ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ މައްޗަށް ކްރިމިނަލް ކޯޓުން ކޮށްފައިވާ ޖޫރިމަނާގެ ހުކުމް ތަންފީޒު ކުރުން ސުޕްރީމް ކޯޓުން ފަސް ކޮށްދީފި އެވެ.
ސުޕްރީމް ކޯޓުން މިއަދު ނިންމާފައި ވަނީ ރައީސް ޔާމީންގެ މައްޗަށް ކްރިމިނަލް ކޯޓުން އިއްވާފައިވާ ޖަލު ހުކުމް ތަންފީޒު ކުރުން ފަސްކޮށް ދެވެން ނެތް ނަމަވެސް ޖޫރިމަނާގެ ގޮތުގައި ދައްކަން ޖެހޭ ފަސް މިލިއަން ޑޮލަރު ދެއްކުރުން ފަސްކޮށް ދިނުމަށެވެ.
ތިން ފަނޑިޔާރުންގެ އިއްތިފާގުން އިއްވި އަމުރުގައި ވަނީ ރާއްޖޭގެ އެއްވެސް ކޯޓެއްގައި ރައީސް ޔާމީންގެ ޖޫރިމަނާ އާއި ގުޅޭ އެއްވެސް މައްސަލައެއް ކުރިއަށް ނުގެންދިއުމުގެ އަމުރު ކުރާ ކަމަށެވެ.
ރައީސް ޔާމީންގެ މައްޗަށް މަނީ ލޯންޑަރިންގެ ކުށް ސާބިތުވެ އެމަނިކުފާނު ފަސް އަހަރަށް ޖަލަށްލުމަށާއި ފަސް މިލިއަން އެމެރިކާ ޑޮލަރުން ޖޫރިމަނާ ކުރުމަށް ސިިވިލް ކޯޓުން ހުކުމް ކުރީ ނޮވެމްބަރު 28، 2019 ގައެވެ. ޖޫރިމަނާ ފައިސާ ދައްކަން ޖެހެނީ ދައުލަތުގެ ޓެކްސް އިދާރާ، މީރާ އަށެވެ.
"...ކްރިމިނަލް ކޯޓުގެ ހުކުމާ އެއްގޮތަށް ޖޫރިމަނާ ފައިސާ ހޯދުމަށް ހުށަހެޅިފައިވާ އެއްވެސް މައްސަލައެއްގައި ޝަރީއަތް ހިންގާ ގޮތެއް ކަނޑައަޅައިފިނަމަ، ސުޕްރީމް ކޯޓުން ބަލަމުން މިދާ މައްސަލައިގައި އިންސާފު ގާއިމްކުރުމަށް ހުރަސް އެޅިދާނެ ކަމަށް ފެންނާތީ ޖޫރިމަނާ ފައިސާ ހޯދުމަށް ކޯޓަކަށް ހުށަހެޅިފައިވާ އެއްވެސް މައްސަލައެއް ކުރިއަށް ނުގެންދިއުމަށާ، މިނޫން ވެސް މި ޖޫރިމަނާ ފައިސާ ހޯދުމަށްޓަކައި މޯލްޑިވްސް އިންލެންޑް އޮތޯރިޓީއިން ނުވަތަ ދައުލަތުގެ އެއްވެސް އިދާރާއަކުން އެއްވެސް އަމަލެއް ނުކުރުމަށް ސުޕްރީމް ކޯޓުގައި ގަވާއިދުގެ 21 ވަނަ މާއްދާގެ (ނ) ގެ ދަށުން ޝަރުއީ ކޯޓުތަކަށާއި މޯލްޑިވްސް އިންލެންޑް ރެވެނިއު އޮތޯރިޓީ އަށާއި ދައުލަތުގެ އެންމެހާ ކަމާ ގުޅުންހުރި އިދާރާތަކަށް އަންގާ އަމުރުކުރަން،" ސުޕްރީމް ކޯޓުން މިއަދު ނެރުނު އަމުރުގައި ބަޔާންކޮށްފައި ވެއެވެ.
ސުޕްރީމް ކޯޓުން މިފަދައިން ނިންމާފައިވާއިރު ރައީސް ޔާމީން ޖޫރިމަނާ ފައިސާ ނުދައްކައިގެން އެޓާނީ ޖެނެރަލްގެ އޮފީހުން ސިވިލް ކޯޓަށް ހުށަހަޅާފައިވާ މައްސަލަ މާދަމާ ފެށުމަށް އެ ކޯޓުގައި ވަނީ ތާވަލްކޮށްފަ އެވެ. ނަމަވެސް ސުޕްރީމް ކޯޓުގެ މި ނިންމުމާއި ގުޅިގެން އެ މައްސަލަ ދެން ކުރިއަކަށް ނުގެންދެވޭނެ އެވެ.
މި އަމުރު މިއަދު ނެރެފައި ވަނީ ފަނޑިޔާރު މަހާޒް އަލީ ޒާހިރު، ފަނޑިޔާރު ޑރ. އަޒްމިރަލްދާ ޒާހިދު އަދި ޑރ. މުހައްމަދު އިބްރާހީމްގެ އިއްތިފާގުންނެވެ.