އުތުރު ކޮރެއާ އާއެކު މަޝްވަރާ ކުރަން ތައްޔާރު ކަމަށް އެމެރިކާއިން ބުނެފި އެވެ. ސްޓޭޓް ޑިޕާޓްމަންޓްގެ ތަރުޖަމާން ނެޑް ޕްރައިސް ވިދާޅުވީ އެއްވެސް ކަމެއް ޝަރުތު ކުރުމެއް ނެތި އުތުރާއެކު މަޝްވަރާ ކުރާނެ ކަމަށެވެ.
ނެޑް ޕްރައިސް ވިދާޅުވި ގޮތުން އެމެރިކާއިން މިހާރު ވެސް ގެންދަނީ އިންޑޯ ޕެސިފިކް ސަރަހައްދުގެ ބައިވެރިންނާ މަޝްވަރާ ކުރަމުންނެވެ. އެ ސަރަހައްދަކީ ބައިނަލްއަގްވާމީ ދަތުރުފަތުރަށް އަމާން ތަނަކަށް ހެދުމަށް އެމެރިކާއާ ބައިވެރިން މަސައްކަތް ކުރައްވާނެ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.
ތަރުޖަމާން މި މޭރުމުން ވާހަކަފުޅު ދެއްކެވުމުގެ ކުރިން ޖަޕާންގެ ބޮޑުވަޒީރު ފުމިއޯ ކިޝިޑާ ވެސް ވަނީ އުތުރާއެކު ގާތް ގުޅުމަކަށް އެދިވަޑައިގަންވާ ކަމަށް ވިދާޅުވެފަ އެވެ. އޭނާ ވިދާޅުވި ގޮތުގައި ގުޅުން ބަދަހި ކުރުމަށް އޮތް އެންމެ ކުރު މަގަކީ މަޝްވަރާ ކުރުމެވެ.
ދެ ކޮރެއާ ދެމެދުގައި 1950 ގައި ހިނގައިދިއަ ހަނގުރާމަ ގިނަ ބަޔަކު ގަބޫލުކުރާ ގޮތުގައި އަދިވެސް ނުނިމެ އެވެ. ދެ ކޮރެއާގައި އާއިލާތައް އަދިވެސް ތާށިވެފައި ތިބިއިރު މި ދެގައުމު ރުއްސަން މިހާތަނަށް ކުރެވެނު މަަސައްކަތަކުން އެދެވޭ ނަތީޖާއެއް ނުނިކުމެ އެވެ.
އުތުރާ ދެކުނާ ދެމެދު މަޝްރާ ކުރަން އަޅާފައި ހުރި ޓެލެފޯން ހޮޓްލައިންތައް އާދައިގެ ހާލަތަށް ރުޖޫއަކޮށް މަޝްވަރާ ކުރަން ތައްޔާރުވެފައި އޮތުމަކީ ވެސް އެމެރިކާގެ މިޒާޖު ބަދަލުކުރި ސަބަބަކަށް ވެދާނެ އެވެ.
އެމެރިކާގެ ރައީސް ޖޯ ބައިޑަން އޮކްޓޯބަރު 2020 ގައި ކެމްޕޭން ކުރެއްވިއިރު، ޝަރުތަކާ ނުލައި އުތުރު ކޮރެއާގެ ލީޑަރު ކިމް ޖޮން އުންއާ މަޝްވަރާ ނުކުރައްވާނެ ކަމަށް ވިދާޅުވި އެވެ. އެކަމަކު އުތުރު ކޮރެއާ އާއެކު ގާތް އުޅުމެއް އުފަން ކުރުވޭތޯ އެމެރިކާގެ ވެރިކަމުގައި އެއިރު ހުންނެވި ޑޮނަލްޑް ޓްރަމްޕް ވަނީ ގިނަ މަސައްކަތްތަކެއް ކުރައްވާފަ އެވެ.
ވައިޓް ހައުސްގެ ތަރުޖަމާން ޖެން ސާކީ ވިދާޅުވި ގޮތުގައި އުތުރު ކޮރެއާ އާއެކު އެމެރިކާއިން މަޝްވަރާކުރި ނަމަވެސް އުންމީދަކީ އެ ސަރަހައްދަކީ ނިއުކްލިއާ ހަތިޔާރު ނެތް ސަރަހައްދަކަށް ހެދުމެވެ. އޭނާ ވިދާޅުވީ އެމެރިކާ ދެން މަސައްކަތް ކުރާނީ އުތުރާއެކު ވާހަކަދައްކައިގެން ނިއުކްލިއާ މައްސަލަތަކަށް ހައްލު ހޯދޭތޯ ކަމަށެވެ.