އުއްތަމަ ފަނޑިޔާރު އަހްމަދު މުއުތަސިމް އަދުނާން ދިރިއުޅުއްވުމަށް ދައުލަތުން ހަމަޖައްސައިދޭ ގެކޮޅުގެ މަސައްކަތް ދެ ހަފްތާގެ ތެރޭގައި ނިންމާލެވޭނެ ކަމަށް ސަރުކާރުން ބުނެފި އެވެ.
އުއްތަމަ ފަނޑިޔާރަށް ދައުލަތުން ހަމަޖައްސައިދޭ ގެކޮޅުގެ މަސައްކަތްތަކާ ގުޅޭގޮތުން ސަރުކާރުން ވާހަކަ ދައްކާފައި މިވަނީ އުއްތަމަ ފަނޑިޔާރު މިހާރު ދިރިއުޅުއްވާ އެމަނިކުފާނުގެ އަމިއްލަ ގެކޮޅަށް މީހަކު ވަދެގެން މައްސަލާގައި އެކިއެކި ފަރާތްތަކުން ކަންބޮޑުވުން ފާޅުކުރަމުން ދަނިކޮށެވެ.
އުއްތަމަ ފަނޑިޔާރުގެ ގެކޮޅަށް މިދިޔަ ބުރާސްފަތި ދުވަހު މީހަކު ވަދެ އެ ގޭގައި ހުރި ސީސީޓީވީ ކެމަރާ ސިސްޓަމް ވަނީ ހަލާކުކޮށްލާފަ އެވެ. އެވަގުތު އުއްތަމަ ފަނޑިޔާރު ގެކޮޅުގައި ނޫޅުއްވާ ކަމަށް މައުލޫމާތު ލިބެ އެވެ.
މައްސަލަ ފުލުހުން ބަލަމުން ދިޔަ ނަމަވެސް މީހަކު ހައްޔަރުކުރި ކަމަކަށް ފުލުހުން ނުބުނެ އެވެ. އުއްތަމަ ފަނޑިޔާރުގެ ގެކޮަޅަށް މީހަކު ވަދެގަތުމާ ގުޅިގެން އެ ގެކޮޅުގެ ސެކިއުރިޓީ ސިފައިން ވަނީ ވަރުގަދަކޮށްފަ އެވެ.
އުއްތަމަ ފަނޑިޔާރަށް ދައުލަތަށް ހަމަޖައްސައިދިން ގެކޮޅަށް އެމަނިކުފާނު ބަދަލުވުމާ ގުޅޭގޮތުން އަވަސް އިން ދެންނެވި ސުވާލަކަށް ޖަވާބު ދެއްވަމުން ރައީސް އޮފީހުގެ ތަރުޖަމާން މުހައްމަދު މަބްރޫކް އަޒީޒު ވިދާޅުވީ މިވަގުތު އުއްތަމަ ފަނޑިޔާރަށް ހަމަޖައްސައިދެނީ ވަގުތީ އިންތިޒާމެއް ކަމަށެވެ. އެގޮތުން އެމަނިކުފާނު ދިރިއުޅުއްވަށް ތައްޔާރުކުރާ ތަން ދެ ހަފްތާގެ ތެރޭގައި ނިމެނޭ ކަމުގެ ޔަގީންކަން މަބްރޫކް ވަނީ ދެއްވާފަ އެވެ.
އުއްތަމަ ފަނޑިޔާރު ދިރިއުޅުއްވުމަށް ހަދަމުންދާ ތަނާ ގުޅޭގޮތުން މަބްރޫކް އެއްވެސް މައުލޫމާތެއް ނުދެ އެވެ. އެކަމަކު އަވަސް އަށް އެނގިފައިވާ ގޮތުގައި އުއްތަމަ ފަނޑިޔާރު ދިރިއުޅުއްވުމަށް ހަމަޖައްސަނީ ކުރީގެ ނައިބް ރައީސް އަބްދުﷲ ޖިހާދު ދިރިއުޅުއްވި ރެހެންދި އެޕާޓްމަންޓެކެވެ.
އުއްތަމަ ފަނޑިޔާރާއި ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު ދިރިއުޅުއްވުމަށް ދައުލަތުން ވަކި ތަނެއް ހަމަޖައްސަން ސަރުކާރުން ނިންމީ މިދިޔަ މެއި މަހުގެ ހަވަނަ ދުވަހުގެ ރޭ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދަށް ދިން ހަމަލާއާ ގުޅިގެން މަޖިލީހުގެ ރައީސް އާއި އުއްތަމަ ފަނޑިޔާރުގެ ސަލާމަތާއި ރައްކާތެރިކަމަށްޓަކައި އިތުރު ފިޔަވަޅުތަކެއް އަޅަން ރައީސް އިބްރާހީމް މުހައްމަދު ސޯލިހް އެންގެވުމާ ގުޅިގެންނެވެ.
ރައީސްގެ އެންގެވުމާ އެއްގޮތަށް އުއްތަމަ ފަޑިޔާރާއި ރައްޔިތުންގެ މަޖިލީހުގެ ރައީސް ދިރިއުޅުއްވާނެ ތަނަކާއި އެ ބޭފުޅުންގެ ސެކިއުރިޓީ އިތުރަށް ވަރުގަދަ ކުރުމަށް އިންތިޒާމުތަކެއް ހަމަޖެއްސުމަށްޓަކައި ފަނޑިޔާރުންގެ ގާނޫނަށާއި ރައްޔިތުންގެ މަޖިލީހުގެ އިމްތިޔާޒުތަކާއި ބާރުތަކުގެ ގާނޫނު މިހާރު ވަނީ އިސްލާހުކޮށްފަ އެވެ.
އުއްތަމަ ފަނޑިޔާރާއި މަޖިލީހުގެ ރައީސް ދިރިއުޅުއްވަން ހަމަޖައްސާ ތަނަކަށް ހިނގާނެ ހަރަދާއި މުވައްޒަފުން ހަމަޖެއްސުމަކީ އިސްލާހުގައިވާ ގޮތުން އެ ދެ ބޭފުޅުން ނިސްބަތްވާ ދައުލަތުގެ މުއައްސަސާތަކުން ހަމަޖައްސައިދޭން ޖެހޭ އިންތިޒާމުތަކެކެވެ. އެއީ ސުޕްރީމް ކޯޓާއި ރައްޔިތުންގެ މަޖިލީހުގެ އިދާރާ އެވެ.
ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދާއި އުއްތަމަ ފަނޑިޔާރު ވެސް ދިރިއުޅުއްވަމުން ގެންދަވަނީ އެ ބޭފުޅުންގެ އަމިއްލަފުޅު ގޭގަ އެވެ. ރައްޔިތުންގެ މަޖިލީހުގެ ރައީސް ދިރިއުޅުއްވަން ދައުލަތުން ހަމަޖައްސާފައިވާ މާފަންނު މުރައިދޫގެ ވެސް މިހާރު ގެންދަނީ މަރާމާތު ކުރަމުންނެވެ.