ސުޕްރީމް ކޯޓް

ސުޕްރީމް ކޯޓުގެ އަމުރު: އަމީނަކީ ޓެރަރިސްޓެއް ނޫން

އައިއެސް ޖަމާއަތުގެ ފަރާތުން ރާއްޖޭގައި ހަރަކާތްތެރިވާ އެންމެ އިސް މީހާ ކަމަށް ދައުލަތުން ތުހުމަތު ކުރާ މުހައްމަދު އަމީންގެ މައްޗަށް ކުށް ސާބިތުނުވާހާ ހިނދަކު އޭނާ އަކީ ޓެރެރިސްޓެއް ކަން ދޭހަވާ ގޮތަށް މީޑިއާތަކުގައި ހަބަރުތައް ނުގެނައުމަށް ސުޕްރީމް ކޯޓުން އަމުރެއް ނެރެފި އެވެ.

ސުޕްރީމް ކޯޓުން މިއަދު އެ އަމުރު ނެރެފައިވަނީ އަމީންގެ ފަރާތުން ދިފާއީ ވަކީލް އަހުމަދު ޔާމީން އެ ކޯޓުގައި، މީޑިއާތަކުން އަމީންގެ އަބުރު ކަތިލަމުންދާ ކަމަށް ފާހަގަކުރުމަށްފަހު އެކަން އެގޮތަށް ނުކުރުމަށް އަމުރެއް ނެރެދޭން އެދިވަޑައިގަތުމުންނެވެ.

އަމީނަކީ ވަކި ބާވަތެއްގެ ކުށެއް ކޮށްފައިވާ މީހެއް ކަމަށް ލޭބަލްވާ ގޮތަށް މީޑިއާތަކުން ހަބަރު ގެނެސްދޭ ކަމަށް އޭނާގެ ވަކީލް ވިދާޅުވި އެވެ. ނަމަވެސް އޭނާގެ މައްޗަށް ކުށެއް ސާބިތުނުވާނަމަ އެއީ މައުސޫމް މީހެއް ކަމަށް ވަކީލް ވަނީ ފާހަގަކުރައްވާފަ އެވެ.

ޔާމީން ވިދާޅުވެފައި ވަނީ މީޑިއާއެއްގައި އިއްޔެގެ ޝަރީއަތުގެ މަޖިލީހުގައި އަމީން ވާހަކަ ދައްކަނިކޮށް ހުރި ފޮޓޯއެއްގެ ފަހަތަށް އިސްލާމިކް ސްޓޭޓްގެ ލޯގޯއެއްގެ އިތުރުން ކަނތިވަޅި ނުވަތަ ކަނޑިތަކެއް ލައިގެން ހަދާފައިވާ ފޮޓޯއެއް ބޭނުންކޮށްފައިވާ ކަަމަށެވެ. އެހެންކަމުން އެ މައްސަލަ ބަލައިދީ އެކަން އެގޮތަށް ނުކުރުމަށް ކޯޓުން އަންގައިދިނުމަށް ވަނީ އެދިވަޑައިގެންފަ އެވެ.

ސުޕްރީމް ކޯޓުގެ ފަނޑިޔާރު ހުސްނުއްސުއޫދު މިއަދު އަމުރު ނެރުއްވަމުން ވިދާޅުވީ ޖިނާއީ ކުށެއް ކުރިކަމުގެ ދައުވާ އެމީހެއްގެ މައްޗަށް އުފުލިފައިވާ ކޮންމެ ފަރާތަކީ ކޯޓުން އެމީހެއްގެ މައްޗަށް ކުށް ސާބިތުވުމުގެ ކުރިން ކުށެއް ނެތް މީހެއް ކަމަށް ބެލުމުގެ ހައްގު ލިބިގެންވާ މީހެއް ކަމަށެވެ. އެހެންކަމުން އަމީންގެ މައްސަލައާއި ގުޅިގެން ހިޔާލުފާޅުކުރާ ފަރާތްތަކުންނާއި ހަބަރުފަތުރާ ފަރާތްތަކުން މައްސަލައިގެ ބޭރުން ކޯޓުން ވަކިގޮތަކަށް ނިންމުމުގެ ކުރިން އެ ހައްގަށް އުނިކަން ލިބޭ ފަދަ ގޮތަކަށް ހަބަރުތައް ނުގެނައުމަށް ވަނީ ވިދާޅުވެފަ އެވެ. އަދި އެއީ ކޯޓުގެ ހުރުމަތް ކެނޑޭނެ ކަމެއް ކަމަށް ވެސް ވަނީ ހަނދާން ކޮށްދީފަ އެވެ.

ސުޕްރީމް ކޯޓުގައި މިހާރު ކުރިއަށް ދަނީ އަމީން ދޫކޮށްލަން ހައިކޯޓުން ނިންމި ނިންމުމުގެ އިސްތިއުނާފް މައްސަލަ އެވެ. މި މައްސަލައިގައި ދެން އޮންނާނީ ހުކުމް ކުރުމެވެ.