އެއްގަމު އުޅަނދުން އަރާ ދުން މަދުކުރަން ހާއްސަ ފިޔަވަޅުތަކެއް އަޅަން ނިންމާފައިވާ ކަމަށް ޓްރާންސްޕޯޓް އޮތީރިޓީން ބުނެފި އެވެ.
ޓްރާންސްޕޯޓް އޮތޯރިޓީގެ ޗެއާމަން އަބްދުރަޝީދު ނާފިޒު ވިދާޅުވީ ވެހިކަލުން ދުން އެރުމުގެ ސަބަބުން ސިއްހަތަށާއި ތިމާވެއްޓަށްވެސް ގެއްލުންތަކެއް ވަމުންދާ ކަމަށާއި، އެހެންކަމުން ދުން މަދުކުރަން މި ފިޔަވަޅުތަކެއް އަޅަން ތައްޔާރުވަމުންދާ ކަމަށެވެ.
"ބައެއް ޓެކްސީތަކުންނާއި މި ނޫން ވެސް އުޅަނދު ފަހަރުން ގިނަ އަދަދެއްގެ ދުން އަރާ. އެކަމުން ގެއްލުން ވަމުންދޭ،" ޓެކްސީ އެޕް ތައާރަރު ކުރުމަށް ބޭއްވި ރަސްމިއްޔާތުގައި ނާފިޒު ވިދާޅުވި އެވެ.
އޭނާ ވިދާޅުވީ އުޅަނދު ފަހަރުން އަރާ ދުމުން ސަލާމަތް ކުރުމަށް އެންވަޔަރުމަންޓް މިނިސްޓްރީ އާއި ޓްރާންސްޕޯޓް އޮތޯރިޓީ ގުޅިގެން "ނޭޝަނަލް އެމިޝަން ސްޓޭންޑަޑެއް" ގާއިމް ކޮށްފައިވާ ކަމަށެވެ.
"އިރާދަކުރެއްވިއްޔާ މި ސްޓޭންޑަޑާ އެއްގޮތައް ރާއްޖޭގައި ދުއްވާ ހުރިހާ ވެހިކަލްގެ އެމިޝަން ނޫނީ ދުމުގެ ކަންތައްތައް ބަދަލުވެގެން ދާނެ. އޭރުން މި ސްޓޭންޑަޑަށް ހުންނަން ވާނީ،" ނާފިޒު ވިދާޅުވި އެވެ.
އޭނާ ވިދާޅުވީ ނޭޝަނަލް އެމިޝަން ސްޓޭންޑަޑަށް އުޅަނދު ފަހަރު ފެއްތުމުގެ ގޮތުން ހުއްދަ ދީފައިވާ ގަރާޖުތަކަށް ބޭނުންވާ ސާމާނުވެސް ދެވިފައިވާ ކަމަށެވެ.
"ރޯޑްވާދިނަސް ހަދައިދޭ ގަރާޖުތަކަށް މުހިންމު ސާމާނު ވަނީ ދެވިފައި. އެކަންކަން ފުލުހުންނާ ގުޅިގެން ތަންފީޒު ކުރަމުން ގެންދާނީ،" ނާފިޒު ވިދާޅުވި އެވެ.