ ގާނޫނުގައި ބުނާ ގޮތަށް ކަމަށެވެ. އެހެންކަމުން އެމްއެންޕީ އުފެއްދުމަށް ބާއްވަން ޖެހޭ ޖަލްސާ ބޭއްވުމުގެ ހުއްދަ މިއަދުގެ ވަގުތެއްގައި ދީފައިވާނެ ކަމަށްވެސް ވިދާޅުވި އެވެ.

"އަޅުގަނޑުމެން މިއަދު އެކަމާ ގުޅޭ ސިޓީ އެމްއެންޕީގެ ބޭފުޅުންނާ ހަވާލުވެސް ކޮށްފައިވާނެ،" ހަބީބް ވިދާޅުވި އެވެ.

ސިޔާސީ ޕާޓީއެއްގެ ގޮތުގައި އެމްއެންޕީ އުފެއްދުމަށް މަސައްކަތް ކުރަން އިލެކްޝަންސް ކޮމިޝަނުން ހުއްދަ ދިނީ މިދިޔަ ޖުލައި މަހުގެ ދުވަހު އެވެ. ޕާޓީ ރަޖިސްޓްރީ ކުރަން 5،000 މީހުންގެ ސޮޔާއި އެކު އިލެކްޝަންސް ކޮމިޝަނަށް އެމްއެންޕީން ހުށަހެޅީ މިމަހުގެ 15 ވަނަ ދުވަހު އެވެ.

ސިޔާސީ ޕާޓީ ތަކާ ބެހޭ ގާނޫނުގެ 12 ވަނަ މާއްދާގައިވާ ގޮތުން ޕާޓީ އުފެއްދުމުގެ ޖަލްސާ ބާއްވަން ހުއްދަދޭތާ ހަމަސް ދުވަހުގެ ތެރޭގައި ޕާޓީ އުފެއްދުމުގެ ޖަލްސާ ބާއްވަން ޖެހެ އެވެ. ޕާޓީގެ 300 މެންބަރުންނާއި އެކު ބާއްވަންޖެހޭ މިޖަލްސާގައި ޕާޓީގެ އަސާސީ ގަވައިދާ ލޯގޯ އަދި އެހެން ބައެއް ކަންކަން ފާސްކުރަންޖެހެ އެވެ. މިޖަލްސާ ބޭއްވުމުގެ ތިން ދުވަސް ކުރިން ޖަލްސާ ބާއްވާ ތަނަކާއި ގަޑިއެއް އިލެކްޝަންސް ކޮމިޝަނަށް އެންގުމާއި އެކު މިޖަލްސާ އަށް މީޑިއާ ތަކަށް ދައުވަތު ދިނުމަށްވެސް ގާނޫނުގައި ލާޒިމުކުރެ އެވެ.

އެމްއެންޕީ އުފެއްދުމުގައި އިސްކޮށް ތިއްބެވީ ރައްޔިތުންގެ މަޖިލީހުގެ ތިން މެންބަރުން ކަމަށްވާ ދަނގެތި ދާއިރާގެ މެންބަރު މުހައްމަދު ނާޒިމާއި، ތިމަރަފުށީ ދާއިރާގެ މެންބަރު އަބްދުﷲ ރިޔާޒްގެ އިތުރުން ވިލިމާލެ ދާއިރާގެ މެންބަރު އަހުމަދު އުޝާމް އެވެ.

އެމްއެންޕީން ވަނީ މިއަހަރުގެ ނިޔަލަށް ޕާޓީ އަށް 10،000 މެންބަރުން ހަމަކުރަން އަމާޒެއްް ކަނޑައަޅާފަ އެވެ. އަދި ކުރިއަށް އޮތް ރިޔާސީ އިންތިހާބުގައި ވާދަކުރުމަށްޓަކައި އެމްއެންޕީން ރިޔާސީ ކެންޑިޑޭޓެއް ނެރޭނެ ކަމަށްވެސް އެ ޕާޓީން ވަނީ ބުނެފަ އެވެ.