ހަބަރު

100 ބިލިއަން ޑޮލަރުގެ ފަންޑެއް ހަދަން ރާއްޖެއިން "ކޮޕް" ސަމިޓަށް ހުށަހަޅަނީ

މޫސުމަށް އަންނަ ގެއްލުން ތަކުން ކުދި ޖަޒީރާ ގައުމުތަކަށް ލިބޭ ގެއްލުންތައް ކުޑަކުރުމަށް ބޭނުންވާ ފައިސާ ހޯދުމަށް 2020 ވަނަ އަހަރުގެ ކުރިން 100 ބިލިއަން ޑޮލަރުގެ ފަންޑެއް ގާއިމް ކުރުމަށް "ކޮޕް21" ސަމިޓަށް ރާއްޖެއިން ހުށަހަޅާނެ ކަމަށް އެންވާރަމަންޓް މިނިސްޓަރު ތޯރިގު އިބްރާހިމް ވިދާޅުވެއްޖެ އެވެ.

މޫސުމަށް އަންނަ ބަދަލުތަކާ ގުޅޭގޮތުން ފްރާންސްގެ ވެރިރަށް ޕެރިހުގައި، އދ. އިން ބާއްވާ އެންމެ ބޮޑު ސަމިޓު،"ކޮޕް21" އަށް މިރޭ ފުރާވަޑައިގަތުމުގެ ކުރިން ނޫސްވެރިންނާއި ބައްދަލުކުރައްވައި ތޯރިގް ވިދާޅުވީ، މޫސުމަށް އަންނަ ބަދަލުތަކުން ކުދި ޖަޒީރާ ގައުމުތަކަށް ލިބޭ ގެއްލުން ކުޑަކުރުމަށްޓަކައި ކުރަން ޖެހޭ މަސައްކަތްތަށް ވަރަށް ގިނަ ކަމަށެވެ. އަދި އެކަމަށް ބޭނުންވާ ފައިސާ ހޯދުމަށް މިފަހަރުގެ ސަމިޓްގެ އެކުލަ2020 ވަނަ އަހަރަށް ފަހު އެމައްސަލަތަށް ކުޑަކުރުމަށް ހަދާ އެގްރީމަންޓުގައި ރާއްޖެއިން މުހިންމު ކަންތަށްތަކެއް ހުށަޅާނެ ކަމަށެވެ.

"އެގޮތުން 2020 ވަނަ އަހަރު އަންނަން ވާއިރަށް މޫސުމަށް އަންނަ ބަދަލުތަކުން އަޅުގަނޑުމެން ފަދަ ގައުމުތަކަށް ލިބޭ ގެއްލުންތަށް ކުޑަކުރުމަށް 100 ބިލިއަން ޑޮލަރުގެ ފަންޑެ އޮންނަން ޖެހޭނެ. އެހެން ކަމުން އަޅުގަނޑުމެން މިސަމިޓުގައި 2020 ވަނަ އަހަރަށް ހަދައި އެގްރިމަންޓްގައި އެކަން ހިމަނަން ހުށަހަޅާނަން،" ތޯރިގު ވިދާޅުވި އެވެ.

ތޯރިގު ވިދާޅުވީ 2020 ވަނަ އަހަރަށް ހަދައި މި އެގްރީމަންޓުގައި ހިމަނަން ބޭނުންވާ ކަންތައްތަކާ މެދު ވަނީ މިދިޔަ އަހަރުގެ ތެރޭގައި މަޝްވަރާކޮށްފަ އެވެ. ކުއްލިއަކަށް ދިމާވާ ކާރިސާތަކަށް އެހީވުމަށް ބޮޑެތި ގައުމުތަކުން ދޭ ފައިސާ އަބަދުވެސް ލިބޭނެ ކަހަލަ ގޮތަކަށް ބެހެއްޓުމަށް އެގްރީމަންޓަށް ހުށަހަޅަން އެއްބަސް ވެފައިވާ ކަމަށް ތޯރިގް ވިދާޅުވި އެވެ.

"މީގެ އިތުރުން ބައެއް ބޮޑެތި ގައުމުތަކުން ދުނިޔޭގެ ހޫނުމިން ދެ ޑިގްރީއަށް ހުރި އަސް މައްސަލައެއް ނޫން ކަމަށް ބުނަމުންދާ އިރު އެކަމުގެ ސަބަބުން ކުދި ގައުމުތަކަށް ގެއްލުން ލިބޭތީ ދުނިޔޭގެ ހޫނުމިން 1.5 ގައި ބެހެއްޓުމަށް ހުށަހަޅާނަން،" ތޯރިގު ވިދާޅުވި އެވެ.

މިނިސްޓަރ ވިދާޅުވި ގޮތުގައި ކޮޕް 21 ސަމިޓަކީ ވަރަށް ކާމިޔާބު ކޮށް ދާނެ ސަމިޓެއް ކަން އުންމީދު ކުރާ ކަމަށެވެ. އަދި ރާއްޖެއިން ހުށަހަޅާއި ކަންތައްތައް މިހާރުވާނީ ޑްރާފްޓް ކޮށް ނިންމައިފަ ކަމަށް ވިދާޅުވި އެވެ. އަދި މިހާރު ފްރާންސްގައި މަސައްކަތް ކުރާ ރާއްޖޭގެ ވަފުދު ތައްޔާރުވަނީ ކުދި ގައުމުތައް ހިމެނޭ އެލައެންސާ އެކުގައި ކަމަށް ތޯރިގު ވިދާޅުވި އެވެ. ޗ