އިލެކްޝަންސް ކޮމިޝަން

ސައްހަ ނޫން ކޮންމެ ފޯމެއް 10،000ރ. އިން ޖޫރިމަނާ

ސިޔާސީ ޕާޓީތަކަށް ވަނުމަށް އިލެކްޝަންސް ކޮމިޝަނަށް ހުށަހަޅާ ފޯމު ތަކުގެ ތެރެއިން ސައްހަ ނޫން ކޮންމެ ފޯމަކަށް 10،000 ރުފިޔާގެ ޖޫރިމަނާއެއް ކުރުމަށް މިއަދު އެ ކޮމިޝަނުން ނިންމައިފި އެވެ.

އީސީގެ ނައިބް ރައީސް އިސްމާއީލް ހަބީބު މިއަދު ވިދާޅުވީ ސިޔާސީ ޕާޓީތަކުން ހުށަހަޅާ ކޮންމެ ފޯމަކަށް ސިޔާސީ ޕާޓީ ޖޫރިމަނާ ކުރާނެ ކަމަށެވެ. އަދި ކޮންމެ ފޯމަކަށް ޕާޓީގެ ރަޖިސްޓްރާ ވެސް ޖޫރިމަނާ ކުރާނެ ކަމަށެވެ. އެގޮތުން ފުރަތަމަ ފަހަރު 5000 ރުފިޔާ އަދި ދެވަނަ ފަހަރު 10،000 ރުފިޔާ އިން ޖޫރިމަނާ ކުރާނެ ކަމަށް ހަބީބް ވިދާޅުވި އެވެ.

ހަބީބް ވިދާޅުވި ގޮތުގައި މިދިޔަ އޭޕްރީލް މަހުން ފެށިގެން އެ ކޮމިޝަނަށް ހުށަހަޅާފައިވާ ސައްހަ ނޫން ފޯމުތަކާ މެދު މިއަދުން ފެށިގެން އެގޮތަށް އަމަލުކުރަމުން ދާނެ ކަމަށެވެ.

ބައެއް މީހުންނަށް ނޭނގި އެ މީހުން ސިޔާސީ ޕާޓީ ތަކަށް ވައްދާ މައްސަލަ ބޮޑުވެފައިވާތީ ޕާޓީތަކަށް ވެއްދުމަށް ހުށަހަޅާ މީހުންގެ މައުލޫމާތު މިމަހުން ފެށިގެން އިލެކްޝަންސް ކޮމިޝަނުން މިހާރު ގެންދަނީ އާންމުވެސް ކުރަމުންނެވެ.

ދާދިފަހުން އެމްޑީޕީގެ ޕާލިމެންޓްރީ ގުރޫޕުގެ މެމްބަރުންތަކެއް ވެސް އެހެން ޕާޓީތަކުގައި ރަޖިސްޓްރީކޮށްފައިވާ މައްސަލަތަކެއް ވަނީ ފެންމަތިވެފަ އެވެ.

ސައްހަ ނޫން ފޯމު ހުށަހެޅި ކަމުގެ ތުހުމަތު އޮތް ޕާޓީ ތަކުން ގެންދަނީ އެ ތުހުމަތު ދޮގުކުރަމުންނެވެ.