މައިގްރޭން އެޓޭކެއް ކުއްލިއަކަށް އަތުވެދާނެ ވަރަށް ގިނަ ހާލަތްތައް ހުރެ އެވެ. ވަކި ބާވަތެއްގެ އެއްޗެއް ކެވިގެން ނުވަތަ ހަށިގަނޑަށް ކުރިމަތިވާ ތަފާތު ހާލަތްތަކުގައި ވެސް މައިގްރޭން އެޓޭކެއް އަތުވެދާނެ އެވެ. މިފަދަ އެޓޭކެއް އައުމުން ބައެއް މީހުން ބޯ އަނބުރާ ހޮޑުލަވާ ގޮތް ވެއެވެ. އަދި އަލި ތަންތަނަށް ބަލަން އުނދަގޫވެ އެވެ.
ވަކި ބާވަތްތަކުގެ ކާނާ ކެއުމުން މައިގްރޭން އެޓޭކް އަންނަކަން އެ އުނދަގޫތައް ގިނަ ދުވަސްތަކެއް ވަންދެން ތަހައްމަލު ކުރަމުންދާ މީހުންނަށް ވަރަށް ރަނގަޅަށް އެނގޭނެ އެވެ.
އިންޑިޔާގެ ހައިދަރުއާބާދުގެ ސަންޝައިން ހޮސްޕިޓަލުގެ ސީނިއާ ނިއުރޮލޮޖިސްޓަކު އިންޑިޔާގެ ނޫހަކަށް ކިޔައިދިން ގޮތުގައި މައިގްރެއިން އަކީ ނިއުރޮލޮޖިކަލް މައްސަލަ އެކެވެ. މައިގްރެއިން އެޓޭކެއް އައުމުން ބޮލުގައި ގަދަޔަށް ރިއްސާ ނިއުރޮލޮޖިކަލް މައްސަލަތައް ހުރުމުން ފެންނަ ނިޝާންތައް ފެންނާނެ އެވެ.
ޑޮކްޓަރު ވިދާޅުވި ގޮތުގައި މައިގްރޭން އެޓޭކެއް އައިސް ބޮލުގައި ރިއްސަން ފެށުމުގެ ދެ ދުވަހެއް ކުރިން އޭގެ ނިޝާންތައް ފެންނަން ފަށަ އެވެ. މި ނިޝާންތަކުގެ ތެރޭގައި މާ ގިނައިން ކާ ހިތްވުމާއި، ވަރުބަލިވުން، ހަކަތަ މަދުވުން، ޑިޕްރެޝަން، ހައިޕައެކްޓިވިޓީ އަދި އަވަހަށް ރުޅި އައުމާއި ކަރަށް ނާރު އެރުން ނުވަތަ ކަރަށް ވާން ވެފައި ހުރުން ހިމެނެ އެވެ. މައިގްރޭން އެޓޭކް އައުމުން ބޮލުގައި ވިންދު ޖަހާ ގޮތަށް ގަދަ ރިހުމެއް ހުރެ އެވެ.
މިގޮތަށް މައިގްރޭން އެޓޭކް އަންނަނަމަ ވަކި ކަހަލަ ކާ އެއްޗެތި ކެއުމާ ދުރުވުމުން މިކަމަށް ކޮންމެވެސް ވަރެއްގެ ހައްލެއް އަންނާނެ ކަމަށް ޑޮކްޓަރު ވިދާޅުވި އެވެ.
މައިގްރޭން ހުންނަ މީހުން ކެއުމުން ދުރުވާން ޖެހޭ ބާވަތްތަކުގެ ތެރެއިން އެކައްޗެއް ކަމަށް ޑޮކްޓަރު ފާހަގަ ކުރެއްވީ ޗޮކްލެޓެވެ. މައިގްރޭން އެޓޭކެއް އެންމެ ފަސޭހައިން އަންނަ އެކައްޗަކީ ޗޮކްލެޓް ކަމަށް ވާތީ އެވެ. އެމެރިކަން މައިގްރެއިން ފައުންޑޭޝަނުން ބުނާ ގޮތުގައި މައިގްރޭން ހުންނަ މީހުންގެ ތެރެއިން 22 ޕަސެންޓް މީހުންނަށް ޗޮކްލެޓް ކެއުމުން އެޓޭކް އާދެ އެވެ.
