ކްރިމިނަލް ކޯޓް

އައިއެސްގެ އިސް މީހާ ޝަރީއަތް ނިމެންދެން ބަންދު

ދިވެހި ފުލުހުންގެ ހިދުމަތާއި ޔޫރަޕިއަން ޔޫނިއަންގައި ހިމެނޭ ދެ ގައުމެެއްގެ އިދާރާއަކާއި އެމެރިކާގެ ފެޑެރަލް ބިއުރޯ އޮފް އިންވެސްޓިގޭޝަން ގުޅިގެން ހިންގި އޮޕަރޭޝަނެއްގައި މިދިޔަ ޖެނުއަރީ މަހު ހައްޔަރުކޮށް ދައުވާކޮށްފައިވާ ހަރުކަށި ފިކުރު ފަތުރާ އިސްލާމިކް ސްޓޭޓް (އައިއެސް) ގެ އިސް ދިވެހި މީހާ، ވ. ދެލްވައްތަ، ހޫދު މުހައްމަދު ޒާހިރު ޝަރީއަތް ނިމެންދެން ބަންދުކޮށްފި އެވެ.

ކްރިމިނަލް ކޯޓުން އޭނާ ޝަރީއަތް ނިމެންދެން ބަންދުކޮށްފައި ވަނީ ބަންދު މުރާޖައާ ކުރުމަށް އިއްޔެ ބޭއްވި އަޑުއެހުމެއްގައި ދައުލަތުން އެދުމުންނެވެ.

މި މަޖިލީހުގައި ހޫދު ވަނީ އޭނާގެ މައްޗަށް ދައުލަތުން ކުރާ ތުހުމަތުތަކަށް އިންކާރުކޮށްފަ އެވެ. އޭނާ ބުނެފައި ވަނީ ޓެރަރިޒަމްގެ އަމަލެއް އޭނާ ހިންގާފައި ނުވާނެ ކަމަށާއި އެފަދަ އަމަލެއްގައި ބައިވެރިވެފައި ވެސް ނުވާނެ ކަމަށެވެ.

އޭނާ ބުނި ގޮތުގައި އޭނާ އަކީ ކޮމްޕިއުޓާ ސައިންސް އެނގޭ މީހެއް ނޫން ކަމަށެވެ. އެކަމަކު އޭނާ އަކީ މައުލޫމާތު ހޯދާ އެއްކުރާ މީހެއް ކަމުން، އައިއެސް އާ ގުޅުންހުރި މައުލޫމާތުތައް އޭނާގެ ފޯނުގައި ހުރެދާނެ ކަމަށް އޭނާ ވަނީ ބުނެފަ އެވެ.

ނަމަވެސް ތުހުމަތު ކުރެވޭވަރަށް ދައުލަތުން ހެކި ހުށަހަޅާފައުވާތީ ގާޒީ ދީބާނާޒް ފަހުމީ ވަނީ އޭނާ ޝަރީއަތް ނިމެންދެން ބަންދުކުރަން އަމުރުކުރައްވާފަ އެވެ.

ދައުލަތުން ބުނެފައި ވަނީ ސޯޝަލް މީޑިއާގެ އެކި ޕްލެޓްފޯމްތަކުގައި އެކި އެކައުންޓްތަކުން އައިއެސް ޖަމާއަތައް ތާއީދުކޮށް، އެ ޖަމާއަތުގެ ލިޔެކިއުންތަކާއި ފޮޓޯއާއި ވީޑިއޯ އިންޓަނެޓް މެދުވެރިކޮށް ފަތުރައި ޝާއިއުކޮށް އަދި ޓެރަރިޒަމްގެ އަމަލެއް ރާވައި ހިންގައިފާނެކަމުގެ އިންޒާރުދެމުންދާ ކަމުގެ ތުހުމަތު އޭނާގެ މައްޗަށް އެބަ އޮތް ކަމަށެވެ.

އެގޮތުން ޓެލެގްރާމް އަދި އެ ނޫންވެސް އެންކްރިޕްޓް ކޮށްފައިވާ މެސެޖިން ޕްލެޓްފޯމްތަކުގައި "ސްކާމިޝް" އާއި "ސްކާމިޝްކިޑް" ފަދަ ނަންނަމުގައި އެކައުންޓްތައް ހަދައިގެން ހަރުކަށި ފިކުރު ފަތުރާކަމުގެ ތުހުމަތު އޭނާގެ މައްޗަށް ވަނީ ކޮށްފަ އެވެ.

ހޫދަކީ އައިއެސްގެ ހަބަރު ފަތުރާ މީޑިއާ އޮޕަރޭޓްކުރާ މެންބަރެއްގެ ހައިސިއްޔަތުން މަސައްކަތްކުރާ މީހެއް ކަމަށް ވެސް ދައުލަތުން ފާހަގަކޮށްފައިވެ އެވެ.

އޭނާ ހައްޔަރުކޮށްފައި ވަނީ މިދިޔަ ޖެނުއަރީ މަހުގެ ހަ ވަނަ ދުވަހު އެވެ. މި މައްސަލައިގެ ތަހުގީގަށް ބޭރުގެ އެކި ގައުމުތަކުގެ އިންޓެލިޖެންސް އޭޖެންސީތަކާއި، ތަހުގީގީ އިދާރާތަކުގެ އެހީތެރިކަން ލިބިފައިވާ ކަމަށް ދައުލަތުން ވަނީ ބުނެފަ އެވެ. އެގޮތުން އެފްބީއައިގެ އިތުރުން އިޓަލީ ފުލުހުންނާއި ޔޫރަޕުގެ އެހެން ގައުމެއްގެ ފުލުހުން މި އޮޕަރޭޝަނުގައި ވަނީ ބައިވެރިވެފަ އެވެ.