ރައީސް މުހައްމަދު ނަޝީދު

ނޫސްވެރިކަމުގެ މިނިވަންކަމަށް އިސްކަންދޭން ޖެހޭ: ނަޝީދު

ނޫސްވެރިކަމުގެ މިނިވަންކަމަކީ ރާއްޖޭގައި އެންމެ ބޮޑަށް އިސްކަންދޭން ޖެހޭ ކަމެއް ކަަމަށް މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވެއްޖެ އެވެ.

ރައީސް ނަޝީދު މިހެން ވިދާޅުވީ ސަރުކާރުން ސްޕޮންސާ ކޮށްގެން ރައްޔިތުންގެ މަޖިލީހަށް ހުށަހެޅި ހެއްކާ ބެހޭ ބިލުގައި ނޫސްވެރިން ލިޔާ ހަބަރުތަކުގެ މަސްދަރު ބައެއް ހާލަތްތަކުގައި ހާމަކުރަންޖެހޭ ކަމަށް އޮތް މާއްދާއާ ގުޅޭ ގޮތުން އެމަނިކުފާނު މިއަދު ކުރެއްވި ޓުވީޓެއްގަ އެވެ.

ހެއްކާ ބެހޭ ބިލުގެ 136 ވަނަ މާއްދާގައިވާ ގޮތުން ބައެއް ހާލަތްތަކުގައި ކޯޓުން ކަނޑައަޅައިފިނަަމަ ނޫސްވެރިން އާންމުކުރާ ހަބަރުތަކުގެ މަސްދަރު ހާމަކުރަން ޖެހޭނެ ކަމަށް ބުނެފައިވެ އެވެ. އެ މާއްދާގެ (ހ) ގައި ނޫސްވެރިންނަށް ލިބޭ މަސްދަރު ހިމާޔަތްކުރުމުގެ ހައްގު ކަށަވަރުކޮށްދިން ނަމަވެސް އެ މާއްދާގެ (ށ) ގައި ނޫސްވެރިންނަށް މަސްދަރު ހާމަކުރަން މަޖުބޫރުކުރެވިދާނެ ދެ ހާލަތެއް ބަޔާންކޮށްފައިވެ އެވެ.

ބިލު މިހާރު އޮތްގޮތުން އެ ދެ ހާލަތުގައި ކޯޓަށް ފެނިއްޖެ ނަމަ ނޫސްވެރިއެއް ބޭނުންކުރި މަސްދަރު ހާމަކުރަން މަޖުބޫރުކުރެވޭނެ އެވެ. އެހެންވެ އެ މާއްދާ އުނިކުރުމަށް ރާއްޖެ އާއި އަދި ބޭރުގެ ބައެއް ޖަމިއްޔާތަކުން ވެސް ވަނީ ގޮވާލާފަ އެވެ.

ކަންބޮޑުވުންތަކަށް އިޝާރާތްކުރައްވައި ރައީސް ނަޝީދު ވިދާޅުވީ ހެއްކާ ބެހޭ ބިލުގައި މަސްދަރު ހާމަކުރަން ޖެހޭ ގޮތަށް ހިމެނީ އޮސްޓްރޭލިއާގައި އަމަލުކުރާ އުސޫލަށް ރިއާޔަތްކޮށްފައި ކަމަށެވެ. ނަމަަވެސް އެ މާއްދާ އިސްލާހު ކުރެވިދާނެ ކަމަށް ބަންޑާރަ ނައިބު އިބްރާހިމް ރިފްއަތު ދެކެވަޑައިގަންނަވާ ކަމަށެވެ.

" ނޫސްވެރިކަމުގެ މިނިވަންކަމަކީ ރާއްޖޭގައި އެންމެ ބޮޑަށް އިސްކަންދޭން ޖެހޭ ކަމެއް." ރައީސް ނަޝީދު ވިދާޅުވި އެވެ.

މަސްދަރުގެ މައްސަލައިގައި ޖަމިއްޔާތަކުން ކަންބޮޑުވުން ފާޅުކޮށް ނެރުނު ބަޔާނުގައި ބުނީ ސަރުކާރުން ހުށަހެޅި ގޮތަށް ހެއްކާ ބިލު ފާސްވެ ގާނޫނަކަށް ވެއްޖެނަމަ، އެކަމުގެ ސަބަބުން ނޫސްވެރިން ބޭނުންކުރާ މަސްދަރުތައް ގެއްލި، ކޯޓުގައި މަސްދަރު ހާމަކޮށްފާނެ ކަމުގެ ބިރަށް މަސްދަރުތަކުގެ ފަރާތުން މައުލޫމާތު ނުދިނުން ފަދަ މައްސަލަތައް ދިމާވެދާނެ ކަމަށެވެ.

ހެއްކާ ބެހޭ ބިލުގައި ނޫސްވެރިން ލިޔާ ހަބަރުތަކުގެ މަސްދަރު، ބައެއް ހާލަތްތަކުގައި ހާމަކުރަން ޖެހޭ ގޮތަށް އޮތުމުން މީޑިއާ ކައުންސިލާއި ބްރޯޑްކާސްޓިން ކޮމިޝަނުން ވެސް ވަނީ ކަންބޮޑުވުން ފާޅުކޮށްފަ އެވެ. އެ ދެ އިދާރާ އިން ވަނީ އެ މާއްދާ އުނިކުރަންވެސް ގޮވާލާފަ އެވެ. މީގެ އިތުރުން މަޖިލީސް މެންބަރުންނާއި ގާނޫނީ ދާއިރާގެ ބޭފުޅުން އަދި ސިޔާސީ ޕާޓީތަކުންވެސް ދަނީ ކަންބޮޑުވުން ފާޅުކުރަމުންނެވެ.