ދެ ވަނަ އެއްޗަކީ ކެފެއިންގެ ބާވަތްތަކެވެ. ކެފެއިންގެ މަދު މިންވަރަކުން އެޓޭކެއް ނާދަ އެވެ. ނަމަވެސް މާގިނައިން ކެފެއިން އެކުލެވޭ އެއްޗެތި ބޭނުން ކުރުމުން މައިގްރެއިން އެޓޭކް އަންނާނެ އެވެ. ކެފެއިން އެކުލެވޭ ތަކެތީގެ ތެރޭގައި ޗޮކްލެޓް، ކޮފީ އަދި ސައި ހިމެނެ އެވެ. ނަމަވެސް މީގެ މަދު މިންވަރަކުން އެއްވެސް ގެއްލުމެއް ނެތެވެ.
ޗީޒަކީ ވެސް މައިގްރޭން އެޓޭކެއް އަތުވެދާނެ ކާނާ އެކެވެ. އަދި ބަނގުރަލަކީ ވެސް މައިގްރޭން އެޓޭކް އަންނަ އެއްޗެއް ކަމަށް ދިރާސާއެއްގައި ބައިވެރިކުރި މީހުންގެ 35 ޕަސެންޓް މީހުން ބުނެފައި ވެއެވެ.
އެސްޕާޓޭމް (އާޓިފިޝަލް ޝުގާ) އަކީ ވެސް މައިގްރެއިން ހުންނަ މީހުން ބޭނުން ކުރުން ރަނގަޅު އެއްޗެއް ނޫނެވެ. ޕްރޮސެސް ކޮށްފައި ހުންނަ ވަރަށް ގިނަ ކާއެއްޗިއްސަކީ އާޓިފިޝިލް ސްވީޓްނާ އަދި އެސްޕާޓޭމް އަޅައިގެން ތައްޔާރުކުރާ އެއްޗިއްސެވެ. މިފަދަ އެއްޗެތި ކައިފިނަމަ މައިގްރޭނެއް އެޓޭކެއް އައުން ވަރަށް އެކަށީގެން ވެއެވެ.
މޮނޯސޯޑިއަމް ގުލޫޓަމޭޓް (އެމްއެސްޖީ) އަޅައިގެން ތައްޔާރު ކޮށްފައިވާ ކާނާ ކެއުމުން ވެސް މައިގްރޭން އެޓޭކް އާދެ އެވެ. މިއީ ބައެއް ކާނާގައި ބޭނުންކުރާ ސޯޑިއަމް ސޯލްޓެކެވެ. އެމެރިކަން މައިގްރޭން ފައިންޑޭޝަނުން ބުނާ ގޮތުގައި އެމްއެސްޖީ އަކީ ވަރަށް ގަދަޔަށް މައިގްރޭން އެޓޭކެއް އަތުވެދާނެ ބާވަތެކެވެ.
ސޮސޭޖް، ހޮޓް ޑޯގްސް، ހެމް، ޑެލި މީޓްސް ކަހަލަ ޕްރޮސެސްޑް މީޓް އެކުލެވޭ ތަކެތި ވެސް މައިގްރޭން ހުންނަ މީހުން ކެއުން ރަނގަޅެއް ނޫނެވެ. ގިނަ ދުވަސްވެފައި ހުންނަ ޗީޒް ނުވަތަ ޓައިރަމިން އިން ވެސް މައިގްރޭން ޓްރިގާ ވެއެވެ. ސޯޔާ ސޯސް އާއި ދުވަސްވެފައި ހުންނަ ޗީޒް އަދި މާ ގިނަ ދުވަސްވެފައި ހުންނަ ބައެއް ކާނާގައި ޓައިރަމިން ހުރެ އެވެ.