އިދިކޮޅު ފަރާތްތައް

އޮޕަރޭޝަން ގެންދަންވާނީ ބިރުވެރިކަން ނުއުފެދޭ ގޮތަށް: އިދިކޮޅު

މަރުތައް ތަހުގީގު ކުރާ ރިޔާސީ ކޮމިޝަންގެ ތަހުގީގަށް ސަލާމަތީ ބާރުތަކުން މާލެ ސިޓީއާއި އައްޑޫ ސިޓީގައި މިހާރު ކުރިއަށްދާ އޮޕަރޭޝަން ރައްޔިތުންގެ ބިރުވެރިކަން އުފެދޭ ގޮތަށް ކުރިއަށް ނުގެންދިއުމަށް އިދިކޮޅު ޕީޕީއެމްއާއި ޕީއެންސީން މިއަދު ގޮވާލައިފި އެވެ.

މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ޕީއެންސީގެ ނައިބު ރައީސް އިބްރާހިމް ޝުޖާއު ވިދާޅުވީ ފުލުހުންނާއި ސިފައިން ގުޅިގެން ހިންގާ އޮޕަރޭޝަންގައި ދެ މުއައްސަސާއިން އަމަލު ކުރަމުންދާ ގޮތުގެ ސަބަބުން ސުވާލުތަކެއް އުފެދޭ ކަމަށެވެ. އޮޕަރޭޝަންގައި ސަލާމަތީ ބާރުތަކުގެ އަމަލުތައް ހުރި ގޮތް ޝުޖާއު ސިފަކުރެއްވީ "ޑްރާމާ" އެއްގެ ގޮތުގަ އެވެ.

"ރޭގެ އޮޕަރޭޝަންގައި ހަމަ ކުއްލިއަކަށް ބަލައިފާާސްކޮށް ބަޔަކު ހައްޔަރު ކުރި ވާހަަކަ އިވުން، ނަމަވެސް މިއަދު އިވުނީ ބަޔަކު ދޫކޮށްލި ވާހަކަ. މި ކުޅޭ ޑްރާމާ އަޅުގަނޑުމެންނަށް ސާފުވާން އެބަ ޖެހޭ." ޝުޖާއު ވިދާޅުވި އެވެ.

ސަލާމަތީ ބާރުތަކުން މިހާރު ހިންގަމުންދާ އޮޕަރޭޝަންގައި އަމަލު ކުރަންދާ ކަންކަމަކީ ސަރުކާރުގައި ތިއްބެވި އިސް ބޭފުޅުންގެ އަމުރަށް އަމަލު ކުރަމުންދާ ކަންކަން ކަމަށް ޝުޖާއު ވިދާޅުވި އެވެ. އަދި އެއީ ރައީސް އިބްރާހިމް މުހައްމަދު ސޯލިހާއި މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދާއި ދެމެދު އޮންނަ ވާދަވެރިކަމުގެ ތެރެއިން ހިނގާ ކަމަކަށް ވެދާނެ ކަމަށް ޝުޖާއު ވިދާޅުވި އެވެ.

"ބަޑި ހިފައިގެން ސިފައިން މާލެ ތެރޭގައި ހަރަކާތްތެރިވާއިރު، ފުލުހުން އަންނަ ގޮތަށް ރެއިޑް ކުރާއިރު ވެސް ރައްޔިތުންގެ ހިތްތަކަށް ތަސައްލީއެއް ލިބޭނެ މިންވަރަށް މި ކަންތައްތައް ހަމާކޮށްދިނުމަށް ގޮވާލަން. ދެ ބޭފުޅުން (ރައީސް ސޯލިހް އާާއި ރައީސް ނަޝީދު) ގެ މެދުގައި އޮންނަ ވާދަވެރިކަމުގައި ރައްޔިތުން ބިރުވެރިކަމަށް ދިއުމަކީ އަޅުގަނޑުމެން ކަންބޮޑުވާ ކަމައް." ޝުޖާއު ވިދާޅުވި އެވެ.

ޕީޕީއެމްގެ ނައިބު ރައީސް، ނައިފަރު ދާއިރާގެ މެންބަރު އަހުމަދު ޝިޔާމް ވިދާޅުވީ ސަލާމަތީ ބާރުތަކުގެ އޮޕަރޭޝަންގެ ކަންކަން ރައްޔިތުންނަށް ސާފުނުވާ ގޮތަށް ހިންގުމުގެ ސަބަބުން ރާއްޖޭގެ ފަތުރުވެރިކަމަށާއި އިގްތިސާދަށް ވެސް އަސަރު ކުރާނެ ކަމަށެވެ. އެ ގޮތުން ރޭގެ އޮޕަރޭޝަން ކުރިއަށް ދިޔައީ ރާއްޖެ-ޗައިނާ މެދު އޮންނަ ވަގުތުގައިކަން ފާހަގަކުރައްވައި ޝިޔާމް ވިދާޅުވީ އެ ކަމުގެ ކަންބޮޑުވުން ފާޅުކޮށް ގިނަ ޓުއާ ގައިޑުން އޭނާއަށް ގުޅި ކަމަށެވެ.

"ޗައިނާއަކީ އަޅުގަނޑުމެންގެ ފަތުރުވެރިކަމަށް އެންމެ ބޮޑަށް ކޮންޓްރިބިއުޓް ކުރާ އެއް ގައުމު. ރޭގެ މެޗު ބެލުމަށް ޗައިނާގެ ގިނަ ފަތުރުވެރިންތަކެއް މާލެ އައިސް އުޅުނު، ފަތުރުވެރިން އުޅުނީ ފައިމަގުގައި ހިނގާފައި، ފުލުހުންގެ ބަޔަކު އެ ގޮތަށް ފެނުމުން ކަންބޮޑުވުން ފާޅުކުރި، ރާއްޖޭގެ އަމާންކަން ފަތުރުވެރިންނަށް ވިއްކާއިރު، ގައުމުގެ އަމާންކަން ގެއްލިފައިވާ ކަމަށް ފެންނަ ގޮތަށް އޮޕަރޭޝަން ހިންގީ،" ޝިޔާމް ވިދާޅުވި އެވެ.