ސިޔާސީ ޕާޓީތައް އުފައްދަން އިލެކްޝަންސް ކޮމިޝަން (އީސީ) އިން ލުއިތަކެއް ދީފި އެވެ.
ސިޔާސީ ޕާޓީތަކުގެ ގާނޫނު ބުނާ ގޮތުން އަލަށް ޕާޓީއެއް އުފެއްދުމަށް 3000 މެމްބަރުން ހަމަކޮށް އިލެކްޝަންސް ކޮމިޝަނަށް ހުށަހަަޅަން ޖެހެއެވެ. އަދި ޕާޓީއެއް އުފައްދަން ހުއްދަ ދޭ ފަހުން 90 ދުވަސް ތެރޭގައި 3000 މެމްބަރުން ހަމަކޮށް ސޮއި ހުށަހަޅަން ޖެހޭނެ އެވެ.
ނަމަވެސް އީސީގެ ސެކެޓްރީ ޖެނެރަލް ހަސަން ޒަކަރިއްޔާ މިއަދު ވިދާޅުވީ މެމްބަރުން ހަމަކުރަން ދީފައި އޮންނަ މުއްދަތުގެ މާއްދާ، ކޮވިޑާ ގުޅިގެން މިހާރު ވަގުތީ ގޮތުން ސަސްޕެންޑް ކޮށްފައި ކަމަށެވެ. އަދި 90 ދުވަސް ގުނާއިރު ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތު އިއުލާން ކޮށްފައި އޮންނަަ ދުވަސްތައް ވެސް ނުގުނާނެ ކަމަށެވެ.
ކޮވިޑާ ގުޅިގެން ރާއްޖޭގައި ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތު އެންމެ ފުރަތަަމަ އިއުލާންކުރީ މިދިޔަ އަހަރުގެ މާޗް މަހުގެ 12 ވަނަ ދުވަހު އެވެ. އޭގެ ފަހުން އެ ހާލަތު އުވައެއް ނުލައެވެ.
ކުއްލި ނުރައްކަލުގެ ހާލަތު އިއުލާންކުރުމުގެ ކުރިން 2019 ވަނަ އަހަރު ޑިސެމްބަރު މަހުގެ 17 ވަނަ ދުވަހު އުއްމީދީ ޕާޓީގެ ނަމުގައި ޕާޓީއެއް އުފައްދަން މުހައްމަދު ސައީދު، މ. ރީފްސައިޑް ހުށަހަޅާފައި ވެއެވެ. އެ ޕާޓީއަށް 3000 މީހުން ހަމަނުވާތީ އަދި ރަޖިސްޓްރީއެއް ނުކޮށްދެ އެވެ. ނަމަވެސް ކުއްލި ނުރައްކަލުގެ ހާލަތު އިއުލާަން ކޮށްފައި އޮތުމުން ބޭނުންވާ އަދަަދަށް ސޮއި ހޯދައި ރަޖިސްޓްރީ ކުުރަން ހުށަހަޅަން ދިން ތިން މަހުގެ މުއްދަތު އަދި ހަމައެއް ނުވެ އެވެ. ސޮއި ހަމަކޮށް ރަޖިސްޓްރީކުރަން ހުށައެއް ވެސް ނާޅަ އެވެ.
ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތު އިއުލާންކުރި ފަހުން ވެސް ދެ ޕާޓީއެއް ރަޖިސްޓްރީކުރަން ހުށަހަޅާފައި ވެއެވެ. އެއީ ނެޝެނަލް އިންޓަގްރިޓީ ކޮމިޝަންގެ ކުރީގެ ރައީސް ޔޫސުފް މާނިއު މުހައްމަދު އުފައްދަން ހުށަހެޅުއްވި " ނެޝަނަލް ޑިމޮކްރެޓިކް ކޮންގްރެސް" އާއި އަހުމަދު ސައީދު. ސ. ހިތަދޫ / ކަނަންދޫގެ، ހުށަހެޅި "ދިވެހި އުއްމީދީ ޕާޓީ" އެވެ. އެ ދެ ޕާޓީއަށް ވެސް 3000 މީހުންގެ ސޮއި ހޯދައި ޕާޓީ ރަޖިސްޓްރީ ކުރަން ހުށަހެޅުމުގެ ފުރުސަތު އަދި އޮންނާނެ އެވެ.
ފާއިތުވި ދެ އަހަރުގެ ތެރޭގައި 15 އަށްވުރެ ގިނަ ޕާޓީ ރަޖިސްޓްރީކުރަން ހުށަހެޅި އެވެ. އޭގެ ތެރެއިން ހަތް ޕާޓީއެއް އުފައްދަން ބޭނުންވާ އަދަދަށް ސޮއި ހުށަހަޅަން ދިން މުއްދަތުގައި އެކަން ނުވުމުން އެ ހުއްދަ ބާތިލު ކުރީ އެވެ. އޭގެ އިތުރުން ސިޔާސީ ޕާޓީއަކަށް ކިޔަން އެކަށީގެންނުވާ ނަމެއް ހުށަހެޅުމުން ދެ ޕާޓީއެއް އުފައްދަން ހުއްދަ ނުދެ އެވެ.
އެ ދެ އަހަރު ރަޖިސްޓްރީ ކޮށްދިނީ ކުރީގެ ރައީސް މައުމޫން އަބްދުލް ގައްޔޫމްގެ މޯލްޑިވްސް ރިޕޯމް މޫވްމަންޓެވެ.