ބޮލީވުޑް

އަމީތާބު ދަރަނިވެރިވެގެން ޔާޝް ޗޯޕްޅާގެ އެހީއަށް އެދުނު

ހިންދީ ފިލްމު އިންޑަސްޓްރީ ބަދަލުކޮށްލި އެއް ޝަހްސިއްޔަތަކީ މިހާރު މި ދުނިޔެ ދޫކޮށްފައިވާ ޕްރޮޑިއުސަރު ޑައިރެކްޓަރު ޔާޝް ޗޯޕްޅާ އެވެ. ރޮމެންޓިކް ފިލްމުތައް އުފެދުމުގައި އަދިވެސް ޔާޝް އަށް ގޮންޖަހާލެވޭ ވަރުގެ ޑައިރެކްޓަރަކު ނެތްކަމަށް ގިނަ ބަޔަކު ގަބޫލު ކުރެ އެވެ.

އަމީތާބު ބައްޗަންގެ ކެރިއަރު އެންމެ އަޑި އަޅާލައި އޭނާ ދަރަނިވެރިވީ ދުވަހަވެސް އެހީތެރިވެދީ އޭނާގެ ކެރިއަރު އަލުން ހަމަޔަކަށް އަޅުވާލަން އެހީތެރިވީ ޔާޝް ޗޯޕްޅާ އެވެ.

އަމީތާބު ދަރަނިވެރިވީ އޭނާ 1990 އިގެ އަހަރުތަކުގައި އުފެއްދި އޭބީސީއެލް ކުންފުނި އިނދަޖެހި ބޮޑު ދަރަންޏެއް ބޮލުގައި އަޅަން ޖެހުމުންނެވެ. އެ ވަގުތު އެހީއަށް އެދި އަމީތާބު ޔާޝް ޗޯޕްޅާ ކައިރިއަށް ދިޔައީ އެވެ.

ޔާޝްގެ ކިބައިން އަމީތާބު އެދުނީ އޭނާއަށް މަސައްކަތް ދިނުމަށެވެ. މި ވާހަކަތައް ކިޔައި ދިނީ އަމީތާބެވެ.

"އިންޑިއާ ޓުޑޭ" އިވެންޓެއްގައި 2016 ގައި އަމީތާބު އޯޑިއަންސާ މުޚާތަބުކޮށް ދެއްކި ވާހަކައިގައި އޭނާ އުފެއްދި ކުންފުނި އިނދަ ޖެހުނުއިރު އޭނާއަށް ބޮޑު ދަރަންޏެއް ބޮލުގައި އަޅަން ޖެހުނުކަމަށެވެ.

"އަހަރެން އިށީނދެ އިނދެ އޭރު ވަރަށް ވިސްނިން. ދެން ހިތަށް އެރި އަހަންނަކީ އެކްޓަރެކޭ. އަލުން އަނބުރާ އެކްޓިން އަށް ދާންވިއްޔޭ. އެހެންވެ ޔާޝް ޗޯޕްޅާ ކައިރިއަށް ގޮސް ބުނިން އަހަރެން މި ވަގުތު މިހިރީ މަސައްކަތެއް ނެތިފައޭ، މަސައްކަތެއް ދޭށޭ،" އަމީތާބު ބުނެފައި ވެއެވެ.

އެ ދުވަސްވަރު އަމީތާބުގެ ދަރިފުޅު އަބީޝެކް ބައްޗަން ހުރީ ބޮސްޓޮންގައި ކިޔަވާށެވެ. ބައްޕަ ދަރަނިވެރިވުމުން އަބީޝެކަށް ވެސް ކިޔެވުން ދޫކޮށްލާފައި އަނބުރާ އިންޑިޔާއަށް ދާން ޖެހުނެވެ.

އަމީތާބު އެހީއަށް އެދުމުން އޭނާއަށް އެހީތެރިވުމުގެ ގޮތުން ޔާޝް ޗޯޕްޅާ ދިން ފުރަތަމަ ފިލްމަކީ "މުހައްބަތޭން" އެވެ. އެ ފިލްމު ޑައިރެކްޓްކުރީ ޔާޝްގެ ދަރިފުޅު އަދިތުޔާ ޗޯޕްޅާ އެވެ.

އޭގެ ފަހުން ޓީވީ ކުއިޒް ޝޯ "ކޯން ބަނޭގާ ކްރޯޅްޕަތީ" ހޯސްޓް ކޮށްދޭން އަމީތާބު އެއްބަސްވެ އެ މަސައްކަތް ފެށުމުން އޭނާގެ ނަސީބު އަނެއްކާވެސް އަތުގައި ހިފީ އެވެ. އޭގެ ފަހުން އަމީތާބަށް ފަސް އެނބުރި ބަލާލާކަށް ނުޖެހުނެވެ.

ޔާޝް ޗޯޕްޅާ ޑައިރެކްޓްކުރި ރީތި، ލޯބީގެ ފިލްމުތަކުގެ ތެރޭގައި "ޗާންދްނީ"، "ލަމްހޭ"، "ދިލް ތޯ ޕާގަލް ހޭ"، "ވީރް-ޒާރާ" ހިމެނެ އެވެ. އޭނާ މަރުވީ "ޖަބް ތަކް ހެ ޖާން" އުފެއްދުމުގެ މަސައްކަތް ކުރަނިކޮށެވެ.