އުއްތަމަ ފަނޑިޔާރާއި އެމަނިކުފާނުގެ އާއިލާއަސް ދޭންޖެހޭ ސަލާމަތާއި ރައްކާތެރިކަމުގައި ފަރުވާ ކުޑަ ނުކުރުމަށް އިދިކޮޅު ޕްރޮގްރެސިވް ކޮންގްރެސް ކޯލިޝަނުން ގޮވާލައިފި އެވެ.
އެ ކޯލިޝަނުން މިކަމަށް ގޮވާލާފައިވަނީ މިދިޔަ މަހުގެ 30 ވަނަ ދުވަހު އުއްތަމަ ފަނޑިޔާރު އަހްމަދު މުއުތަސިމް އަދްނާން ދިރިއުޅުއްވާ ގެކޮޅުގެ ސެކިޔުރިޓީ ކެމެރާތައް ހަލާކުކޮށް ސެކިޔުރިޓީ ފޫއަޅުވާލާ އެގެއަށް ވަންނުމަށް މީހަކު މަސައްކަތްކޮށްފައިވާތީ އެކަން ކުށްވެރިކޮށް ނެރުނު ބަޔާނެއްގައެވެ.
އެ ބަޔާނުގައި ބުނެފައިވަނީ ދައުލަތުގެ ތިން ބާރުން އެބާރު ދިރިއުޅުއްވާ ގެކޮޅުގެ ސެކިޔުރިޓީ ފޫއަޅުވާލާ އެގެއަށް ވަނުމުގެ ފުރުސަތު އެއްވެސް މީހަކަށް ލިބިގެން ދިޔުމަކީ އެ ކޯލިޝަނުން އިންތިހާއަށް ކަނބޮޑުވާ ކަމެއް ކަމަށެވެ. އަދި އެފަދަ ފުރުސަތެއް އެއްވެސް މީހަކަށް ލިބިގެން ގޮސްފައިވާނީ އެމަނިކުފާނަށް ދައުލަތުން ދެމުން ގެންދާ ސަލާމަތާއި ރައްކާތެރި ކަމުގައި އިހުމާލުވެ ދޭންޖެހޭ ސަމާލުކަން ނުދެވި ފަރުވާ ކުޑަވުމުގެ ސަބަބުން ކަމަށް އެ ކޯލިޝަނުން ދެކޭ ކަމަށެވެ.
"އެހެންކަމުން ދައުލަތުގެ ތިން ބާރުގެ ތެރެއިން އަދުލު އިންސާފު ގާއިމު ކުރުމުގެ ބާރު ކަމުގައިވާ ދައުލަތުގެ އުއްތަމަ ފަނޑިޔާރާއި އެމަނިކުފާނުގެ އާއިލާއަށް ދޭންޖެހޭ ސަލާމަތާއި ރައްކާތެރިކަމުގައި ފަރުވާ ކުޑަ ނުކުރުމަށާއި އެމަނިކުފާނުގެ ސަލާމަތާއި ރައްކާތެރި ކަމަށް އެޅިފައިވާ ފިޔަވަޅުތައް ހަރުދަނާކޮށް ކަށަވަރުކޮށް ވަރުގަދަ ކުރުމަށް ގޮވާލަމެވެ،" އިދިކޮޅުގެ ބަޔާނުގައިވެއެވެ.
އުއްތަމަ ފަނޑިޔާރުގެ ގެކޮޅަށް މިދިޔަ ބުރާސްފަތި ދުވަހު މީހަކު ވަދެ އެ ގޭގައި ހުރި ސީސީޓީވީ ކެމަރާ ސިސްޓަމް ވަނީ ހަލާކުކޮށްލާފަ އެވެ. އެވަގުތު އުއްތަމަ ފަނޑިޔާރު ގެކޮޅުގައި ނޫޅުއްވާ ކަމަށް މައުލޫމާތު ލިބެ އެވެ.
މައްސަލަ ފުލުހުން ބަލަމުން ދިޔަ ނަމަވެސް މީހަކު ހައްޔަރުކުރި ކަމަކަށް ފުލުހުން ނުބުނެ އެވެ. އުއްތަމަ ފަނޑިޔާރުގެ ގެކޮަޅަށް މީހަކު ވަދެގަތުމާ ގުޅިގެން އެ ގެކޮޅުގެ ސެކިއުރިޓީ ސިފައިން ވަނީ ވަރުގަދަކޮށްފަ އެވެ.
އުއްތަމަ ފަނޑިޔާރަށް ދައުލަތަށް ހަމަޖައްސައިދިން ގެކޮޅަށް އެމަނިކުފާނު ބަދަލުވުމާ ގުޅޭގޮތުން އަވަސް އިން ދެންނެވި ސުވާލަކަށް ޖަވާބު ދެއްވަމުން ރައީސް އޮފީހުގެ ތަރުޖަމާން މުހައްމަދު މަބްރޫކް އަޒީޒު ވިދާޅުވީ މިވަގުތު އުއްތަމަ ފަނޑިޔާރަށް ހަމަޖައްސައިދެނީ ވަގުތީ އިންތިޒާމެއް ކަމަށެވެ. އެގޮތުން އެމަނިކުފާނު ދިރިއުޅުއްވަށް ތައްޔާރުކުރާ ތަން ދެ ހަފްތާގެ ތެރޭގައި ނިމެނޭ ކަމުގެ ޔަގީންކަން މަބްރޫކް ވަނީ ދެއްވާފަ އެވެ.
އުއްތަމަ ފަނޑިޔާރު ދިރިއުޅުއްވުމަށް ހަދަމުންދާ ތަނާ ގުޅޭގޮތުން މަބްރޫކް އެއްވެސް މައުލޫމާތެއް ނުދެ އެވެ. އެކަމަކު އަވަސް އަށް އެނގިފައިވާ ގޮތުގައި އުއްތަމަ ފަނޑިޔާރު ދިރިއުޅުއްވުމަށް ހަމަޖައްސަނީ ކުރީގެ ނައިބް ރައީސް އަބްދުﷲ ޖިހާދު ދިރިއުޅުއްވި ރެހެންދި އެޕާޓްމަންޓެކެވެ.