ރައްޔިތުންގެ މަޖިލިސް

ޕެޓިޝަން ކޮމެޓީން ރައީސް އަރިހަށް ދަނީ

ހިޔާ ފްލެޓްތަކުގެ ކުލި ކުޑަ ކުރުމަށް އެދި ހުށަހަޅާފައިވާ ޕެޓިޝަނާއި ގުޅިގެން ރައީސް އިބްރާހީމް މުހައްމަދު ސޯލިހާއި އަންނަ ހަފުތާގައި ބައްދަލު ކުރާނެ ކަމަށް ޕެޓިޝަން ކޮމިޓީން ބުނެފި އެވެ.

ޕެޓިޝަން ކޮމިޓީން މިއަދު ބޭއްވި ބައްދަލުވުމަށް ފަހު ކޮމިޓީގެ މުގައްރިރު ވިދާޅުވީ ހިޔާ ފްލެޓްގެ ވެރިން ހުށަހަޅާފައިވާ ކަންބޮޑުވުންތަކާއި ގުޅޭގޮތުން ކަމާގުޅޭ އިދާރާތައް ހާޒިކޮށް ސުވާލު ކޮށްފައިވާނެ ކަމަށެވެ. ނަމަވެސް ގިނަ މުވައްސަސާތަކެއް އެއްފަހަރާ ގެނައުމުން ކޮމިޓީން ބޭނުންވި ހުރިހާ މައުލޫމާތެއް ނުލިބުނު ކަމަށް މެމްބަރުން ފާހަގަ ކޮށްފައިވާ ކަމަށެވެ. އެހެންވެ އިދާރާތައް ވަކިވަކީން ހާޒިރު ކުރުމަށް ނިންމާފައިވާ ކަމަށެވެ.

ހިޔާ ފްލެޓްތަކާއި ގުޅޭ އިދާރާތައް ވަކިވަކީން ހާޒިރު ކުރުމުގެ ކުރިން ރައީސް ސޯލިހާއި ބައްދަލު ކުރުން މުހިންމު ކަމަށް މެމްބަރުން ފާހަގަ ކުރެއްވި ކަމަށާއި އެހެންކަމުން އެކަމަށް އެދި ޕެޓިޝަން ކޮމިޓީން ސިޓީއެއް ފޮނުވާފައިވާ ކަމަށާއި ރައީސް ވަނީ ބައްދަލުކުރެއްވުމަށް އެއްބަސްވެވަޑައިގެންފައި ކަމަށް ވެސް ވިދާޅުވި އެވެ.

ހިޔާ ފްލެޓް ޕެޓިޝަންގައި އެދިފައިވަނީ ފްލެޓްތަކުގެ މަހު ކުލި 5،600ރ. އަށް ކުޑަކޮށްދިނުމަށާއި އިންޓީރިއަ އާއި ފިނިޝިން އަށް ހޭދަވާ ގްރޭސް ޕީރިއަޑް 12 މަހަށް އިތުރުކޮށް، ޖުމުލަ އަގުން އިންޓީރިއާ އަށް ހޭދަވާ އެއް ލައްކަ ރުފިޔާ މާފުކޮށްދިނުމަށެވެ.

ހިޔާ ފްލެޓްގެ ކުއްޔަށް މަހަކު 7،500ރ. އަދި މެއިންޓަނަންސް ފީގެ ގޮތުގައި 1،000 ރުފިޔާ ނަގަން ސަރުކާރުން ވަނީ ކަނޑައަޅައިފަ އެވެ. ފްލެޓް އެޅުމަށް ނެގި ލޯނު އަނބުރާ ދައްކަން ޖެހޭތީ ކުލި ކުޑަކުރެވެން ނެތް ކަމަށް ސަރުކާރުން ގެންދަނީ ތަކުރާރުކޮށް ބުނަމުންނެވެ. އެކަމަކު ފްލެޓްގެ އެތެރޭގެ މަސައްކަތް ފްލެޓް ލިބޭ މީހުން އަމިއްލަ ހަރަދުގައި ކުރަން ޖެހޭއިރު އެކަމަށް ލައްކައެއްހާ ރުފިޔާ ހަރަދުވާނެ ކަމަށް ފްލެޓް ލިބުނު މީހުން ބުނެ އެވެ.