އިދިކޮޅު ފަރާތްތައް

ދިފާއީ ބާރުތަކުގެ އޮޕަރޭޝަންތަކުގެ މަގްސަދާ މެދު އިދިކޮޅުން ސުވާލު އުފައްދައިފި

ގައުމީ ދިފާއީ ބާރު ކަމުގައިވާ އެމްއެންޑީއެފް އިން މިރޭ އެލާޓް މަތިކޮށް ކުރިއަށްގެންދާ އޮޕަރޭޝަނާއި ހަރުކަށި ފިކުރު ފަތުރާ މީހުނާ ދެކޮޅަށް ސަލާމަތީ ބާރުތަކުން ހިންގަމުންދާ އޮޕަރޭޝަންތަކުގެ މަގްސަދާ މެދު އިދިކޮޅު ޕީޕީއެމް އާއި ޕީއެންސީގެ ކޯލިޝަނުން ސުވާލު އުފައްދައިފި އެވެ.

އިދިކޮޅު ކޯލިޝަނުން މިރޭ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ޕީއެންސީގެ ރައީސް އަބްދުއްރަހީމް އަބްދުﷲ (އަދުރޭ) ވިދާޅުވީ ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ހަތިޔާރާއެކު ސިފައިން ހަރަކާތްތެރިވަމުންދާ ކަމަށް ބުނިއިރު، އެލާޓަށް ނުކުންނަން ޖެހޭ ސަބަބެއް ހާމަކޮށްފައި ނުވާތީ އިދިކޮޅު ދެ ޕާޓީން ވެސް ވަރަށް ބޮޑަށް ކަންބޮޑުވާ ކަމެއް ކަަށެވެ.

"އަޅުގަނޑު ގަބޫލު ކުރާ ގޮތުގައި މިފަދަ އޮޕަރޭޝަނެއް ހިންގާއިރު ރައްޔިތުންނަށް މި ވެގެން އުޅޭ ގޮތެއް ސާފުވާން އެބަ ޖެހޭ. އެއީ ކޮން މަގްސަދެއްގައި ކޮން ބޭނުމެއް ހާސިލު ކުރަން ކުރާ ކަމެއް ކަން ރައްޔިތުންނަށް ވަރަށް ސާފުކޮށްދޭން އެބަ ޖެހޭ. އެހެން ނޫންނަމަ ރައްޔިތުންގެ ހިތްތަކުގައި ބިރުވެރިކަމެއް އުފެދިގެން ދާނެ،" އަދުރޭ ވިދާޅުވި އެވެ.

އަދުރޭ ވިދާޅުވީ ގައުމީ ސަލާމަތަށްޓަކައި ސަލާމަތީ ބާރުތަކުން ކުރިއަށް ގެންދާ އޮޕަރޭޝަންތަކަށް އެ ދެ ޕާޓީން އަބަދުވެސް އެއްބާރުލުން ދޭނެ ކަމަށެވެ. އެކަމަކު އެއްވެސް ސަބަބެއް ހާމަނުކޮށް ސިފައިން އެ ގޮތަށް ހަރަކާތްތެރިވުމަކީ ރައްޔިތުންގެ ހިތްތަކުގައި ބިރުވެރިކަމެއް އުފެދޭނެ ކަމެއް ކަމަށް އޭނާ ވިދާޅުވި އެވެ.

އެމްއެންޑީއެފް އިން ފެށި އޮޕަރޭޝަނާ ގުޅޭ ގޮތުން ބުނީ މިރޭ ހަތެއް ޖަހާއިރުން ފެށިގެން ރާއްޖޭގެ ގައުމީ ދިފާއީ ބާރުގެ އެލާޓް ސްޓޭޓަސް މައްޗަށް ޖައްސައި "ޔެލޯ2" އަށް ބަދަލު ކޮށްފައިވާ ކަމަށެވެ. އަދި ހަތިޔާރާ އެކު ސިފައިން ހަރަކާތްތެރިވާނެ ކަމަށާއި ކަނޑުމަތީ އުޅަނދުފަހަރުތައް ހުއްޓުވައި ބަލައި ފާސް ކުރަމުން ދާނެ ކަމަށެވެ.

އެމްއެންޑީއެފްގެ ސްޓޭޓަސް "ޔެލޯ2" އަށް ޖައްސާނީ ގައުމުގެ އަމަންއަމާން ކަމަށް ބުރޫއަ އަރާ ފަދަ ކަމަކާ ކުރިމަތާނެ ކަމަށް ބެލެވުން ނުވަތަ އެފަދަ މައުލޫމާތެއް ލިބުމުންނެވެ.

މީގެ އިތުރުން ހަރުކަށި ފިކުރު ފަތުރާ މީހުނާ ދެކޮޅަށް ސަރުކާރުން ކުރަމުންދާ މަސައްކަތުގެ މަގްސަދާ މެދު ވެސް އޭނާ ސުވާލު އުފެއްދެވި އެވެ. އަދުރޭ ވިދާޅުވީ އޭނާ ގަބޫލު ކުރައްވާ ގޮތުގައި އެއީ ސަރުކާރުން އެހެން ދީންތަކަށް ރާއްޖޭގައި ފުރުސަތު ދިނުމުގެ ގޮތުން މީހުންގެ ހިތްތަކުގައި އިސްލާމް ދީނާ މެދު ނަފުރަތު އުފައްދަަން ކުރާ މަސައްކަތެއް ކަމަށެވެ.

"މިހާރު ކުރަމުންދާ މަސައްކަތަކީ ދިވެހި ޒުވާނުންގެ ހިތްތަކުގައި އިސްލާމް ދީނާ މެދު ނަފުރަތު އުފެއްދުމުގެ މަސައްކަތުގައި މި ރާއްޖޭގެ އެހެން ދީންތައް ގެންނަން ކުރާ މަސައްކަތެއް. އެ މަސައްކަތާ އަޅުގަނޑުމެން ދެކޮޅު. އަޅުގަނޑުމެން ހަރުކަށި ފިކުރު ފަތުރަން އެއްކޮޅެއް ނޫން. ނަމަވެސް އެ ކަމާ ދެކޮޅަށް މަކަރުވެރި ކަމާ އެކު ކުރާ މަސައްކަތާ އަޅުގަނޑުމެން ދެކޮޅު." އަދުރޭ ވިދާޅުވި އެވެ.