ހިޔާނާތުގެ ގިނަ ދައުވާތަކެއް އުފުލާފައިވާ ސީލައިފްގެ މެނޭޖިން ޑިރެކްޓަރު އަހުމަދު މޫސާ (އަންމަޓީ) ބަންދުން ދޫކޮށްލި މައްސަލައާމެދު ވަކި ގޮތެއް ނިންމަން ދެން އޭނާއަކީ ކުށްވެރިއެއް ކަަމަށް ދޭހަވާ މޭރުމުން ވާހަކަ ދެއްކުން ދައުލަތުގެ ވެރީންގެ މައްޗަށް މަނާކޮށް ސުޕްރީމް ކޯޓުން އަމުރެއް ނެރެފި އެވެ.
އެ ކޯޓުން މިފަދަ އަމުރެއް ނެރުނީ އެފަދަ އަމުރަކަށް އަންމަޓީގެ ފަރާތުން އެދުމާއި ގުޅިގެން މިއަދު އޮތް އަޑުއެހުމެއްގައެވެ. ސީލައިފްގެ މެނޭޖިން ޑިރެކްޓަރު އަހުމަދު މޫސާ (އަންމަޓީ) ކްރިމިނަލް ކޯޓުން ދޫކޮށްލުމުން ޕްރޮސެކިއުޓަރު ޖެނެރަލް ހުސައިން ޝަމީމް ވަނީ އެ ނިންމުމަށް ފާޑުވިދާޅުވެފައެވެ. ޝަމީމްގެ އަމިއްލަ ބްލޮގްގައިވެސް އެ މައުލޫއަށް ލިޔުއްވިއެވެ. އަދި އެ ނިންމުން ގޯސް ކަމަށް ސޯޝަލް މީޑިއާގައި ވިދާޅުވިއެވެ.
އެކަމާއި ގުޅިގެން އަންމަޓީގެ ފަރާތުން އެދުނީ އެފަދަ ވާހަކަތައް ދެއްކުން ހުއްޓުވައިދިނުމުގެ އަމުރަކަށެވެ. އެ މައްސަލާގައި ދެ ފަރާތުން ދެއްކި ވާހަކަތައް އަޑުއެހުމަށް ފަހު ސުޕްރީމް ކޯޓްގެ ތިން ފަނޑިޔާރުންގެ އިއްތިފާގުން މިއަދު ނެރުނު އަމުރުގައި ބުނެފައިވަނީ ކޯޓުން ނިންމާފައިވާ ނިންމުމަކާމެދު ދައްކާ އެފަދަ ވާހަކަތަކަކީ ކޯޓްގެ ހުރުމަތް ކެނޑުމުގެ އަމަލެއް ކަމަށް ބެލެވިދާނެ ކަމަށެވެ. އަދި ކުށެއް ސާބިތުވުމުގެ ކުރީން އެއްވެސް މީހަކީ ކުށެއް ނެތް މީހެއް ކަމަށް ބެލުމުގެ ހައްގު ގާނޫނު އަސާސީން ކަށަވަރު ކޮށްދޭ ކަމަށެވެ.
އެފަދަ ހައްގުތައް ހިމާޔަތް ކުރުމަކީ ކޯޓްތަކުގެ ޒިންމާއެއް ކަމަށާ އެހެން ކަމުން އަންމަޓީ ބަންދުން ދޫކޮށްލި މައްސަލައާމެދު ވަކި ގޮތެއް ނިންމަން ދެން އޭނާއަކީ ކުށްވެރިއެއް ކަަމަށް ދޭހަވާ މޭރުމުން ވާހަކަ ދެއްކުން ދައުލަތުގެ ވެރީންގެ މައްޗަށް މަނާ ކުރާ ކަމަށް އަމުރުގައިވެއެވެ.
ކްރިމިނަލް ކޯޓުން އަންމަޓީ ދޫކޮށްލާފައި ވަނީ ތިން ވަނަ ފަހަރަށެވެ. ފުރަތަމަ ފަހަރު ޝަރުތުތަކަކާއެކީ އަދި ދެވަނަ ފަހަރު ދޫކޮށްލީ ދެ މީހުން ޖާމިނުކުރުމަށްފަހު ކަފާލާތުގެ ދަށުންނެވެ. އޭގެ ފަހުން އަނެއްކާ ވެސް އޭނާ ދޫކޮށްލާފައި ވަނީ ޝަރުތުތަކަކާ އެކީ އެވެ. ކުރީ ދެ ފަހަރު ހައިކޯޓުގައި މައްސަލަ އިސްތިއުނާފްކުރުމުން އެ ކޯޓުން ވަނީ އޭނާ ބަންދުކުރުމަށް އަމުރުކޮށްފަ އެވެ.
ނަމަވެސް އެންމެ ފަހުން އަންމަޓީ ދޫކޮށްލި ފަހަރު އެ މައްސަލަ ހައިކޯޓުގައި އިސްތިއުނާފް ކުރުމުން އެ ކޯޓުން ނިންމީ މި މައްސަލަ އިޖުރާއީ ގޮތުން ނުބެލޭނެ ކަމަށެވެ. ސަބަބެއް ކަމަށް ބަޔާންކޮށްފައި ވަނީ މި މައްސަލަ ދައުލަތުން އެ ކޯޓުގައި އިސްތިއުނާފް ކޮށްފައި ވަނީ ވަގުތު ފާއިތުވުމުން ކަމަށެވެ. ކޯޓު އަމުރެއް އިސްތިއުނާފްކުރަން ލިބެނީ 48 ގަޑިއިރެވެ.
ހުޅުމާލޭގައި ފްލެޓް އަޅައިދޭނެ ކަމަށް ބުނެ ގިނަ ބަޔަކަށް ހިޔާނާތްތެރިވިކަމުގެ ތުހުމަތުގައި އަންމަޓީގެ މައްޗަށް ދައުލަތުން ވަނީ 42 ދައުވާ އުފުލައިފަ އެވެ. އޭނާގެ މައްޗަށް އުފުލާފައިވާ ހުރިހާ ދައުވާއަކަށް ކްރިމިނަލް ކޯޓުގައި ވަނީ އިންކާރުކޮށްފަ އެވެ.