އިލެކްޝަންސް ކޮމިޝަން

އިހުލާސްތެރި ޕާޓީ އުފައްދަން ހުއްދަ ދީފި

Oct 3, 2021
2

"އިހްލާސްތެރި ޕާޓީ މޯލްޑިވްސް" ގެ ނަމުގައި އާ ސިޔާސީ ޕާޓީއެއް އުފެއްދުމުގެ ހުއްދަ އިލެކްޝަންސް ކޮމިޝަނުން ދީފި އެވެ.

އާ ސިޔާސީ ޕާޓީއެއް އުފެއްދުމަށް އީސީން ހުއްދަ ދީފައި ވަނީ މިއަދު އެވެ. ހުއްދަ ދީފައި ވަނީ މ. ކެލަން، މުހައްމަދު އިސްމާއީލް އަށެވެ. އޭނާއަކީ ހައުސިން މިނިސްޓްރީގައި 30 އަހަރު މަސައްކަތް ކޮށްފައިވާ މީހެކެވެ.

މުހައްމަދު އިސްމާއީލް އެންމެ ފުރަތަމަ ހުށަހަޅާފައި ވަނީ "ކަރިޝްމާ ޕާޓީ" ގެ ނަމުގައި ސިޔާސީ ޕާޓީއެއް އުފައްދާށެވެ. ނަމަވެސް އެފަހަރު ޕާޓީ އުފެއްދުމުގެ ހުއްދަ އީސީ އިން ދީފައި ނުވަނީ އެނަމަކީ ސިޔާސީ ޕާޓީއަކަށް ކިޔަން އެކަށީގެންވާ ނަމެއް ނޫން ކަމަށް ބުނެ އެވެ. އަދި ސިޔާސީ ޕާޓީއެއް އުފެއްދުމުގެ ހުއްދައަށް އެދޭ ފޯމާ އެކީ ހުށަހަޅަން ޖެހޭ ލިޔެކިޔުންތައް ފުރިހަމަނުވާތީ އެވެ.

އީސީގެ ދަފްތަރުގައި މިހާރު ސިޔާސީ 10 ޕާޓީއެއް އެބަ އޮތެވެ.

އަދި މޯލްޑިވްސް ނޭޝަނަލް ޕާޓީ (އެމްއެންޕީ) ގެ ނަމުގައި ވެސް ދާދި ފަހުން ވަނީ ސިޔާސީ ޕާޓީ އެއް އުފައްދާފަ އެވެ. އެޕާޓީ އަދި އީސީގެ ދަފްތަރަކު ނެތެވެ. އެމްއެންޕީ އުފެއްދުމުގެ ޖަލްސާ ބޭއްވުމަށް އެޕާޓީއިން ވެސް އަންނަނީ ތައްޔާރުވަމުންނެވެ. އެމްއެންޕީ ރަޖިސްޓްރީ ކުރަން ހުށަހަޅާފައި ވަނީ މިދިޔަ މަހުގެ 15 ވަނަ ދުވަހު އެވެ.