ރަސްދޫ

މަޑިވަރު ފަޅުން ވެލި ނަގާ މައްސަލަ ހައްލުކޮށްފި

ވެލިގަނޑު ރިސޯޓު ގިރުން ހުއްޓުވަން ކަމަށް ބުނެ އއ. ރަސްދޫ ފަޅުތެރޭގައި އޮންނަ މަޑިވަރު ފަޅުން ވެލިނަގާ މައްސަލަ ހައްލުކޮށްފި އެވެ.

ވެލިގަނޑު ރިސޯޓުން މީގެ ކުރިން ދިޔައީ ވެލި ފިނޮޅުގެ ނަމުގައި ވެލި އާ ރަށެއް ހިއްކަމުން ނެވެ. ނަމަވެސް އޭގެ ސަބަބުން ރަސްދޫއަށް ގެއްލުންވާ ކަމަށް ބުނެ އެ ރަށުގެ މީހުން ދިޔައީ ވަރަށް ބޮޑަށް ނުރުހުން ފާޅުކުރަމުން ނެވެ.

ރަސްދޫ ކައުންސިލުގެ ރައީސް މުހައްމަދު ނާހިދު އަވަސްއަށް ވިދާޅުވީ ވެލި ނެގުމުގެ މައްސަލައިގައި އީޕީއޭއާއި ޓޫރިޒަމް މިނިސްޓްރީއާއި އެލްޖީއޭއާކު ކައުންސިލްއިން ވާހަކަތައް ބޭއްވި ކަމަށާއި އަދި ފަހު ފަޅުތެރެއިން ވެލި ނެގުން ހުއްޓުވަން އެއްބަސްވެފައިވާ ކަމަށެވެ.

ހަަމަ އެހެންމެ އަލުން ވެލި ފިނޮޅު ހިއްކަން ހުއްދަ ދޭނީ ރަސްދޫ ހިމެނޭ ސަރަަހައްދަށް ގެއްލުން ނުވާނެގޮތަށް ވެލި ނެގޭނެގޮތަށް ހަމަޖައްސެމުން ކަމަށް ޓޫރިޒަމް މިނިސްޓްރީން ބުނެފައިވާ ކަމަށް ނާހިދު ވިދާޅުވެ އެވެ.

ރަސްދޫގެ ފަޅުތެރެއިން ވެލި ނަގާ މައްސަލަ ބޮޑުވެ ރަސްދޫ ހިމެނޭ ތޮއްޑޫ ދާއިރާގެ މެމްބަރު އަހުމަދު ޝިޔާން އެ މައްސަލަ އޮތީ މަޖިލީހަށް ވެސް ހުށަހަޅައިފަ އެވެ.

ޝިޔާން ވިދާޅުވީ ވެލިވެލިގަނޑު ރިސޯޓުން ވެލި ނަގަމުންދާ ސަރަހައްދަކީ ހިމާޔަތް ކޮށްފައިވާ ސަރަަހައްދަކަށް ވާއިރު ތިމާވެއްޓަށް ގެއްލުންވާ ފަދަ ގޮތަކަށް އެ ރިސޯޓުން އަމަލު ކޮށްފައިވާ ކަމަށެވެ. އެ އަމަލުތަކުގެ ސަބަބުން މަޑިވަރު ފިނޮޅު ނެތިދިއުމުގެ ބިރު އޮތުމާއި، އިގުތިސޯދަށް ނޭދެވޭ އަސަރު ކުރާނެތީ ރިސޯޓުން ބައުންޑްރީ ބޮޑު ކުރުމަށް ކުރާ މަސައްކަތް ހުއްޓުވައި ދާއިމީ ހައްލެއް ހޯދައިދޭން ވެސް ހުށަހެޅުއްވި އެވެ.

މަޑިވަރު ފަޅުން ވެލި ނަގާތީ އެކަމާ ދެކޮޅަށް ރަސްދޫގެ ރައްޔިތުން ވެސް އިހްތިޖާޖު ކުރިއެވެ. މީގެ ކުރިން ޒަަރޫރީ އެކިއެކި ބޭނުންތަކަށާއި ވިޔަފާރި އުސޫލުން ގިނަ އަދަދަކަށް މަޑިވަރު ފަޅު ތެރެއިން ވެލި ނެގުމުގެ ސަބަބުން އެ ފަޅު ތެރޭގައި ހުރި ފިނޮޅުތައް ގިރައި، ގުދުރަތީ ގޮތުން މިހާރު ވެސް ބޮޑެތި ގެއްލުންތަކެއް ލިބިފައިވާ ކަމަށް ރަސްދޫގެ ބައެއް ރައްޔިތުން ބުނެ އެވެ.