ރައްޔިތުންގެ މަޖިލިސް

އިއްޒަތްތެރިކަން ނުލިބޭ ކަމަށް ވިދާޅުވެ އިކްރާމް ޝަކުވާކުރައްވައިފި

Oct 2, 2021
11

ރައްޔިތުންގެ މަޖިލީހުގެ މެންބަރުންނަށް ހަގީގީ މާނައިގައި އިއްޒަތްތެރިކަން ލިބިވަޑައިނުގަންނަވާ ކަމަށް ވިދާޅުވެ އެމްޑީޕީގެ ދިއްގަރު ދާއިރާގެ މެންބަރު އިކްރާމް ހަސަން ވަރަށް ބޮޑަށް ޝަކުވާ ކުރައްވައިފި އެވެ.

އިކްރާމް ޝަކުވާކުރެއްވީ މަޖިލީހުގެ މެންބަރުންގެ އެކުވެރިންނަށް އެއާޕޯޓުގެ ވީއައިޕީ ލޯންޖު ބޭނުންކުރެވޭ ގޮތް ހެދުމަށް މަޖިލީހުގެ އާންމު ކޮމިޓީން ނިންމާފައިވާ ނިންމުމާ ދެކޮޅަށް މަޖިލީހުގެ ގިނަ މެންބަރުން ތަކެއް ވާހަކަދައްކަވާފައިވާތީ އެކަމާ ހިތްހަމަޖެހިވަޑައިނުގެން މެންބަރުން ތިއްބަވާ ވަޓްސްއަޕް ގުރޫޕަކަށް ފޮނުއްވި މެސެޖުތަކެއްގަ އެވެ.

އިކްރާމް ވިދާޅުވީ މަޖިލީހުގެ ގަވައިދުގައި "އިއްޒަތްތެރި" ހިމަނާފައިވީ ނަމަވެސް ހަގީގީ މާނައިގައި އިއްޒަތް ނުހޯދާ އޮތީ ހަމައެކަނި ރާއްޖޭގެ މަޖިލިސް ކަމަށެވެ. އެހެންވެ މަޖިލީހުން ބޭރުގައި އުޅުއްވާއިރު އިއްޒަތްތެރިކަމުގެ އިހުސާސް ކުޑަކޮށްވެސް ނުކުރެއްވޭ ކަމަށެވެ. ގާނޫނާއި ގަވައިދު އިސްލާހުކޮށްގެން އިއްޒަތްތެރިކަން ޔަގީންކޮށްދިނުމަށް ވެސް އެދިވަޑައިގެންނެވި އެވެ.

"އަޅުގަނޑު ގަބޫލުކުރާ ގޮތުގައި ހަގީގީ މާނައިގައި އިއްޒަތްތެރިކަން ހޯދަން އެދޭނަމަ ކޮންމެވެސް ބަދަލުތަކެއް ގާނޫނަށް ނުވަތަ ގަވައިދަށް ގެންނަންޖެހޭ،" އިކްރާމު ލިޔުއްވާފައިވެ އެވެ.

ގިނަ މެންބަރުންގެ ރޫހު ހުރީ ހުރިހާ ގޮތަކުން ވެސް މަޖިލީހުގެ މެންބަރުން ނިކަމެތިވާ ގޮތަށް ކަމަށް ވިދާޅުވެ އިކްރާމް ވަނީ މެންބަރުންނަށް ފާޑުވެސް ވިދާޅުވެފަ އެވެ. މެންބަރުންނަށް އިއްޒަތްތެރިކަން ލިބިވަޑައިނުގަންނަވާތީ "ނިކަމެތި މެންބަރު" ކިޔުން ރަނގަޅުވާނެ ކަމަށާއި އޭރުން ރައްޔިތުން މާއުފާވާނެ ކަމުގައިވެސް ވިދާޅުވި އެވެ.

މެންބަރު އިކްރާމުގެ ޝަކުވާތަކާ ގުޅިގެން މަޖިލީހުގެ ނައިބް ރައީސް އީވާ އަބްދުﷲ ވިދާޅުވީ ގާނޫނުތަކާއި މަޖިލީހުގެ ގަވައިދު ފާސްކުރަނީ މެންބަރުން ކަމަށްވާތީ މަޖިލީހުގެ އިދާރާއިން ލާޒިމުކުރާ ކަމެއް ނެތް ކަމަށެވެ. އަދި ކިއުގައި ޖެހިވަޑައިނުގެން މެންބަރުންނަށް ހިދުމަތް ލިބޭނެ ގޮތް ހެދުމަށް ގާނޫނާއި ގަވައިދުތަކަށް ގެނެވޭނެ ބަދަލުތަކުގެ ތަފްސީލަކަށް ވެސް އީވާ އެދިވަޑައިގެންނެވި އެވެ.

މެންބަރު އިކްރާމުގެ ޝަކުވާތަކަށް އެމްޑީޕީގެ މާފަންނު މެދު ދާއިރާގެ މެންބަރު އިބްރާހީމް ރަޝީދު (ބޮންޑާ) ވަނީ ރައްދުދެއްވާފަ އެވެ. އެގޮތުން ބޮންޑާ ވިދާޅުވީ އަނބިދަރިންނާއި، ގެދޮރު ވިއްކާލުމަށްފަހު "ހެސްކިޔާފައި ސެންޓު ޖަހާފައި ރަށުތެރޭގައި ދުއްވިއަސް" ގަދަރާއި އިއްޒަތް ނުލިބޭނެ ކަމަށާއި އެކަމަކު މީހުންގެ މަލާމާތް ލިބިދާނެ ކަމަށެވެ. އެހެންވެ ބޮންޑާ ވަނީ "ދޮންދޮން ކަޅޭ ހެދިވަޑައިގަތުމަށް" ނޫޅުއްވުމަށް އިކްރާމަށް ދަންނަވާފަ އެވެ.

ބޮންޑާ ވަނީ ދިވެހި ބަހުގައި އިއްޒަތް މާނަކުރައްވާ ގޮތް ވެސް އިކްރާމަށް ވިދާޅުވެ ދެއްވާފަ އެވެ. އެގޮތުން ވިދާޅުވީ އިއްޒަތަކީ މީހެއްގެ މާތްކަމާއި ގަދަރުވެރިކަމާއި އެކަމުން އުފެދޭ ހަގީގީ ބާރު ކަމަށެވެ.

ބޮންޑާ އިތުރަށް ވިދާޅުވީ މެންބަރުންނަށް އިއްޒަތާއި އިމްތިޔާޒު ދިނުމަށް ރައްޔިތުންގެ ބައިތުލްމާލުގައި ފައިސާ ނެތް ކަމަށެވެ. ފައިސާ ނެތީ ދިވެހިންގެ ކުރިއަށް އޮތް ހަތަރު ޖީލުގެ މަސައްކަތުން ވެސް އަދާނުކުރެވޭ ވަރުގެ ބޮޑު ދަރަންޏެއް ދައުލަތުގައި އޮތުމުން ކަމަށްވެސް ވިދާޅުވި އެވެ. ދައުލަތުގެ ދަރަނި ބޮޑު ކަން އޭނާ ސިފަކޮށްދެއްވީ ދުނިޔޭގެ އެންމެ އުސް ފަރުބަދަ ކަމަށްވާ ހިމާލިޔާ ފަރުބަދައިގެ ސައިޒުންނެވެ.