އައިއެސް ޖަމާއަތުގެ ފަރާތުން ރާއްޖޭގައި ހަރަކާތްތެރިވާ އެންމެ އިސް މީހާ ކަމަށް ދައުލަތުން ތުހުމަތުކުރާ މުހައްމަދު އަމީން މިނިވަންކުރުމަށް ހައިކޯޓުން ކުރި ހުކުމުގެ އިސްތިއުނާފް މައްސަލަ މާދަމާ ސުޕްރީމް ކޯޓުގައި ފަށަން ތާވަލުކޮށްފި އެވެ.
ހައިކޯޓުން މި މަހުގެ 16 ވަނަ ދުވަހު އަމީން ދޫކޮށްލުމަށް އަމުރުކުރީ ދައުވާކުރުމުގެ މުއްދަތުގެ ތެރޭގައި ދައުވާކޮށްފައި ނުވާތީ ދައުލަތުން އޭނާގެ މައްޗަށް އުފުލި ދައުވާތައް ބާތިލް ވެސް ކުރުމަށްފަހު އެވެ. އެ ނިންމުން ދައުލަތުގެ ފަރާތުން ސުޕްރީމް ކޯޓުގައި އިސްތިއުނާފް ކޮށްފައި ވަނީ މިމަހުގެ 20 ވަނަ ދުވަހު އެވެ.
އަމީން ދޫކޮށްލުމަށް ހައިކޯޓުން މިމަހުގެ 16 ވަނަ ދުވަހު ހުކުމް ކުރި ނަމަވެސް ހައިކޯޓުން ފަހުން ވަނީ އަމީންގެ މައްޗަށް މޮނިކޮން އަމުރެއް ނެރެފަ އެވެ. އެ އަމުރުގައި ވަނީ އިރުއޮއްސި 6:00 އިން ހެނދުނު 6:00 އަށް އަމީން ބޭރަށް ނުކުތުން މަނާކޮށްފަ އެވެ. އަދި މާލެއިން ބޭރަށް ދެވޭނީ ފުލުހުންގެ ހުއްދަ ހޯދައިގެން ކަމަށްވެސް ކަނޑައަޅާފައިވެ އެވެ.
ފުވައްމުލަކަށް ނިސްބަތްވާ އަމީނަށް އުފުލާފައިވާ ދައުވާތަކަކީ ޓެރަރިސްޓް ޖަމާއަތެއްގައި ބައިވެރިވުމުގެ ކުށުގެ ދައުވާ އާއި ޓެރަރިޒަމްގެ އަމަލެއް ކުރުމަށް ރޭވުމުގެ ކުށުގެ ދައުވާ އެވެ. ދައުލަތުގެ ދައުވާތަކާއި އަމީނަށް ކުރާ ތުހުމަތުތަކަށް އޭނާ ވަނީ އިންކާރުކޮށްފަ އެވެ.
ބަންދުގައި ހުންނަތާ ދޮޅު އަހަރު ފަހުން އަމީން މިނިވަންވެގެން ދިޔައިރު އަމީނަކީ އައިއެސް ޖަމާއަތާ ގުޅިގެން އަފްޣާނިސްތާނުގެ ޚުރާސާނަށް ދިވެހިން ފޮނުވި މީހެއް ކަމަށް ފުލުހުން ތުހުމަތުކުރެ އެވެ.
އަމީނަށް ކުރާ ދައުވާތަކާއި ގުޅިގެން ދައުލަތުން ވަނީ އިންޓެލިޖެންސް ރިޕޯޓުތަކާއި އޭނާ ގެންގުޅުނު އިލެކްޓްރޯނިކް ޑިވައިޒް ތަކުގެ ފޮރެންސިކް ރިޕޯޓަކާއި އެމެރިކާގެ ކަމާ ބެހޭ ފަރާތްތަކުގެ ސިއްރު ލިޔުންތަކަކާއި އަމީނަކީ ކާކުކަން ބަޔާންކޮށް ކައުންޓާ ޓެރަރިޒަމް ސެންޓަރުން ތައްޔާރުކޮށްފައިވާ ބްރީފިންއެއް ކޯޓަށް ހުށަހަޅާފަ އެވެ.
ސަލްޓަން ޕާކުގައި 2007 ވަނަ އަހަރު ބޮން ގޮއްވި މައްސަލާގައި އަމީން ބައިވެރިވި ކަމަށް ތުހުމަތުކޮށް އޭނާ ހައްޔަރުކުރުމުގެ މަސައްކަތް ކުރަމުން ދަނިކޮށް އެ ދުވަސްވަރު އަމީން ވަނީ ފިލައިގެން ރާއްޖެއިން ބޭރަށް ގޮސްފަ އެވެ. އިންޓަޕޯލާއި ލަންކާ ފުލުހުންނާ ގުޅިގެން އަމީން ލަންކާ އިން ހައްޔަރުކޮށްގެން ރާއްޖެ ގެނެސް ދެމަަސް ވަންދެން ޖަލުގައި ބެހެއްޓުމަށްފަހު އޭނާ ދޫކޮށްލީ 2012 ވަނަ އަހަރު އެވެ.