ހިދުމަތް ކުރައްވަމުން ގެންދަވަނީ ތެދުވެރި އަމާނާތްތެރިކަމާ އެކުގައި ކަމަށް ޓްރާންސްޕޯޓް މިނިސްޓްރީގެ ޑެޕިއުޓީ މިނިސްޓަރު ހަމަދު އަބްދުލްޣަނީ ވިދާޅުވެއްޖެ އެވެ.
ހަމަދު މިހެން ވިދާޅުވީ ޓްރާންސްޕޯޓް މިނިސްޓްރީން މެޝިން ރީޑަބަލް ނަންބަރު ބޯޑު ތައްޔާރު ކުރުމުގެ މަސައްކަތް ހަވާލު ކުރުމުގައި ވަކި ފަރާތަކަށް ނާޖާއިޒު ފައިދާ ހޯދައިދީފައިވާ ކަމަށް ބުނެ ޓްރާންސްޕޯޓް މިނިސްޓްރީގެ ބިޑް ކޮމިޓީގެ މެންބަރުންނަށް ދައުވާ ކުރަން އޭސީސީން ޕީޖީ އޮފީހަށް މައްސަލަ ފޮނުވުމުން ނެރުއްވި ބަޔާނެއްގަ އެވެ.
ނަންބަރު ބޯޑު ހަދައިދިނުމަށް ހުށަހެޅި ބިޑްތައް އިވެލުއޭޓް ކުރި މިނިސްޓްރީގެ ބިޑް ކޮމިޓީގައި ހަމަދު ހިމެނިވަޑައިގަންނަވަ އެވެ. އޭނާގެ އިތުރުން ކޮމިޓީގައި ތިއްބެވީ ޝިމާޒު އަލީ އާއި އަލީ އިކްރާމާއި މުހައްމަދު ނިޒާރު އާދަމް އާއި މަރިޔަމް ސަމާހަތު އަދި މަރްޔަމް ތަސްލީމާ އެވެ.
އޭސީސީގެ ނިންމުމާ ގުޅިގެން ހަމަދު މިއަދު ނެރުއްވި ބަޔާނުގައި ވިދާޅުވީ ޑެޕިއުޓީ މިނިސްޓަރެއްގެ ގޮތުގައި ދެ އަހަރާއި އަށް މަސް ދުވަސް ހޭދަ ވެގެން ދިޔައިރު ކޮަރަޕްޝަންގެ އެއްވެސް އަމަލެއްގައި ބައިވެރިވެފައި ނުވާނެ ކަމަށެވެ.
"... ހަމައެއާއެކު އެއްވެސް ކަމެއްގެ ފައިދާއެއް މަންފާއެއް އަޅުގަނޑު ހޯދުމުގެ ނިޔަތުގައި ނުވަތަ އެއްވެސް ފައިދާއެއް މަންފާއެއް އެހެން ފަރާތަކަށް ހޯދައިދިނުމުގެ ނިޔަތުގައި ނުވަތަ ބޭނުމުގައި ވެސް މަގާމުގެ ހައިސިއްޔަތު ބޭނުންކޮށްގެން އެއްވެސް ނިންމުމެއް ނިންމާފައެއް ނުވާނެ އެވެ. އަދި އަމަލެއް ވެސް ހިންގާފައެއް ނުވާނެ އެވެ،" ބަޔާނުގައިވެ އެވެ.
ހަމަދު ވިދާޅުވީ މައްސަލައާއި ގުޅިގެން އޭސީސީން ކުރިއަށް ގެންދިޔަ ތަހުގީގަށް އޭނާ ފުރިހަމައަށް އެއްބާރުލުން ދެއްވާފައި ވާނެ ކަމަށެވެ. ކުރިއަށް އޮތް ދުވަސްތަކުގައި ވެސް މި މައްސަލައާއި ގުޅިގެން ޖަވާބުދާރީވާން ޖެހޭ ކޮންމެ ތަނެއްގައި ފަސްޖެހުމެއް ނެތި ޖަވާބުދާރީ ވާނެ ކަމުގެ ޔަގީންކަން ވެސް ހަމަދު ދެއްވާފައި ވެއެވެ.
