ސާފް ޗެމްޕިއަންޝިޕް

މުބާރާތަށް ކުރިމަތިލަނީ ވަރަށް ކޮންފިޑެންސާއެކު: ސްޓިމަކް

މިފަހަރުގެ ސާފް ޗެމްޕިއަންޝިޕަށް ކުރިމަތިލަނީ ވަރަށް ކޮންފިޑެންސާއެކު ކަމަށް އިންޑިއާގެ ކޯޗު އީގޯ ސްޓިމަކް ބުނެފި އެވެ.

އިންޑިއާ އާއި ބަނގްލަދޭޝް ބައްދަލުކުރާ މެޗުގެ ކުރިން އޮތް ނޫސްވެރިންގެ ބައްދަލުވުމުގައި ސްޓިމަކް ބުނީ މިފަހަރުގެ މުބާރާތަށް އިންޑިއާ ޓީމު ނުކުންނާނީ ވަރަށް ކޮންފިޑެންސާއެކު ކަމަށާއި، ހާސިލު ކުރަން އައި ކަންތައް އިންޑިއާ ޓީމުގެ ކުޅުންތެރިންނަށް ވަރަށް ރަނގަޅަށް އެނގޭނެ ކަމަށެވެ. އަދި މުބާރާތުގެ ފޭވަރިޓުންނަކީ އިންޑިއާކަން ކުޅުމުން ދައްކަން ޖެހޭނެ ކަމަށް ކޯޗް ބުންޏެވެ.

ސްޓިމަކް ބުނީ މިފަހަރުގެ މުބާރާތަށް ނުކުންނައިރު ޓީމަށް ދިމާވެފައިވާ އެންމެ ބޮޑު ގޮންޖެހުމަކީ ޓީމުގެ ގިނަ ކުޅުންތެރިން ތަކެއް އޮފް ސީޒަނުގައި ތިބެފައި މުބާރާތަށް އަންނަން ޖެހުން ކަމަށެވެ. މިފަހަރުގެ މުބާރާތަށް އިންޑިއާ ޓީމުގައި ގިނަ އަދަދެއްގެ އޭޓީކޭ މޯހަން ބަގާން އަދި ބެންގަލޫރް އެފްސީގެ ކުޅުންތެރިން ހިމަނާފައިވެ އެވެ. މި ދެ ޓީމަކީ ދާދި ފަހުން ރާއްޖޭގައި އޮތް އޭއެފްސީ ކަޕްގައި ކުޅުނު ދެ ޓީމެވެ.

"މެޗު ކުޅޭ މާހައުލަށް ހޭނިފައި ހުރުމުގެ އިތުރުން ފިޓްނަސް އަށް ބެލިޔަސް އޭޓީކޭ އާއި ބެންގަލޫރުގެ ކުޅުންތެރިން ރަނގަޅު. އެ މީހުން ޔަގީނުން ވެސް އެހީވާނެ. ފަހަރެއްގައި ހޯމްގައި ކުޅޭ އިހުސާސް ވެސް ކުރެވިދާނެ" ސްޓިމަކް ބުންޏެވެ.

ސާފް ޗެމްޕިއަންޝިޕް މެޗްޑޭ ދޭއް ގައި މިއަދު ހަވީރު ބައްދަލު ކުރާނީ ބަންގްލަދޭޝް އާއި އިންޑިއާ އެވެ. ރާއްޖޭގައި ގިނަ އަދަދެއްގެ ބަންގްލަދޭޝް ރައްޔިތުން ވަޒީފާ އަދާ ކުރަމުން އަންނައިރު، މި މެޗަށް ގިނަ އަދަދެއްގެ ބަންގްލަދޭޝް ސަޕޯޓަރުން ވަންނާނެ ކަމަށް ބެލެވޭތީ މިއީ އިންޑިއާއަށް ކިހާ ބޮޑު ގޮންޖެހުމެއްތޯ ސުވާލު ކުރުމުން ސްޓިމަކް ބުނީ އިންޑިއާގެ ގިނަ ރައްޔިތުން ތަކެއް ވެސް މާލޭގައި މަސައްކަތް ކުރާ ކަމަށެވެ. އަދި އުންމީދަކީ އެ ފަރާތްތަކުން މިއަދު އިންޑިއާއަށް ސަޕޯޓު ކުރަން ދަނޑަށް ދިއުން ކަމަށެވެ.

މިއަދުގެ މެޗާއި ގުޅޭ ގޮތުން ބަންގްލަދޭޝް ޓީމުގެ ކޯޗު އޮސްކާ ބްރުޒޮން ބުނީ މިފަހަރުގެ ސާފް ޗެމްޕިއަންޝިޕްގައި އޮތް އެންމެ ވަރުގަދަ ޓީމަކީ ބަންގްލަދޭޝް ކަމަށެވެ.

އަދި މުބާރާތުގެ ފުރަތަމަ މެޗުގައި ބަންގްލަދޭޝް ޓީމަށް ލިބުނު ޕެނަލްޓީއަކީ ޖޯކެއްގެ ގޮތުގައި އިންޑިއާގެ ކޯޗު ފާހަގަ ކުރުމުން އޮސްކާ ބުނީ އިންޑިއާ ޓީމުން އަންނަނީ ބަންގްލަދޭޝް ޓީމު ނަފްސާނީ ގޮތުން ބަލިކަށި ކުރުމަށް މަސައްކަތް ކުރަމުން ކަމަށެވެ.

ލަންކާ އާއި ބަންގްލަދޭޝް ކުޅުނު މެޗުން ބަންގްލަދޭޝް މޮޅުވީ ލިބުނު ޕެނަލްޓީއެއް ކާމިޔާބު ކޮށްގެން 1-0 ގެ ނަތީޖާ އަކުންނެވެ.

"އަހަންނަށް އެނގޭ އިންޑިއާ އިން މައިންޑް ގޭމްސް ކުޅޭނެކަން. އަހަރަމެންގެ ކުޅުންތެރިން ސިކުނޑިއާ ކުޅެން އުޅޭނެ. އެކަމަކު ބަންގްލަދޭޝްގެ ކުޅުންތެރިން ތިބީ ނަފްސާނީ ގޮތުން މާ ވަރުގަދަކޮށް،" އޮސްކާ ބުންޏެވެ.

ސާފް ޗެމްޕިއަންޝިޕްގެ ތާރީހުގައި މިހާތަނަށް ބަންގްލަދޭޝަށް އިންޑިއާ ބަލިކުރެވިފައެއް ނުވެ އެވެ. މީގެ އިތުރުން ބަންގްލަދޭޝް އިން އެއް ފަހަރު މިމުބާރާތް ކާމިޔާބު ކުރި އިރު، އިންޑިއާއިން ވަނީ ހަތް ފަހަރަށް މި މުބާރާތް ކާމިޔާބު ކޮށްފަ އެވެ.