އައިއެސް ޖަމާއަތުގެ ފަރާތުން ރާއްޖޭގައި ހަރަކާތްތެރިވާ އެންމެ އިސް މީހާ ކަމަށް ދައުލަތުން ތުހުމަތުކުރާ މުހައްމަދު އަމީން މިނިވަން ކުރުމަށް ހައިކޯޓުން ކުރި ހުކުމުގެ އިސްތިއުނާފް މައްސަލަ، ދިފާއީ ވަކީލުންގެ މައްސަލައަކާ ގުޅިގެން މިއަދު ސުޕްރީމް ކޯޓުގައި ފެށޭ ގޮތެއް ނުވި އެވެ.
ހައިކޯޓުން މި މަހުގެ 16 ވަނަ ދުވަހު އަމީން ދޫކޮށްލުމަށް އަމުރު ކުރީ ދައުވާ ކުރުމުގެ މުއްދަތުގެ ތެރޭގައި ދައުވާ ކޮށްފައި ނުވާތީ ދައުލަތުން އޭނާގެ މައްޗަށް އުފުލި ދައުވާތައް ބާތިލް ވެސް ކުރުމަށް ފަހު އެވެ. އެ ނިންމުން ދައުލަތުގެ ފަރާތުން ސުޕްރީމް ކޯޓުގައި އިސްތިއުނާފު ކޮށްފައި ވަނީ މި މަހުގެ 20 ވަނަ ދުވަހު އެވެ.
އަމީން ދޫކޮށްލަން ހައިކޯޓުން ކުރި އަމުރުގެ އިސްތިއުނާފް މައްސަލަ މިއަދު ފަށަން ސުޕްރީމް ކޯޓުގައި ތާވަލުކުރި އެވެ. ނަމަވެސް އަމީންގެ ފަރާތުން ފުރަތަމަަ އައްޔަނުކުރި ވަކީލް ބަދަލުކޮށް މިއަދު ކޯޓަށް ފޯމު ހުށަހެޅިއިރު އެ ވަކީލްގެ ސޮޔާއި އިނގިލީގެ ނިޝާން ނެތް ކަމަށް އުއްތަމަ ފަނޑިޔާރު އަހުމަދު މުއިތަސިމް އަދުނާން ވިދާޅުވި އެވެ.
އަމީން މި އަޑުއެހުމުގައި ބުނެފައި ވަނީ އޭނާގެ ފަރާތުން މެޑިކަލް ސެޓްފިކެޓެއް ވެސް ހުށަހަޅައިފައި ވާނެ ކަމަށެވެ. ތްރޯޓް އިންފެކްޝަންވުމާއި ގުޅިގެން ރޭ ދަންވަރު ވެސް އުޅުނީ ހޮސްޕިޓަލުގައި ކަމަށެވެ.
އެހެންކަމުން ފަނޑިޔާރު ނިންމެވީ ދިފާއީ ވަކީލުގެ ފޯމު އޮންނަންވާ ގޮތަށް ފުރިހަމަކޮށް އަދި އަމީންގެ ސިއްހީ މައްސަލައެއް އުޅޭނަމަ އެކަން ވެސް އޮންނަންވާ އުސޫލުން ކޯޓަށް ހުށަހެޅުމަށް ފުރުސަތު ދިނުމަށް ފަހު މަޖިލިސް ނިންމައިލާށެވެ. މި މައްސަލަ ސުޕްރީމް ކޯޓުގައި ފެށުމަށް މާދަމާ އަޑުއެހުމެއް ބާއްވާނެ ކަމަށް ވެސް ފަނޑިޔާރު ވިދާޅުވި އެވެ.
އަމީން ދޫކޮށްލުމަށް ހައިކޯޓުން ހުކުމް ކުރި ނަމަވެސް އެ ކޯޓުން ފަހުން ވަނީ އަމީންގެ މައްޗަށް މޮނިކޮން އަމުރެއް ނެރެފަ އެވެ. އެ އަމުރުގައި ވަނީ އިރުއޮއްސި 6:00 އިން ހެނދުނު 6:00 އަށް އަމީން ބޭރަށް ނުކުތުން މަނާ ކޮށްފަ އެވެ. އަދި މާލެއިން ބޭރަށް ދެވޭނީ ފުލުހުންގެ ހުއްދަ ހޯދައިގެން ކަމަށްވެސް ކަނޑައަޅާފައިވެ އެވެ.
ފުވައްމުލަކަށް ނިސްބަތްވާ އަމީނަށް އުފުލާފައިވާ ދައުވާތަކަކީ ޓެރަރިސްޓް ޖަމާއަތެއްގައި ބައިވެރިވުމުގެ ކުށުގެ ދައުވާ އާއި ޓެރަރިޒަމްގެ އަމަލެއް ކުރުމަށް ރޭވުމުގެ ކުށުގެ ދައުވާ އެވެ. ދައުލަތުގެ ދައުވާތަކާއި އަމީނަށް ކުރާ ތުހުމަތުތަކަށް އޭނާ ވަނީ އިންކާރުކޮށްފަ އެވެ.
ބަންދުގައި ހުންނަތާ ދޮޅު އަހަރު ފަހުން އަމީން މިނިވަންވެގެން ދިޔައިރު އަމީނަކީ އައިއެސް ޖަމާއަތާ ގުޅިގެން އަފްޣާނިސްތާނުގެ ޚުރާސާނަށް ދިވެހިން ފޮނުވި މީހެއް ކަމަށް ފުލުހުން ތުހުމަތުކުރެ އެވެ.
އަމީނަށް ކުރާ ދައުވާތަކާއި ގުޅިގެން ދައުލަތުން ވަނީ އިންޓެލިޖެންސް ރިޕޯޓުތަކާއި އޭނާ ގެންގުޅުނު އިލެކްޓްރޯނިކް ޑިވައިޒް ތަކުގެ ފޮރެންސިކް ރިޕޯޓަކާއި އެމެރިކާގެ ކަމާ ބެހޭ ފަރާތްތަކުގެ ސިއްރު ލިޔުންތަކަކާއި އަމީނަކީ ކާކުކަން ބަޔާންކޮށް ކައުންޓާ ޓެރަރިޒަމް ސެންޓަރުން ތައްޔާރުކޮށްފައިވާ ބްރީފިންއެއް ކޯޓަށް ހުށަހަޅާފަ އެވެ.
ސަލްޓަން ޕާކުގައި 2007 ވަނަ އަހަރު ބޮން ގޮއްވި މައްސަލާގައި އަމީން ބައިވެރިވި ކަމަށް ތުހުމަތުކޮށް އޭނާ ހައްޔަރުކުރުމުގެ މަސައްކަތް ކުރަމުން ދަނިކޮށް އެ ދުވަސްވަރު އަމީން ވަނީ ފިލައިގެން ރާއްޖެއިން ބޭރަށް ގޮސްފަ އެވެ. އިންޓަޕޯލާއި ލަންކާ ފުލުހުންނާ ގުޅިގެން އަމީން ލަންކާ އިން ހައްޔަރުކޮށްގެން ރާއްޖެ ގެނެސް ދެމަަސް ވަންދެން ޖަލުގައި ބެހެއްޓުމަށްފަހު އޭނާ ދޫކޮށްލީ 2012 ވަނަ އަހަރު އެވެ.