ބަނޑުގައި ކުއްލިއަކަށް ރިއްސަން ފެށުމުން އެއީ ކުރީ ދުވަހު ބުޅަލެއް ވަކި އަޅައިގެން ރިއްސާ ރިއްސުމެއް ކަމަށް މީހަކަށް ހީވެއްޖެ އެވެ. އެމީހާގެ ބަނޑަށް ވަޒަނެއް އަރާފައިވާކަމާއި ފުރާނައަށް ނުރައްކާވެފައިވާކަން އެމީހާއަށް އެނގުނީ ޑޮކްޓަރަށް ދިޔައިމަ އެވެ.
އިންޑިޔާގެ ރާޖަސްތާނުގެ މަލްވާރާ އަވަށުގައި ދިރިއުޅޭ ނެމީ ޗަންދް ނަމަކަށް ކިޔާ މި މީހާ އެއް ދުވަހަކު ހެނދުނު ހޭލިއިރު އޭނާގެ ބަނޑުގެ އެއް ފަރާތެއްގައި ކޮންމެވެސް ވަރެއްގެ ރިހުމެއް ހުއްޓެވެ. އޭނާ ހީކުރީ އޭނާ އޮޅު ކޮށްގެން ގެންގުޅޭ ބުޅާ އޭނާއަށް ގޮވަން ވެގެން އުޅެނިކޮށް އެސޮރުގެ އަތުން ވަކި އެޅުނީ ކަމަށެވެ.
އުމުރުން 35 އަހަރުގެ މީހާއަށް އޭނާގެ ބަނޑުގައި ހުރީ ވަޒަނެއްގެ ނިޝާނެއް ކަމެއް އެއްގޮތަކަށް ވެސް އޭރަކު ނޭނގެ އެވެ.
ކަރަންޓު ވައިރު ކުރުމުގެ މަސައްކަތްކުރާ މި މީހާ ނިދާ ކޮޓަރީގައި އިތުރު ތިން މީހަކު ވެސް ނިދަ އެވެ.
އޭނާގެ މޭކަށިގަނޑުގައި ރިއްސިޔަސް އެއީ މާ ބޮޑު ކަމަކަށް ނުހަދާ ހަތް ގަޑިއެއްހާއިރު ވަންދެން އޭނާ ހުރީ އޭނާގެ ގަޔަށް ވަޒަނެއް އަރާފާނެ ކަމަށް އެއްގޮތަކަށް ވެސް ޝައްކު ނުވާތީ އެވެ.
ނެމީ ޗަންދް އަށް މިކަން ރޭކާލީ އޭނާ\އާއެކު އެ ކޮޓަރީގައި ދިރިއުޅޭ އެހެން މީހަކަށް ނެމީ ޗަންދް ނިދާފައި އޮތް ތަނުން ހުސް ވަޒަނެއް ތޮށިގަނޑު ފެނިގެނެވެ. އެހިސާބުން ނެމީއަށް ވެސް އޭނާގެ ބަނޑުގައި ހުރި ނިޝާނަކީ ބުޅާ ވަކި ނޫންކަމާއި ވަޒަނެއް ވަދެފައިވާ ތަނެއްކަމަށް ގަބޫލު ކުރެވުނެވެ.
މިދިޔަ ހުކުރު ދުވަހު ހިނގި މި ހާދިސާގައި ނެމީއަށް މިކަން އެނގުމުން އަވަހަށް ހޮސްޕިޓަލަށް ގޮސް އެކްސްރޭ ނެގިއިރު ވަޒަން އިނީ އޭނާގެ ހަންގަނޑު ތޮރުފާލާފައި އެތެރެއަށް ވަދެފައި ނަމަވެސް އެތެރެހަށީގެ އެއްވެސް ގުނަވަނަކަށް އޭގެ ސަބަބުން އަނިޔާއެއް ނުވެ އެވެ.
އިމަޖެންސީ ސާޖަރީއެއް ހަދައި ނެމީގެ ބަނޑަށް ވަދެފައި އިން ވަޒަން ވަނީ ނަގާފަ އެވެ. އަދި އޭނާގެ ހާލު ރަނގަޅުވަމުން އަންނަ ކަމަށް އެ ހިސާބުގެ ފުލުހުން ބުނެފައި ވެއެވެ.
ފުލުހުން ބުނެފައިވަނީ މިއީ އާދައިގެ ކަމެއް ނޫން ކަމަށާއި މީހަކު ނުވަތަ ބަޔަކު ނެމީ މަރާލަން ދީފައިވާ ހަމަލައެއް ކަމަށެވެ. އަދި މިކަމުގެ ތަހުގީގުތައް މިހާރު ފަށާފައިވާ ކަމަށާއި ޝައްކު ކުރެވޭ އެންމެންނާ ސުވާލު ކުރާނެ ކަމަށް ފުލުހުން ބުނެފައި ވެއެވެ.