އައިއެސް ޖަމާއަތުގެ ފަރާތުން ރާއްޖޭގައި ހަރަކާތްތެރިވާ އެންމެ އިސް މީހާ ކަމަށް ދައުލަތުން ތުހުމަތު ކުރާ މުހައްމަދު އަމީންގެ ފޮޓޯއާއި އެކީ އައިއެސްގެ ލޯގާ ޖަހައިގެން ބައެއް މީޑިއާތަކުގައި ފޮޓޯ ދައުރުކުރަމުން ދާތީ އެކަން ހުއްޓުވުމަށް އަމުރެއް ނެރެދިނުމަށް ސުޕްރީމް ކޯޓުގައި އެދެފި އެވެ.
ސުޕްރީމް ކޯޓުގައި މިއަދު ކުރިއަށް ގެންގޮސްފައި ވަނީ އަމީން ދޫކޮށްލަން ހައިކޯޓުން ނިންމި ނިންމުން ދައުލަތުގެ ފަރާތުން އިސްތިއުނާފްކުރި މައްސަލައިގެ އަޑުއެހުމެކެވެ.
ދައުލަތުގެ ފަރާތުން އިސްތިއުނާފީ ނުކުތާތައް އިއްވުމަށްފަހު ރައްދު ދިނުމަށް ދިން ފުރުސަތުގައި އަމީންގެ ފަރާތުން ދިފާއީ ވަކީލް އަހުމަދު ޔާމީން އެންމެ ފުރަތަމަ ވެސް ފާހަގަކުރައްވާފައި ވަނީ މީޑިއާތަކުން އަމީންގެ އަބުރު ކަތިލަމުންދާ ކަމަށެވެ. އެގޮތުން އަމީނަކީ ވަކި ބާވަތެއްގެ ކުށެއްކޮށްފައިވާ މީހެއް ކަމަށް ލޭބަލްވާ ގޮތަށް މީޑިއާތަކުން ހަބަރު ގެނެސްދޭ ކަމަށް ވިދާޅުވި އެވެ. ނަމަވެސް އޭނާގެ މައްޗަށް ކުށެއް ސާބިތުނުވާނަމަ އެއީ މައުސޫމް މީހެއް ކަމަށް ވެސް ވަކީލް ފާހަގަކުރެއްވި އެވެ.
ޔާމީން ވިދާޅުވީ މީޑިއާއެއްގައި އިއްޔެގެ ޝަރީއަތުގެ މަޖިލީހުގައި އަމީން ވާހަކަ ދައްކަނިކޮށް ހުރި ފޮޓޯއެއްގެ ފަހަތަށް އިސްލާމިކް ސްޓޭޓްގެ ލޯގޯއެއްގެ އިތުރުން ކަނތިވަޅި ނުވަތަ ކަނޑިތަކެއް ލައިގެން ހަދާފައިވާ ފޮޓޯއެއް ބޭނުންކޮށްފައިވާ ކަަމަށެވެ. އެހެންކަމުން އެ މައްސަލަ ބަލައިދީ އެކަން އެގޮތަށް ނުކުރުމަށް ކޯޓުން އަންގައިދިނުމަށް ވަނީ އެދިވަޑައިގެންފަ އެވެ.
އަމީންގެ ފަރާތުން އެ ފޮޓޯވެސް ވަނީ ކޯޓާ ހިއްސާކޮށްފަ އެވެ.
މި ކަމާ ގުޅިގެން ދައުލަތުގެ ފަރާތުން ދެކޭ ގޮތެއް ހިއްސާކުރުމަށް ޝަރީއަތުން ދިން ފުރުސަތުގައި ޕްރޮސެކިއުޓާ ޖެނެރަލް ހުސެއިން ޝަމީމް ވިދާޅުވެފައި ވަނީ ދަންނަވާނެ އެއްޗެއް ނެތް ކަމަށެވެ.
މިކަމާ ގުޅިގެން މައްސަލަ ބައްލަވާ ފަނޑިޔާރުންގެ ރިޔާސަތުގައި އިންނެވި އުއްތަމަ ފަނޑިޔާރު އަހުމަދު މުއިތަސިމް އަދުނާން ވިދާޅުވީ އެކަމާމެދު ވިސްނެވުމަށްފަހު ގޮތެއް ކަނޑައަޅާނެ ކަމަށެވެ. އަދި އެކަމާ ގުޅިގެން އިތުރަށް ޝަރީއަތެއް ބާއްވަން ޖެހިއްޖެނަމަ އިތުރު ޝަރީއަތެެއްވެސް ބާއްވާނެ ކަމަށެވެ.