ސުޕްރީމް ކޯޓް

ކޯޓުގައި އުމުރު ބަދަލު ކުރާ އުސޫލު ބާތިލުކޮށްފި

Oct 3, 2021

އުމުރު ބަދަލު ކުރުމަށް ރާއްޖޭގެ ކޯޓުތަކަށް ހުށަހަޅާ މައްސަލަތައް ބަލަން ސުޕްރީމް ކޯޓުން 2016 ވަނަ އަހަރު ނެރެފައިވާ އުސޫލު ބާތިލް ކޮށްފި އެވެ.

އެ އުސޫލު ބުނާ ގޮތުގައި، އުމުރު ބަދަލު ކުރުމަށް އެދި ހުށަހަޅާއިރު އުފަން ތާރީހު އަންގައިދޭ ރަސްމީ ލިޔުމެއް އޮވެއްޖެނަމަ ހެއްކެއްގެ ގޮތުގައި ބަލާނީ އެ ލިޔުމަށެވެ. ނަމަވެސް އެ ލިޔުމުގައި އޮތީ އަސްލު ނޫން އުފަން ތާރީހެއްކަން ބުއްދިއަށް ގަބޫލު ކުރެވޭނަމަ އުމުރު ބަދަލު ކުރަން އެދިފައިވާ ސަބަބަށް ރިއާޔަތް ކުރުމަށް ފަހު ގޮތެއް ނިންމާނީ ހެކިންގެ ހެކިބަހުންނެވެ.

އުފަން ތާރީހު އަންގައިދޭ އެއް ލިޔުމަށްވުރެ ގިނަ ލިޔުން ހުރެ އަދި އެ ލިޔުންތަކުގައި ތާރީހު ބަދަލުވާނަމަ ބަލާނީ އެންމެ ސައްހަ ލިޔުމަކަށް ކަން އެ އުސޫލުގައި ވެއެވެ. މީގެ އިތުރުން އުފަން ތާރީހު އަންގައިދޭ އެއްވެސް ރަސްމީ ލިޔުމެއް ނެތްކަން ޝަރީއަތަށް ސާބިތުވާ ހާލަތެއްގައި، އެ ތާރީހާ ބެހޭ ގޮތުން ގޮތެއް ކަނޑައަޅާނީ ހެކިންގެ ހެކިބަހުންނެވެ.

ސުޕްރީމް ކޯޓުން މިއަދު މި އުސޫލު ބާތިލް ކޮށްފައި ވަނީ މި އުސޫލަށް މިހާރު އަމަލު ނުކުރާތީ ކަމަށް ކޯޓުން ވަނީ ބުނެފަ އެވެ. މި އުސޫލު ބާތިލް ކުރުމަށް ނިންމާފައި ވަނީ ފަނޑިޔާރުންގެ އާންމު މަޖިލީހުންނެވެ.