އައިއެސް ޖަމާއަތުގެ ފަރާތުން ރާއްޖޭގައި ހަރަކާތްތެރިވާ އެންމެ އިސް މީހާ ކަމަށް ދައުލަތުން ތުހުމަތުކުރާ މުހައްމަދު އަމީން މިނިވަން ކުރުމަށް ހައިކޯޓުން ހުކުމް ކުރި މައްސަލައިގެ އިސްތިއުނާފީ އަޑުއެހުން ސުޕްރީމް ކޯޓުގައި ނިންމާލައިފި އެވެ.
ހައިކޯޓުން މި މަހުގެ 16 ވަނަ ދުވަހު އަމީން ދޫކޮށްލުމަށް އަމުރު ކުރީ ދައުވާ ކުރުމުގެ މުއްދަތުގެ ތެރޭގައި ދައުވާ ކޮށްފައި ނުވާތީ ދައުލަތުން އޭނާގެ މައްޗަށް އުފުލި ދައުވާތައް ބާތިލް ވެސް ކުރުމަށް ފަހު އެވެ.
އަމީން ހައްޔަރުކޮށްފައި ވަނީ އޮކްޓޯބަރު 23، 2019 ގައެވެ. އޭނާގެ މައްޗަށް ދައުވާ އުފުލާފައި ވަނީ އެ އަހަރުގެ ޑިސެމްބަރު ފަސް ވަނަ ދުވަހު އެވެ. ހައިކޯޓުން އޭނާގެ މައްޗަށް އުފުލާފައިވާ ދައުވާތައް ބާތިލުކޮށްފައިވަނީ ބަންދުގައި ހުރި މީހަކަށް ދައުވާ އުފުލަން ޖިނާއީ އިޖްރާއަތުގެ ގާނޫނުން ދީފައިވާ 30 ދުވަހުގެ މުއްދަތު ހަމަވިފަހުން ދައުވާކޮށްފައި ވާތީ އެވެ.
ޓެރަރިޒަމް މަނާކުރުމުގެ ގާނޫނުގެ ދަށުން ބަންދުގައި ހުރި މީހެއްގެ މައްޗަށް ދައުވާ އުފުލުމަށް 60 ދުވަސް ލިބެ އެވެ. ނަމަވެސް ހައި ކޯޓުން ނިންމާފައިވަނީ ޖިނާއީ އިޖުރާއަތުގެ ގާނޫނު ދަށުން އަމީންގެ ބަންދު އިތުރުކޮށްފައިވާތީ ޓެރަރިޒަމްގެ ގާނޫނުގެ ދަށުން ދައުވާ ނުއުފުލޭނެ ކަމަށެވެ.
ސުޕްރީމް ކޯޓުގައި މިއަދު ބޭއްވި އަޑުއެހުމުގައި ދައުލަތުގެ ފަރާތުން ބުނެފައި ވަނީ ޓެރަރިޒަމްގެ ތުހުމަތު ކުރެވޭ މީހަކަށް ޖިނާއީ އިޖުރާއަތުގެ ގާނޫނުގެ ދަށުން ބަންދު ކުރުމަކީ އެ ގާނޫނުގައި ބުނާ މުއްދަތުގެ ތެރޭގައި ދައުވާ ކުރަން ޖެހޭ ސަބަބެއް ކަމެއް ނޫން ކަމަށެވެ. ހަމައެއާއެކު ކްރިމިނަލް ކޯޓުން ޖިނާއީ އިޖުރާއަތުގެ ގާނޫނާ ހަވާލާދީ އަމީންގެ ބަންދު މުރާޖައާ ކުރުމަކީ އޭނާގެ މައްޗަށް ޓެރަރިޒަމް މަނާ ކުރުމުގެ ގާނޫނު ކަމަށް ބެލެވޭ ސަބަބެއް ވެސް ނޫން ކަމަށް ދައުލަތުން ފާހަގަކުރި އެވެ.
ޝަރީއަތުގެ މިއަދުގެ އަޑުއެހުމުގައި ޕްރޮސެކިއުޓާ ޖެނެރަލް ހުސެއިން ޝަމީމް ވިދާޅުވެފައި ވަނީ ހާއްސަ ގާނޫނާއި އާންމު ގާނޫނު މުޑިއަރާނަމަ ދެން އަމަލުކުރަން ޖެހޭ ގޮތް ސުޕްރީމް ކޯޓުން ކަނޑައަޅާފައިވާ ކަމަށެވެ. އެގޮތުން ހާއްސަ ގާނޫނުގައި ވަކި ގޮތެއް ކަނޑައަޅާފައިވާނަމަ އެކަމަށް ރިއާޔަތްކުރަން ޖެހޭނީ ހާއްސަ ގާނޫނާ އެއްގޮތަށް ކަމަށެވެ. ޖިނާއީ އިޖުރާއަތުގެ ގާނޫނަށް ރިއާޔަތްކުރަން ޖެހޭނީ ހާއްސަ ގާނޫނުގައި އެކަން ނެތް ކަމަށް ވާނަމަ ކަމަށް ޝަމީމް ވިދާޅުވި އެވެ.
ހައި ކޯޓުން ނިންމާފައިވާ ގޮތަށް ބަންދު ކުރުމާއި ދައުވާކުރުމާ ގުޅުވައިގެން ގާނޫނު މާނަކުރާނަމަ، ޓެރަރިޒަމް މަނާ ކުރުމުގެ ގާނޫނުގެ 26 ވަނަ މާއްދާގެ (މ)ގައި ބުނާ 14 ދުވަސް ހަމަވުމަށް ފަހުު މި ބާވަތުގެ މައްސަލައެއްގައި މީހަކު ބަންދުގައި ވެސް ނުބެހެއްޓޭނެ ކަމަށެވެ.
އަމީންގެ ފަރާތުން ދިފާއީ ވަކީލް އަހުމަދު ޔާމީން ވިދާޅުވެފައި ވަނީ ޓެރަރިޒަމް މަނާ ކުރާ ގާނޫނުގެ 28 ވަނަ މާއްދާ އޮތްގޮތަށް ބަލާއިރު، ދައުވާ ކުރުމުގެ މުއްދަތު ހިނގާނީ އެ ގާނޫނުގެ ދަށުން ބަންދުކުރެވޭ މީހުންނަށް އެކަނި ކަމަށެވެ. އަދި ޓެރަރިޒަމް މާނަކުރާ ގާނޫނު އަތުރާލެވިފައިވާ ގޮތުން ޖިނާއީ އިޖުރާއަތުގެ ގާނޫނުގެ ދަށުން މީހަކު ބަންދުކުރުމާއި އަދި ދައުވާ ކުރުމުގައި ވެސް ހިނގާނީ ޖިނާއީ އިޖުރާއަތު ގާނޫނު ކަމަށެވެ.
މި މައްސަލައިގައި ދެން އޮންނާނީ ގޮތެއް ކަނޑައެޅުމެވެ.
ސުޕްރީމް ކޯޓުން މައްސަލަ ބައްލަވަނީ އުއްތަމަ ފަނޑިޔާރު އަހުމަދު މުއުތަސިމް އަދުނާނާއި ފަނޑިޔާރު އައިޝާ ޝުޖޫން މުހައްމަދުގެ އިތުރުން ފަނޑިޔާރު ހުސްނުއްސުއޫދެވެ. އެ ބެންޗުގެ ރިޔާސަތު ބަލަހައްޓަވަނީ އުއްތަމަ ފަނޑިޔާރެވެ.