އުއްތަމަ ފަނޑިޔާރު އަހްމަދު މުއުތަސިމް އަދުނާނުގެ ގެކޮޅަށް މީހަކު ވަނީ ޝަރީއަތަށް ހުށަހަޅާފައިވާ މައްސަލަތަކަށް ނުފޫޒު ފޯރުވުމަށް ރާވާފައިވާ ނުރައްކާތެރި ރޭވުމެއްގެ ތެރެއިން ކަމަށް މައުލޫމާތު ލިބިވަޑައިގެންފައިވާ ކަމަށް މަޖިލީހުގެ ބިލަތްދޫ ދާއިރާގެ މެންބަރު އަހްމަދު ހަލީމް ވިދާޅުވެއްޖެ އެވެ.
އުއްތަމަ ފަނޑިޔާރުގެ ސެކިއުރިޓީ ބްރީޗުވި ގޮތް ބެލުމަށް މަޖިލީހުގެ މިއަދުގެ ޖަލްސާ އަށް ހުށަހެޅި މައްސަލައިގެ ބަހުސްގައި އަހްމަދު ހަލީމް ވިދާޅުވީ އުއްތަމަ ފަނޑިޔާރުގެ ގެކޮޅަށް މީހަކު ވަދެފައިވަނީ ނުރައްކާތެރި ރޭވުމެއްގެ ތެރެއިން ކަމަށް މައުލޫމާތު ލިބިވަޑައިގެންފައިވާ ކަމަށެވެ. އެކަމަކު މައުލޫމާތު ލިބުނު ގޮތާ ގުޅޭ ގޮތުން ހަލީމް އެއްވެސް ވާހަކަފުޅެއް ވިދާޅުވެފައެއް ނުވެ އެވެ.
"އަޅުގަނޑަށް މައުލޫމާތު ލިބޭ ގޮތުގައި ވަރަށް ނުރައްކާތެރިކޮށް އެކަން ރާވާ ހިންގަމުންދާ ކަމަށް އަޅުގަނޑަށް އެކިއެކި ފަރާތްތަކުން މައުލޫމާތު ދީފައި އޮތީ. އެހެންވީމާ އުއްތަމަ ފަނޑިޔާރަށް ބިރު ދައްކާ ޝަރީއަތައް ނުފޫޒު ފޯރުވުމަށްޓަކައި ކޮށްފައި އޮތް މަސައްކަތެއް ކަމަށް އަޅުގަނޑު ދެކެނީ،" ހަލީމް ވިދާޅުވި އެވެ.
އޭނާ ވިދާޅުވީ މެއި ހައެއްގައި ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދަށް ދިން ހަމަލާއާއި ގުޅިގެން ސެކިއުރިޓީގެ މައްސަލަތަކާ ގުޅޭ ގޮތުން މަޖިލީހުގައި ވާހަކަދައްކާފައި ވަނިކޮށް އުއްތަމަ ފަނޑިޔާރުގެ ގެކޮޅަށް މީހަކަށް ވަދެވޭނީ ފަރުވާކުޑަވުމުން ކަމަށެވެ.
އުއްތަމަ ފަނޑިޔާރުގެ ގެކޮޅަށް މީހަކު ވަދެފައިވަނީ ގައުމީ އަދި ހައްސާސް މައްސަލަތަކެއް ކޯޓުގައި ހިނގަމުން ދަނިކޮށް ކަން ފާހަގަކުރައްވަމުން ހަލީމް ވިދާޅުވީ އޭގެ ތެރޭގައި "ޓެރަރިސްޓެއް" ކަމަށް ބުނާ މުހައްމަދު އަމީނާއި ރައީސް ޔާމީނަށް ތުހުމަތުކުރެވޭ "ވައްކަމުގެ" މައްސަލަތައް ހިމެނޭ ކަމަށެވެ.
"މިހުރިހާ ކަމެއް އޮތް ވަގުތެއްގައި އުއްތަމަ ފަނޑިޔާރުގެ ގެކޮޅަށް އެ ވަން ވަނުމަކީ މި ހުރިހާ ކަމަކަށް ބިރު ދައްކާ ނުފޫޒު ޝަރީއަތަށް ފޯރުވުން ކަމަށް ތުހުމަތުކުރެވޭ ބައިވަރު ކަންކަން އެބަހުރި. މި މާލެ ތެރޭގައި މި ރާއްޖޭގައި މީހުން އެބަ ދެކެވޭ އެ ވާހަކަ. ކީއްވެގެންތޯ މިދަނޑިވަޅާ ދިމާކޮށް އުއްތަމަ ފަނޑިޔާރުގެ ގެކޮޅަށް މި ވަންނަންޖެހުނީ. ރައީސް ޔާމީންގެ މައްސަލަ ހިނގަމުންދާ ވަގުތެއްގައި އުއްތަމަ ފަނޑިޔާރާ މިގޮތަށް ދިމާކުރެވުނީމާ މި ވާހަކަތައް ދެކެވޭނެ،" ހަލީމް ވިދާޅުވި އެވެ.
