އެޓާނީ ޖެނެރަލް

ޔާމީންގެ ޖޫރިމަނާ މައްސަލަ ސިވިލް ކޯޓުގައި ފަށަނީ

ކުރީގެ ރައީސް އަދި އިދިކޮޅު ލީޑަރު އަބްދުﷲ ޔާމީން: ޖޫރިމަނާ ނުދައްކާ މައްސަލަ ސިވިލް ކޯޓުގައި ފެށުމަށް ވަނީ ތާވަލްކޮށްފައި
0%
100%
0%

ރައީސް އަބްދުﷲ ޔާމީންގެ މައްޗަށް ކުށް ސާބިތުވެފައިވާ މަނީ ލޯންޑަރިންގެ ދައުވާ އާއި ގުޅިގެން އެމަނިކުފާނު ދައްކަވަން ޖެހިވަޑައިގަންނަވާ ފަސް މިލިއަން އެމެރިކާ ޑޮލަރުގެ ޖޫރިމަނާ ފައިސާ ހޯދަން ދައުލަތުން ސިވިލް ކޯޓަށް ހުށަހެޅި މައްސަލައިގެ އަޑުއެހުންތައް އަންނަ މަހު ފަށަން ތާވަލުކޮށްފި އެވެ.

ދައުލަތުގެ ފަރާތުން ހުކުމް ތަންފީޒު ކުރުމުގެ މައްސަލައެއްގެ ގޮތުގައި ސިވިލް ކޯޓަށް އެ މައްސަލަ ހުށަހަޅާފައި މިދިޔަ މަހުގެ 24 ވަނަ ދުވަހު އެވެ. މައްސަލައިގެ ފުރަތަމަ އަޑުއެހުން އޮތީ އަންނަ މަހުގެ ހަވަނަ ދުވަހުގެ ހެނދުނު 11:20 ގައެވެ.

ރައީސް ޔާމީންގެ މައްޗަށް މަނީ ލޯންޑަރިންގެ ކުށް ސާބިތުވެ އެމަނިކުފާނު ފަސް އަހަރަށް ޖަލަށްލުމަށާއި ފަސް މިލިއަން އެމެރިކާ ޑޮލަރުން ޖޫރިމަނާ ކުރުމަށް ސިިވިލް ކޯޓުން ހުކުމް ކުރީ ނޮވެމްބަރު 28، 2019 ގައެވެ. ޖޫރިމަނާ ފައިސާ ދައްކަން ޖެހެނީ ދައުލަތުގެ ޓެކްސް އިދާރާ، މީރާ އަށެވެ.

ރައީސް ޔާމީންގެ ފަރާތްޕުޅުން ހައިކޯޓުގައި އެ މައްސަލަ އިސްތިއުނާފް ކުރުމުން ހައިކޯޓުން ވަނީ ދަށު ކޯޓުގެ ހުކުމަށް ތާއީދު ކޮށްފަ އެވެ.

ބަންޑާރަނައިބު އޮފީހުން ބުނެފައިވަނީ ރައީސް ޔާމީން ދައުލަތަށް ދައްކަވަންޖެހި ވަޑައިގަންނަވާ ޖޫރިމަނާ ފައިސާ ހޯދަން ކޯޓަށް މައްސަލަ ހުށަހެޅީ ޓެކްސް ނެގުމާ ބެހޭ އިދާރީ ގާނޫނުގެ 50 ވަނަ މާއްދާގެ (ބ)ގެ ދަށުން ކަމަށެވެ.

އެ މާއްދާގައި ބުނެފައިވަނީ އެހެން ގާނޫނެއްގައި އެހެން ގޮތަކަށް ބަޔާން ކޮށްފައިވީ ނަމަވެސް، އެ މާއްދާގައި ބަޔާން ކުރާ ޓެކްސް ފިޔަވައި އެހެނިހެން ފައިސާގެ ތެރެއިން ދައުލަތަށް ލިބެންޖެހި ނުލިބިވާ ފައިސާއެއް، އެ ފައިސާއެއް ދައްކަވަން ޖެހޭ މުއްދަތުގައި ދައްކާފައި ނުވާނަމަ، އެ ފައިސާ ޝަރީއަތް މެދުވެރިކޮށް ހޯދުމުގެ އިހްތިޔާރު ބަންޑާރަނައިބަށް ލިބިގެންވާ ކަމަށެވެ.

ދައުލަތުން ކޯޓުގައި އެދިފައިވަނީ ޖޫރިމަނާގެ ގޮތުގައި ދެއްކުމަށް އަމުރުކޮށްފައިވާ ފަސް މިލިއަން އެމެރިކާ ޑޮލަރު އެއް ފަހަރާ ދެއްކުމަށް އަމުރުކޮށްދިނުމަށެވެ.

ބަންޑާރަނައިބު އޮފީހުން ކުރިން ބުނެފައިވަނީ ޖޫރިމަނާ ފައިސާ 30 ދުވަހުގެ ތެރޭގައި ދެއްކުމަށް އަންގައި މިދިޔަ ޖޫން މަހުގެ 26 ވަނަ ދުވަހު ރައީސް ޔާމީނަށް ފޮނުވި ނޯޓިހާ ހަވާލުވެވަޑައިގެންނެވި ނަަމަވެސް ދީފައިވާ މުއްދަތުގައި ފައިސާ ދައްކަވާފައި ނުވާ ކަމަށެވެ.

ރައީސް ޔާމީން ފަސް އަހަރަށް ޖަލަށްލުމަށް ހުކުމްކުރުމުން ޖަލުގައި ދުވަސް ތަކަކު ބެހެއްޓުމަށްފަހު މިދިޔަ ރޯދަ މަހުގެ ތެރޭގައި އެމަނިކުފާނު ގެއަށް ބަދަލުކުރި ގޮތަށް މިވަގުތު ވެސް އެމަނިކުފާނު ހުންނެވީ ގޭބަންދުގަ އެވެ.

ދަށު ކޯޓުން ކޮށްފައިވާ ހުކުމްގެ އިސްތިއުނާފީ މައްސަލަ މިހާރު ސުޕްރީމް ކޯޓުގައި ހިނގަމުން އަންނައިރު އެމަނިކުފާނުގެ ފަރާތްޕުޅުން ވަނީ ދެ ހުށަހެޅުމެއް ހުށަހަޅުއްވާފަ އެވެ. އެއީ ކަފާލާތުގެ ދަށުން ދޫކޮށްލުމާއި، ހުކުމް ތަންފީޒުކުރުން ފަސްކޮށްދިނުމުގެ ހުށަހެޅުމެވެ. އަންނަ ހޯމަ ދުވަހު މި ހުށަހަޅުންތަކާ ގުޅިގެން ގޮތެއް ނިންމުމަށް ވަނީ ހަމަޖެހިފަ އެވެ.

1 comment
މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!

ލލ

ޤާޒީން ނަށް ބިރުދައްކާފަ މައްސަ ފެށީ ! އެކޯޓްގެ ޤާޒީއަކު މިހާރުވަނީ ގުރޭޑް ދައްކުރަން މެޖަސްޓުރޭޓް ކޯޓަކަށް ބަދަލްވެސް ކޮށްފައި !

April
SunMonTueWedThuFriSat
303112345678910111213141516171819202122232425262728293012345678910