ބޯޓުދަތުރުކުރާ މީހުންގެ ހައްގުތައް ރައްކާތެރިކޮށްދިނުމަށްޓަކައި ރައްޔިތުންގެ މަޖިލީހަށް ހުށަހެޅުމަށް ބިލެއް ޑްރާފްޓް ކުރުމުގެ މަސައްކަތް ފަށައިފި އެވެ.
ސަރުކާރުގެ ފަރާތުން ޓްރާންސްޕޯޓް މިނިސްޓަރު އައިޝަތު ނަހްލާ މިކަން ހާމަކުރެއްވީ މިއަދު ފާހަގަކުރާ ދުނިޔޭގެ ކަނޑުދަތުރުފަތުރުގެ ދުވަހާ ގުޅިގެން އާންމުކުރެއްވި ހިތޯބެއްގަ އެވެ.
ނަހްލާ ވިދާޅުވީ ބިލް ޑްރާފްޓް ކުރުމުގެ މަސައްކަތް ކުރަމުން ދަނީ "ސީފެއަރާސް ރައިޓްސް އިންޓަނޭޝަންލް"(އެސްއާރްއައި)އާ ގުޅިގެން ކަމަށެވެ.
އިންޓަނޭޝަނަލް މެރިޓައިމް އޮގަނައިޒޭޝަނަށް ރާއްޖެއިން ފުރަތަމަ ފަހަރަށް މަންދޫބެއް ކަނޑައެޅީ ވެސް މިއަހަރު އެވެ. މިކަމާ ގުޅިގެން މިނިސްޓަރު ނަހްލާ ވިދާޅުވީ އެެއީ ދާއިރާގެ މުހިއްމުކަމާއި ކަނޑުދަތުރުފަތުރުގެ ދާއިރާއަށް ރާއްޖެއިން ދެމުންދާ ސަމާލު ކަމެއްގެ ސަބަބުން ކުރި ކަމެއް ކަމަށެވެ.
ދުނިޔޭގެ ކަނޑުދަތުރުފަތުރުގެ ދުވަހުގެ ޝިއާރު ކަމަށް "ސީފެއަރާސް: އެޓް ދަ ކޯ އޮފް ޝިޕިން ފިއުޗާ"އާ އެއްގޮތަށް ކަނޑު ދަތުރުފަތުރުގެ ދާއިރާ ތަރައްގީކުރުމަށް ސަރުކާރުން މުހިއްމު މަސައްކަތްތަކެއް ފަށާފައިވާ ކަމަށްވެސް ވިދާޅުވި އެވެ. ބިލްގެ މަސައްކަތަކީ ވެސް އެކަމުގެ ތެރޭގައި ހިމެނޭ ކަމެއް ކަމަށާއި ބިލް ގާނޫނަކަށް ވުމުން ހައްގުތައް ރައްކާތެރިކުރެވި ދާއިރާގެ މަސައްކަތްތައް އިތުރަށް ހަރުދަނާ ކުރުމަށް ބާރަކަށް ވާނެ ކަމަށްވެސް ވިދާޅުވި އެވެ.
ނަހްލާ ވިދާޅުވީ ސީފެއަރާސްގެ ދާއިރާ އަށް ބޭނުންވާ މީހުން އުފެއްދުމަކީ މުހިއްމު ކަމެއް ކަމަށެވެ. އެ މަގުސަދު ހާސިލް ކުރުމަށްޓަކައި ގައުމީ ޔުނިވަސިޓީއާ އެކު ސޮއިކޮށްފައިވާ އެމްއޯޔޫގެ ދަށުން ޑެކް އޮފިސަރުންނާއި، އިންޖީން އޮފިސަރުން ތަމްރީން ކުރާނެ ކަމަށެވެ.
ރާއްޖެއިން ބޭރަށް ދަތުރުކުރާ އުޅަނދުތައް 24 ގަޑިއިރު ޓްރެކް ކުރުމަށްޓަކައި ލޯންގް ރޭންޖް އައިޑެންޓިފިކޭޝަން އެންޑް ޓްރެކިން (އެލްއާރްއައިޓީ) އެއްބަސްވުމެއްގައި މިއަދު ރާއްޖެ އިން ވަނީ ސޮއިކޮށްފަ އެވެ.
މި އެއްބަސްވުމުގެ ދަށުން ގާއިމުކުރާ ޕޯޓަލް މެދުވެރިކޮށް އުޅަނދުތައް ދުއްވަމުންދާ ސަރަހައްދުތަކާއި ބނދަރުކުރާ ސަރަހައްދުތައް ދެނެގަނެވޭނެ އެވެ.
މިނިސްޓަރު ނަހްލާ އިތުރަށް ވިދާޅުވީ ކަނޑުދަތުރުފަތުރުގެ ދާއިރާގައި މަސައްކަތްކުރާ ފަރާތްތަކަށް ދިމާވާ ދަތިތައް މަޝްވަރާކޮށްގެން ހައްލުކުރާނެ ކަމަށެވެ.