ރައްޔިތުންގެ މަޖިލީހުގައި ބައެއް މެންބަރުން ދައްކަވާ ވާހަކަަތަކާ ގުޅިގެން ރާއްޖޭގެ ސަލާމަތާއި ރައްކާތެރިކަމަށް އަސަރުކޮށްފައިވާ ކަމަށް ވިދާޅުވެ އެމްޑީޕީގެ މަރަދޫ ދާއިރާގެ މެންބަރު އިބްރާހީމް ޝަރީފް ދެއްކެވި ވާހަކަތަކަށް ވެސް ހަލީމް ވަނީ ރައްދު ދެއްވާފަ އެވެ. އެގޮތުން ހަލީމް ވިދާޅުވީ މެންބަރުން މަޖިލީހުގައި ދައްކަވާ ވާހަކަތަކާ ގުޅިގެން ފުލުހުންނާއި ސިފައިންނަށް އަސަރުކޮށްގެން ގައުމުގެ ސަލާމަތާއި ރައްކާތެރިކަން ނުބެލެހެއްޓޭނަމަ އެއީ ޒިންމާދާރު ގޮތެއް ނޫން ކަމަށެވެ.
"މިމަޖިލިސް ކުށްވެރިކޮށްފައި އަނެއްކާ ވެސް މި މަޖިލީހުގެ ތެރޭގައި ދެކެވޭ ވާހަކައަކުން އެބޭފުޅުން [ސިފައިންނާއި ފުލުހުން] ފޫހިވެގެން ގޮސް ރައީސުލްޖުމްހޫރިއްޔާގެ ސެކިއުރިޓީ ވެސް ނުބަލަހައްޓާ. ދެން މިތަނުގައި އަޅުގަނޑު ދައްކާ ވާހަކައަކާ މެދު ހިތްހަމަނުޖެހިގެން ގޮސް އުއްތަމަ ފަނޑިޔާރުގެ ސެކިއުރިޓީ ނުބަލަހައްޓާ ހިސާބަށް ދިޔައިމަކާއެއް އެއީ ދައުލަތެއް ނޫން އިއްޒަތްތެރި ރައީސް. އެހެނެއް ނުވެސް ވާނެ. އަޅުގަނޑުމެންނަށް މިކަން ނުބެލެހެއްޓިގެން މިއުޅެނީ އަޅުގަނޑުމެންގެ ގާބިލްކަން ހަމަ ނެތީ މިކަން ބަލަހައްޓަން. އެ ގާބިލްކަން ނެތޭ އަޅުގަނޑު މިދަންނަވަނީ ވަރިހަމަވީ،" ސިފައިންނާއި ފުލުހުންނަށް ފާޑު ވިދާޅުވަމުން ހަލީމް ވިދާޅުވި އެވެ.
އޭނާ އިތުރަށް ވިދާޅުވީ ދައުލަތުގެ ތިން ބާރުގެ ވެރިންނަށް ގާނޫނަކުން ސަލާމަތާއި ރައްކާތެރިކަން ކަށަވަރުކޮށްދީފައި ވަނިކޮށް ދައުލަތުގެ ދެ ބާރުގެ ވެރިންނަށް ހަމަލާ ދޭން މަސައްކަތް ކޮށްފައިވާތީ ރައީސުލްޖުމްހޫރިއްޔާގެ ސެކިއުރިޓީއާ މެދު މިހާރު ވަރަށް ބޮޑަށް ކަންބޮޑުވެވަޑައިގަންނަވާ ކަމަށެވެ.
"އެއް ބޭފުޅަކު [ރައީސް ނަޝީދު] އެ އޮތީ މަރުގެ ތުންފަތް މައްޗަށް ގެނެސްފައި. އަދިވެސް ރާއްޖެ އާދެވޭނީ ކޮން ދުވަހަކުން ކަމެއް ވެސް އަޅުގަނޑުމެންނަކަށް ނޭނގޭ. މިއަދު އުއްތަމަ ފަނޑިޔާރު ސުޕްރީމް ކޯޓަށް ވަޑައިގަންނަވާއިރު އުއްތަމަ ފަނޑިޔާރުގެ ވިސްނުންފުޅު ހުންނާނީ ކިހިނެއް ކަމެއް، ބިރުން ކަމެއް، ނޫނީ ހަމަޖެހިގެން ޝަރީއަތެއް ކުރެވިދާނެ ކަމާ ދޭތެރޭ ވެސް އަޅުގަނޑުމެންނަށް އުދަގޫވާ ވަރަށް މިއޮތީ ބިރު. އަޅުގަނޑުމެންނަށް މިހާ ފަސޭހައިން ހަމަ މީހަކު ވަންނަން އުޅުނިއްޔޭ ކިޔާފައި ދޫކޮށްލެވޭކަށް ނެތް،" ހަލީމް ވިދާޅުވި އެވެ.
އުއްތަމަ ފަނޑިޔާރުގެ ގެކޮޅަށް މީހަކު ވަނީ ޝަރީއަތަށް ހުށަހަޅާފައިވާ މައްސަލަތަކަށް ނުފޫޒު ފޯރުވުމަށް ރާވާފައިވާ ނުރައްކާތެރި ރޭވުމެއްގެ ތެރެއިން ކަމަށް މައުލޫމާތު ލިބިވަޑައިގެންފައިވާ ކަމަށް ހަލީމް ވިދާޅުވި ނަމަވެސް އެފަދަ މައުލޫމާތެއް ލިބި މައްސަލަ ތަހުގީގުކުރަމުންދާ ކަމަކަށް ސަލާމަތީ އިދާރާތަކުން ބުނެފައެއް ނުވެ އެވެ. ފުލުހުން ތަހުގީގު ކުރަމުންދަނީ އުއްތަމަ ފަނޑިޔާރުގެ ގެކޮޅަށް މީހަކު ވަދެ އެތަނުގައި ހުރި ސީސީޓީވީ ކެމަރާތައް ހަލާކުކޮށްލި މައްސަލަ އެކެވެ.