ވިޔަފާރި

ދުވާލަކު 800 މީހުން "ކޮބާ ޓެކްސީ" ބޭނުންކުރޭ

Dec 1, 2015
1

"ކޮބާ ޓެކްސީ" މޮބައިލް އެޕްލިކޭޝަން ދުވާލަކު 800 މީހުން ބޭނުންކުރާ ކަމަށް އެޕް އުފެއްދި ކުންފުނިން ބުނެފި އެވެ.

"ކޮބާ ޓެކްސީ" އެޕްލިކޭޝަން ހެދި ޓައިވިއަނި ޕްރައިވެޓް ލިމިޓެޑުގެ މެނޭޖިން ޑިރެކްޓަރު ހަސަން ރަމީޒު ވިދާޅުވީ މި އެޕްލިކޭޝަނަށް ވަރަށް ބޮޑު ތަރުހީބެއް ލިބެމުންދާ ކަމަށެވެ.

"ބޭނުންކުރާ މީހުންގެ އަދަދު ވެސް އިތުރުވޭ. މިހާރު އެވްރެޖުކޮށް 800 މީހުން ވަރު ބޭނުންކުރޭ. ވަރަށް ކާމިޔާބު. މުޅިން އާ ހިދުމަތައް ވީމަ މާބޮޑަށް މައުލޫމާތު ނޭނގުނު ނަމަވެސް މިހާރު އެބަ އިތުރުވޭ،" ހަސަން ވިދާޅުވި އެވެ.

އޭނާ ވިދާޅުވީ މި އެޕްލިކޭޝަން "5656" ޓެކްސީ ސެންޓަރުގެ އިތުރުން، އަމިއްލަ ގިނަ ޓެކްސީ ޑްރައިވަރުން ވެސް މިހާރު ބޭނުންކުރާ ކަމަށެވެ.

"އަޅުގަނޑުމެންގެ ދެ ޓެކްސީ ސެންޓަރުގެ އިތުރުން އެހެން ސެންޓަރުތަކުގެ ޑްރައިވަރުން ވެސް މިހާރު މި އެޕު ބޭނުންކުރޭ،" ހަސަން ވިދާޅުވި އެވެ.

"ކޮބާ ޓެކްސީ" އެޕްލިކޭޝަން މިހާރު އެޕްސްޓޯރުންނާއި ޕްލޭސްޓޯރުން ޑައުންލޯޑް ކުރެވެ އެވެ. މި އެޕްލިކޭޝަން ފޯނަށް އެޅުމަށް ފަހު ޓެކްސީއެއް ހޯދުމަށް ފޯނުގެ ޖީޕީއެސް ލޮކޭޝަން ފީޗާ އާއި ވައިފައި ނޫނީ ތްރީޖީ އޮން ކޮށްފައި ބަހައްޓަން ޖެހެ އެވެ