އެމްއާރުއެމް

އެމްއާރްއެމްގެ މަގާމުތަކަށް މެންބަރުން އިންތިހާބުކޮށްފި

މޯލްޑިވްސް ރިފޯމް މޫވްމަންޓް (އެމްއާރްއެމް) ގެ ފުރަތަމަ ނޭޝަނަލް ކޮންވެންޝަން -- ކޮންގްރެސް -- ގައި އެ ޕާޓީގެ އިސް މަގާމުތަކަށް މެންބަރުން އިންތިހާބު ކޮށްފި އެވެ.

މިއަދު ކުރިއަށް ގެންދިޔަ އެ ޕާޓީގެ ކޮންގްރެސްގައި ޖުމްލަ 12 މަގާމަކަށް މެންބަރުން އިންތިހާބުކޮށްފައިވެއެވެ. ނަމަވެސް ބައެއް މަގާމުތަކަށް ކުރިމަތިލެއްވީ އިންތިހާބު ކުރަން ޖެހޭ އަދަދަށް ކަމަށްވާތީ ވޯޓެއް ނެތި އެ މެންބަރުން ވަނީ އިންތިހާބުވެފައެވެ.

އެ ގޮތުން އެމްއާރްއެމްގެ ޒައީމު ކަމަށް އެ ޕާޓީގެ ފައުންޑާ އަދި ކުރީގެ ރައީސް މައުމޫން އަބްދުލްގައްޔޫމް، އެމްއާރްއެމްގެ ރައީސް ކަމަށް މައުމޫންގެ ދަރިކަލުން ފާރިސް މައުމޫން އިންތިހާބު ކުރީ ވޯޓެއް ނެތިއެވެ. މީގެ އިތުރުން ނާއިބު ރައީސުންގެ ދެ މަަގާމުގެ ތެރެއިން އަންހެނުންނަށް ހާއްސަ މަގާމަށް ކުރިމަތިލެއްވީ އައިމިނަތު ނާދިރާ އެކަނި ކަމުން ނާދިރާ އިންތިހާބުވީވެސް ވޯޓެއް ނެތިއެވެ.

އަނެއް މަގާމަށް ދެ ބޭފުޅުން ވާދަ ކުރެއްވިއެވެ. ވާދަވެރިކަން އޮތް އެ ވޯޓްގައި ކުރި ހޯއްދެވީ ޝަޒައިލްއެވެ. އޭނާއާ ވާދަކުރެއްވީ ޝިމާޒު އެވެ.

އަންހެނުންގެ ކައުންސިލްގެ ރައީސްގެ ރައީސް ކަމަށް އިންތިހާބު ވީ އާރިފާ ރަޝީދެވެ. ޒުވާނުންގެ ކައުންސިލްގެ ރައީސް ކަމަށް އިބްރާހިް ފަރުހާދެވެ.

އިތުރުން އެގްޒެކްޓިވް ކޮމެޓީގެ މެންބަރު ކަމަށް 20 ބޭފުޅުން އިންތިހާބު ކޮށްފައިވެއެވެ. އެއީ 10 ފިރިހެނުންނާއި 10 އަންހެނުންނެވެ. ޒުވާނުންގެ ކައުންސިލްގެ ނާއިބު ރައީސް ކަމަށާއި އެ ކައުންސިލަށް އިތުރު 30 މެންބަރުންވެސް އިންތިހާބުކޮށްފައިވެއެވެ. އެއީ 15 ފިރިހެނުންނާއި 15 އަންހެނުންނެވެ. އަދި އަންހެނުންގެ ކައުންސިލްގެ ނާއިބު ރައީސް ކަމަށާއި އަންހެނުންގެ ކައުންސިލަށް 20 މެންބަރުން ހޮވުމަށް ވެސް ވަނީ ހަމަޖެހިފައެވެ.

މީގެ އިތުރުން އިންތިހާބު ކޮމެޓީ އާއި ސުލޫކު ކޮމެޓީ އާއި އިސްތިއުނާފު ކޮމެޓީއަށް ކޮންމެ ކޮމެޓީއަކަށް ފަސް މެންބަރުން އިންތިހާބު ކޮށްފައިވެއެވެ.