ރައީސް އޮފީސް

އެޗްއާރްސީއެމްގެ މެމްބަރަކަށް ސަމާއު އައްޔަންކޮށްފި

ހިއުމަން ރައިޓްސް ދި މޯލްޑިވްސް (އެޗްއާރްސީއެމް)ގެ މެމްބަރު ކަމުގެ މަގާމަށް ސަމާއު އަހްމަދު ނަޖީބު އައްޔަންކޮށްފި އެވެ.

ސަމާއު މި މަގާމަށް އައްޔަންކުރެއްވީ މިއަދު ރައީސް އޮފީހުގައި ބޭއްވި ރަސްމިއްޔާތެއްގައެވެ. ރަސްމިއްޔާތުގައި ސަމާއު ވަނީ، އެޗްއާރްސީއެމްގެ މެންބަރު ކަމުގެ ހުވައި ކުރައްވާފައެވެ. ހުވާ ލައިދެއްވީ ރާއްޖޭގެ ސުޕްރީމް ކޯޓުގެ ފަނޑިޔާރު އާއިޝާ ޝުޖޫން މުހައްމަދެވެ.

ސަމާއު މީގެކުރިންވަނީ އެޓާނީ ޖެނެރަލްގެ އޮފީހުގައި 2015 ވަނަ އަހަރުން ފެށިގެން ސްޓޭޓް އެޓާނީކަމާއި ސީނިއާ ސްޓޭޓް އެޓާނީގެ މަގާމު އަދާކޮށްފަ އެވެ. މީގެ އިތުރުން، އިންޑިއާގައި ހުންނަ ރާއްޖޭގެ އެމްބަސީގައި އެޓޭޗޭއެއްގެ މަގާމުވެސް 2010 ވަނަ އަހަރާއި 2011 ވަނަ އަހަރާއި ދެމެދު ސަމާއު އަދާކޮށްފައި ވެއެވެ.

އޮސްޓްރޭލިއާގެ ޔުނިވާސިޓީ އޮފް މެލްބަންއިން އިން މާސްޓާ އޮފް ހިއުމަން ރައިޓްސް ލޯ ހާސިލުކުރައްވާފައިވާ ސަމާއު އިންސާނީ ހައްގުތަކާއި ބެހޭ އެތަކެއް ވޯކްޝޮޕްތަކާއި ސެމިނާތަކުގައި ބައިވެރިވެލައްވާފައެވެ. މީގެ އިތުރުން، ސަމާއު އަކީ އދގެ ޔޫއެންސީއޭސީއަށް ރާއްޖެއިން ކަނޑައަޅާފައިވާ މާހިރުންގެ ޓީމުގެ މެންބަރެކެވެ.