އިސްރައްވެހިންނަށް ހާއްސަކޮށްގެން ކޮންމެ ރަށެއްގައި ސެންޓަރުތަކެއް އެޅުން މުހިއްމު ކަމަށް އިސްރަށްވެރިންގެ ޖަމިއްޔާއިން ބުނެފި އެވެ.
އިސްރަށްވެހިންގެ ޖަމިއްޔާގެ ރައީސް އަބްދުލްއަޒީޒު ޔޫސުފް (އަޒީ) އަވަސް އަށް ވިދާޅުވީ އުމުރުން ދުވަސްވީ މީހުންގެ ހައްގުގައި އެ ޖަމިއްޔާއިން މިހާރު ވެސް އަންނަނީ ގިނަ މަސައްކަތްތަކެއް ކުރަމުން ކަމަށެވެ. އެގޮތުން އިސްރަށްވެހިންގެ ގާނޫނެއް ހެދުމުގެ މަސައްކަތް ކުރަމުންދާ ކަމަށް ވިދާޅުވި އެވެ.
އަޒީ ވިދާޅުވީ އިސްރަށްވެހިންނަކީ އެކި ދާއިރާތަކުގައި އަގުނުކުރެވޭ ވަރުގެ ހިދުމަތްތަކެއް ކޮށްފައިވާ ބޭފުޅުން ކަމަށެވެ. އެހެންކަމުން އިސްރަށްވެހިންނަށް ރަނގަޅު ގޮތްތައް ހޯދައި ދިނުމަށް ސަރުކާރުގެ ކަމާ ގުޅޭ އިދާރާތަކާއި ގުޅިގެން މަސައްކަތްތަކެއް ކުރަމުންދާ ކަމަށް ވިދާޅުވި އެވެ.
މިމަހުގެ ދެވަނަ ދުވަހަކީ އިސްރަށްވެހިންގެ ބައިނަލްއަގްވާމީ ދުވަހެވެ. އެ ދުވަހުގެ މުނާސަބަތުގައި އިސްރަށްވެހިންގެ ޖަމިއްޔާއިން އިސްނަގައިގެން ކ. ހިންމަފުށީގައި ވަނީ ހާއްސަ ހަރަކާތްތަކެއް ކުރިއަށް ގެންގޮސްފަ އެވެ.
އަޒީ ވިދާޅުވީ އެ ހަރަކާތްތައް ކުރިއަށް ގެންދިއުމަށް މޯލްޑްވިސް ސްކައުޓް އެންޑް ގައިޑް ފެލޯޝިޕްގެ ފަރާތުންނާއި ހިންމަފުށީ ކައުންސިލާއި އެ ރަށު އަންހެނުންގެ ޖަމިއްޔާގެ ފަރާތުން ވަރަށް ބޮޑު އެއްބާރުލުން ލިބުނު ކަމަށެވެ.
ހިންމަފުށީގެ އިސްރަށްވެހިންނަށް ހާއްސަކޮށް ބޭއްވި މި ޕްރޮގްރާމް އޮތީ އެ ރަށު ޖަފުނާ ރުއްގަޑު ސަރަހައްދުގަ އެވެ.
ހިންމަފުށީގައި ދިރިއުޅޭ އުމުރުން ދުވަސްވީ ވަރަށް ގިނަ މީހުން އެ ހަރަކާތްތަކުގައި ބައިވެރިވެފައިވެ ވެ.
"ހިންމަފުށި ޕްރޮގްރާމް އެއީ ވަރަށް ކާމިޔާބު ޕްރޮގްރާމެއް. އެރަށުގެ އިސްރަށްވެހިން ތިބީ ވެސް އެ ހަރަކާތްތަކާ އެކު ވަރަށް އުފަލުން،" އަޒީ ވިދާޅުވި އެވެ.
އަޒީ އިތުރަށް ވިދާޅުވީ މި އަހަރުގެ ޑިސެމްބަރު މަހު އިސްރަށްވެހިންގެ ޖަމިއްޔާގެ ފަރާތުން މާލެ އަތޮޅުގެ އެހެން ރަށެއްގައި ހާއްސަ ޕްރޮގްރާމެއް ބާއްވަން ވެސް މިހާރު ނިންމާފައިވާ ކަމަށެވެ.