ބޮލީވުޑް

ބޮޑު ފީއަކާއެކު ރިއާ ޗަކްރަބަތީ "ބިގް ބޮސް 15" އަށް

ބޮލީވުޑް ބަތަލާ ރިއާ ޗަކްރަބަތީ އަކީ ކުރިން މީހުން އެހާ ދަންނަ އެކްޓަރެއް ނޫނެވެ. ނަމަވެސް އެކްޓަރު ސުޝާންތު ސިންގް ރާޖްޕޫތު މަރުވިއިރު އޭނާ ރައްޓެހި ވެގެން އުޅުނީ ރިއާ އާ ކަމަށް ވެފައި ސުޝާންތުގެ މަރުގެ މައްސަލައިގައި ރިއާއަށް ކުރެވުނު ބޮޑެތި ތުހުމަތުތަކަކާއެކު ރިއާއަކީ މާ މަޝްހޫރު މީހަކަށްވީ އެވެ.

ހަބަރުތައް ބުނާ ގޮތުގައި ސަލްމާން ޚާން ހޯސްޓް ކުރާ ކަލާޒް ޗެނަލްގެ ރިއަލިޓީ ޝޯ "ބިގް ބޮސް 15" ގައި ރިއާ ބައިވެރި ކުރަން ޝޯ އުފައްދާ ފަރާތުން ދަނީ މަސައްކަތް ކުރަމުންނެވެ. އަދި ރިއާ ޝޯގައި ބައިވެރިވާ މަތިން ވަރަށް ބޮޑު ފީއެއް އޭނާއަށް ހުށަހަޅާފައިވާ ކަމަށް ވެއެވެ.

ރިއާ "ބިގް ބޮސް 15" ގައި ބައިވެރިވާ ކަމުގެ އަޑު ގަދަވީ މި ސީޒަންގައި ބިގް ބޮސްގެ ގެއަށް ވަންނާނެކަން މިހާރު ޔަގީން ކުރެވިފައިވާ ތޭޖާސްވީ ޕްރަކާޝް އާއި ދަލްޖީތު ކޯރުއާއެކު ރިއާ ވެސް ބިގް ބޮސްގެ ގެ ހުންނަ ސްޓޫޑިއޯ އަށް ވަންނަނިކޮށް ފެނިގެނެވެ.

އަންނަ ހޮނިހިރު ދުވަހު ފަށަން ހަމަޖެހިފައިވާ މި އާ ސިޒަންގައި ރިއާ ބައިވެރި ވަނީ ހައުސްމޭޓެއްގެ ގޮތުގައި ކަމެއް ނުވަތަ ޝޯ ލޯންޗު ކުރާ ރޭގައި އޭނާގެ ޚާއްސަ ޕާފޯމަންސެއް އޮތީ ކަމެއް އަދި ޔަގީނެއް ނޫނެވެ.

ބޮލީވުޑް ޚަބަރުތައް ގެނެސްދޭ ބައެއް ނޫސްތަކުން ބުނެފައިވާ ގޮތުގައި "ޗެހެރޭ" ގެ ބަތަލާއަށް "ބިގް ބޮސް" ގައި ބައިވެރިވާނަމަ ކޮންމެ ހަފުތާއަކަށް 35 ލައްކަ ރުޕީސް ޝޯ އިންތިޒާމްކުރާ ފަރާތުން މިހާރު ވަނީ ހުށަހަޅާފަ އެވެ. ނަމަވެސް މި ޚަބަރުތައް އަދި އެއްވެސް ފަރާތަކުން ޔަގީންކޮށެއް ނުދެ އެވެ.

"ބިގް ބޮސް" ގެ އެންމެ ފަހުން ދެއްކި ސީޒަންގެ އެއްވަނައަށް ދިޔައީ ދާދިފަހުން މަރުވެފައިވާ ޓީވީ އަދި ފިލްމު އެކްޓަރު ސިދާރްތު ޝުކްލާ އެވެ. ސިދާރްތު އަށް އޭނާ ބިގް ބޮސްގެ ގޭގައި ހުރި އެންމެ ފަހު ދެ ހަފުތާގައި ހަފުތާއަކަށް 35-40 ލައްކަ ރުޕީސް ދީފައި ވެއެވެ.