ސާފް ޗެމްޕިއަންޝިޕްގައި ރާއްޖެ އާއި ނޭޕާލް ބައްދަލުކުރި މެޗު ނޭޕާލުން ކާމިޔާބު ކޮށްފި އެވެ.
ރާއްޖެ އާއި ނޭޕާލް ބައްދަލުކުރި މި މެޗުން ނޭޕާލް މޮޅުވީ 1-0 ގެ ނަތީޖާއަކުންނެވެ.
ގަލޮޅު ދަނޑުގައި މިރޭ ކުޅުނު މި މެޗުގައި ގިނަ ވަގުތު ބޯޅަ ހިފަހައްޓައިގެން ކުޅުނީ ރާއްޖެ ޓީމުންނެވެ. މި މެޗުގައި ރާއްޖެ ޓީމުން ފެނުނީ ފަހުގެ ތާރީހެއްގައި ނުފެންނަހާ ރީތި ޕާސިން ގޭމެކެވެ.
ވާދަވެރި ކުޅުމެއް ފެނުނު މި މެޗުގެ ފުރަތަމަ ހާފުގައި ގޯލު ޖަހަން ރަނގަޅު ފުރުސަތު ތަކެއް ލިބުނެވެ. އެގޮތުން ރާއްޖެ ޓީމުގެ އަލީ ފާސިރު (ސެންޓޭ) އަށް ގިނަ ފުރުސަތު ތަކެއް ލިބުނު އިރު އޭނާ ފޮނުވާލި ދެ ހިލޭ ޖެހުން ދިޔައީ ހުރަސް ދަނޑި މަތިން ބޭރަށެވެ. އަދި ރާއްޖެގެ ފުޓްބޯޅަ ލެޖެންޑް އަލީ އަޝްފާގް (ދަގަނޑޭ) ފޮނުވާލި ދެ ހަމަލާ އަރިމަތީ ދަނޑި ކައިރިން ބޭރަށް ދިޔަ އިރު ދެ ކުޅުންތެރިން ބީޓް ކުރުމަށްފަހު ފޮނުވާލި ބޯޅަ ނޭޕާލުގެ ކީޕަރު ވަނީ ދިފާއު ކޮށްފަ އެވެ.
އަނެއްކޮޅުން ނޭޕާލުގެ ސުޖާލް ޝްރެޝްތާ ފޮނުވާލި ބޯޅަ ރާއްޖޭގެ ކީޕަރު ފައިސަލް ހަމަޖެހިލާފައި މެއަށް ވައްޓާލި އިރު އޭރިއާ ބޭރުން ޕޫޖަން އޮޕަރްކޮޓީ ފޮނުވާލި ބޯޅަ ވެސް ފައިސަލް ދިފާއު ކުރި އެވެ. އަދި މުޅިން ހުސްކޮށް ހުރެފައި ރޯހިތު ޗާންދް ފޮނުވާލި ބޯޅައަށް ހުރަސް އެޅީ ރާއްޖެ ޓީމުގެ ޑިފެންޑަރުންނެެވެ.
ދެވަނަ ހާފުގައި ދެ ޓީމުން ވެސް ގިނަ ހަމަލާ ތަކެއް އުފެއްދި އިރު ދަގަނޑޭ ފޮނުވާލި ހިލޭ ޖެހުން ނޭޕާލްގެ ކީޕަރު ދިފާއު ކުރި އެެވެ. އަދި ގޯލުގެ އަރިމަތިން ސެންޓޭ ފޮނުވާލި ބޯޅަ ކީޕަރު ދިފާއު ކުރި އިރު ދަގޭ ފޮނުވާލި ބޯޅަ ދިޔައީ ބޭރަށެވެ.
މިރޭގެ މެޗުގައި ނޭޕާލުން ވަނީ ދެވަނަ ހާފު ފެށުނު ގޮތަށް ގިނަ އެޓޭކް ތަކެއް ކޮށްފަ އެެވެ. އެގޮތުން ގޯލުގެ ކަނާތު ފަޅިން އަންޖަން ބިސްޓާ ފޮނުވާލި ބޯޅަ ރާއްޖޭގެ ކީޕަރު ފައިސަލް ދިފާއު ކުރި އިރު ސުމަން އަރްޔަލް ފޮނުވާލި ދެ ހަމަލާ ވެސް ފައިސަލް ވަނީ ދިފާއު ކޮށްފަ އެވެ.
ނޭޕާލުން ލީޑު ނެގީ މެޗުގެ 84 ލިބުނު ކައުންޓާ އެޓޭކަކުންނެވެ. މި ގޯލަކީ ރާއްޖޭގެ ދެ ޑިފެންޑަރުން ކައިރިން ބީޓް ކުރުމަށް ފަހު ގޯލުގެ ދުރު ކަނަށް ފޮނުވާލައިގެން މަނިޝް ޑަންގީ ކާމިޔާބު ކުރި ގޯލެކެވެ. މަނިޝް އަކީ ބަދަލު ކުޅުންތެރިއެއްގެ ގޮތުގައި ކުޅެން ނިކުން ކުޅުންތެރިއެކެެވެ. މެޗުގެ މޮޅު ކުޅުންތެރިއަކަށް ވެސް ހޮވިފައި ވަނީ އޭނާ އެވެ.
މިއީ ސާފް ޗެމްޕިއަންޝިޕްގައި ނޭޕާލް ޓީމުން ރާއްޖެ ބަލިކުރި ފުރަތަމަ ފަހަރެވެ. މީގެ ކުރިން ޒުވާން ޓީމު ކުޅުނު މެޗު ތަކުގައި ނޭޕާލް މޮޅުވި ނަަވެސް ސީނިއާ ޓީމަށް ރާއްޖެ ބަލި ކުރެވިފައެއް ނުވެ އެވެ.
މި މެޗުގައި ރާއްޖެ ޓީމުގެ މެދަށް ކުޅުނު އިބްރާހިމް އައިސަމް އާއި އައްސަދު އަލީ (އަޑޭ) ގެ ވަނީ ރީތި ގޭމެއް ކުޅުމުގައި މުހިންމު ދައުރެއް އަދަކޮށްފަ އެވެ. ވަކިން ހާއްސަކޮށް އަޑޭ ވަނި އެޓޭކް އަދި ޑިފެންސް ކުރުމުގައ ވެސް މޮޅު ކުޅުމެއް ދައްކާފަ އެވެ.