"... އަޅުގަނޑު މަގާމުގައި ދެމިހުރިހާ ހިނދަކު މަގާމުގެ މަސްއޫލިއްޔަތުތައް އަދާކުރަމުން ގެންދާނީ ތެދުވެރިކަމާއި، އިހްލާސްތެރިކަމާއި، އަމާނާތްތެރިކަމާ އެކީގައި ކަން ޔަގީން ކޮށްދެމެވެ،" ބަޔާނުގައި ވިދާޅުވެފައިވެ އެވެ.
އަވަސް އިން ދެންނެވި ސުވާލަކަށް މިއަދު ޖަވާބު ދެއްވަމުން ހަމަދު ވިދާޅުވީ އޭނާ އަކީ ޓްރާންސްޕޯޓް މިނިސްޓްރީގައި މީގެކުރިން ހިނގާދިޔަ ހިޔާނާތުގެ މައްސަލަތަކާ ދެކޮޅަށް އެންމެ ބޮޑަށް މަސައްކަތް ކުރެއްވި އެއް ބޭފުޅާ ކަމަށެވެ. ކުރިއަށް އޮތް ދުވަސްތަކުގައި ވެސް ހިޔާނާތުގެ އަމަލެއް ހިންގާނަމަ އެކަމެއް ހުއްޓުވުމަށް ކުރަންވަންޖެހިވަޑައިގަންނަވާ ކޮންމެ ކަމެއް ކުރައްވާނެ ކަމަށެވެ.
ޓްރާންސްޕޯޓް މިނިސްޓްރީގައި އޭނާގެ ޒިންމާ އަކީ އޭވިއޭޝަނާއި މެރިޓައިމްގެ ދާއިރާ އިން މިނިސްޓަރާއި ކަމާ ގުޅޭ އެހެން ފަރާތްތަކަށް ދޭންޖެހޭ ލަފައާއި އިރުޝާދު ދެއްވުން ކަމަށް ހަމަދު ވިދާޅުވި އެވެ. ބިޑް ކޮމިޓީގައި އިންނެވީ ޓްރާންސްޕޯޓް މިނިސްޓަރު އައިޝަތު ނަހްލާ ނެންގެވި ބޭފުޅުންގެ ތެރޭގައި އޭނާ ހިމެނުއްވުމުން ކަމަށްވެސް ހަމަދު ފާހަގަކުރެއްވި އެވެ.
"އަޅުގަނޑު މީގެކުރިންވެސް ދެން ވެސް މިނިސްޓަރާއި އެހެން ބޭފުޅުންނަށް ދޭން ޖެހޭ ލަފައެއް ދޭނަން. ކޮރަޕްޝަންގެ އަމަލެއް އަޅުގަނޑު ނުހިންގާނަން. ނަންބަރު ބޯޑު ހެދުމަށް ބަޔަކަށް ދިނުމުގައި ވެސް ބިޑް ކޮމިޓީން އަމަލުކޮށްފައިވާނީ މާލިއްޔަތު ގަވައިދާ އެއްްގޮތަށް. ޓްރާންސްޕޯޓާއި ފިނޭންސްގައި އެ ލިޔުންތައް ހުންނާނެ،" ހަމަދު ވިދާޅުވި އެވެ.
މެޝިން ރީޑަބަލް ނަންބަރު ބޯޑު ތައްޔާރުކުރުމުގެ މަސައްކަތް ބަޔަކާ ހަވާލު ކުރުމުގައި ވަކި ފަރާތަކަށް ނާޖާއިޒު ފައިދާ ހޯދައިދީފައިވާ ކަމަށް ފާހަގަ ކުރެވޭތީ ބިޑް ކޮމިޓީގެ މެންބަރުންގެ މައްޗަށް ދައުވާ ކުރުމަށް ފޮނުވާފައި ވަނީ ގާނޫނުލްއުގޫބާތުގެ 513 ވަނަ މާއްދާގެ ދަށުން ރަސްމީ ހައިސިއްޔަތު ނަހަމަ ގޮތުގައި ބޭނުން ކުރުމުގެ ކުށުގެ ދައުވާ އެވެ.