އެޗްއާރްސީއެމް

އެޗްއާރުސީއެމްގެ އިސް ވެރިން އައްޔަނުކުރަން މަޖިލީހަށް

ހިއުމަން ރައިޓްސް ކޮމިޝަން އޮފް މޯލްޑިވްސް (އެޗްއާރުސީއެމް)ގެ ރައީސް އާއި ނާއިބު ރައީސް އައްޔަނުކުރަން ރައްޔިތުންގެ މަޖިލީހަށް ނަން ފޮނުވައިފި އެވެ.

އެ ދެ މަގާމަަށް ބޭފުޅުން އައްޔަނުކުރުމަށް އެދި ރައީސް އިބްރާހިމް މުހައްމަދު ސޯލިހު މަޖިލީހަށް ފޮނުއްވި ސިޓީ މިއަދުގެ މަޖިލީހުގެ ޖަލްސާގައި އަމީން އާންމު ފާތުމަތު ނިއުޝާ އިއްވެވި އެވެ.

ރައީސް ހުށެހެޅުއްވީ އެޗްއާރުސީއެމްގެ ރައީސްކަމަށް މަރިޔަމް މުނާ އަދި ނާއިބު ރައީސް ކަަމަށް ޑރ. އަހްމަދު އަދުހަމް އަބްދުﷲ އައްޔަނު ކުރާށެވެ. އަދި އެ ދެބޭފުޅުން އެ ދެ މަގާމަށް އައްޔަނުކުރުމުގައި މަޖިލީހުން ގޮތެއް ނިންމައި ދެއްވުމަށް ރައީސް ފޮނުއްވި ސިޓީގައި އެދިވަޑައިގެންފައި ވެއެވެ.

އެ ދެބޭފުޅުން އެ ދެ މަގާމަށް އައްޔަނުކުރުމާަ މެދު ގޮތެއް ނިންމަން ރައްޔިތުންގެ މަޖިލީހުގެ ހިއުމަން ރައިޓްސް ކޮމިޝަނަށް މިއަދު ފޮނުވި އެވެ.

ފަސް މެމްބަރުންގެ މައްޗަށް އެކުލެވިގެންވާ އެޗްއާރުސީއެމްގެ މެމްބަރުންގެ ގޮތުގައި މިވަގުތު ތިއްބަވަނީ ޑރ. އަހްމަދު އަދުހަމް އަބްދުﷲ އާއި މަރިޔަމް މުނާ އަދި މޫމިނާ ވަހީދުގެ އިތުރުން އައިމިނަތު ޝިފާއަތު އަބްދުއްރައްޒާގް އާއި ސަމާއު އަހުމަދު ނަޖީބް އެވެ. މީގެ ތެރެއިން ސަމާއު އައްޔަނު ކުރީ މިމަހުގެ ތިން ވަނަ ދުވަހު އެވެ.