ގައުމީ ދުވަސް

ބޮޑުތަކުރުފާނުގެ ގައުމީ ޖިހާދަށް ފިލްމެއް ހަދަނީ

Oct 7, 2021
2

ބޮޑުތަކުރުފާނު ކުރެއްވި ގައުމީ ޖިހާދު ދައްކުވައިދޭ ގޮތަށް ފިލްމެއް ހެދުމަށް ނިންމައިފި އެވެ.

މި ފިލްމުގެ މަސައްކަތް ފެށުން އިފްތިތާހުކޮށްދެއްވީ ގައުމީ ދުވަހުގެ މުނާސަބަތުގައި ބޭއްވި ރަސްމިއްޔާތުގައި ހޯމް މިނިސްޓަރު އިމްރާން އަބްދުﷲ އެވެ.

ބޮޑުތަކުރުފާނު ނިސްބަތްވެވަޑައިގަންނަވާ އުތީމުގައި މިއަދު ބޭއްވި ރަސްމިއްޔާތުގައި ވާހަކަދައްކަވަމުން މިނިސްޓަރު އިމްރާން ވިދާޅުވީ ފިލްމުގެ މަސައްކަތް ނިންމުމަށްފަހު އަންނަ އަހަރުގެ ގައުމީ ދުވަހަށް ފިލްމު އާންމުންނާ ހަމައަށް ގެނެސްދިނުމަކީ އަމާޒެއް ކަމަށެވެ.

މިނިސްޓަރު ވިދާޅުވީ މިފަދަ ފިލްމެއް ގެނެސްދެނީ ބޮޑުތަކުރުފާނުގެ ގައުމީ ޖިހާދާއި ގުރުބާނީ އަންނަން އޮތް ޖީލުތަކަށް އަންގައިދިނުމަކީ މުހިއްމު ކަމެއް ކަމަށް ދެކެވަޑައިގަންނަވާތީ ކަމަށެވެ.

ފިލްމުގެ މަސައްކަތުގައި އެހީތެރިކަން ބޭނުންވާ ފަރާތްތަކުގެ ފުރިހަމަ އެހީތެރިކަމާއި އެއްބާރުލުމަށް ވެސް މިނިސްޓަރު އެދިވަޑައިގެންނެވި އެވެ.

ބޮޑުތަކުރުފާނުގެ ގައުމީ ޖިހާދާ ގުޅޭގޮތުން ލިޔެފައިވާ ފޮތެއް ފަސް ފަހަރު ވިދާޅުވި ކަން ފާހަގަކުރައްވަމުން މިނިސްޓަރު ވިދާޅުވީ ބޮޑުތަކުރުފާނުގެ ގައުމީ ޖިހާދުގެ އިހްސާސް އެއިން ކޮންމެ ފަހަރަކު ވެސް ކުރެއްވޭ ކަމަށެވެ.

ބޮޑުތަކުރުފާނުގެ ގައުމީ ޖިހާދުން ރަމްޒުކޮށްދެނީ ގައުމަށްޓަކައި ގުރުބާންވާންޖެހޭ ވަގުތުގައި އެކަން ކުރުމުގެ މުހިއްމު ކަމާއި އެކަމުން ލިއްބައިދޭ އިބްރަތްތަކަށް ކަމަށްވެސް މިނިސްޓަރު ވިދާޅުވި އެވެ.

ބޮޑުތަކުރުފާނުގެ ގައުމީ ޖިހާދާ ގުޅޭގޮތުން ހަދާ ފިލްމު ޑައިރެކްޓް ކުރުމަށް ހަމަޖެހިފައިވަނީ އޮފީސްތަކުގެ ޑްރާމާ މުބާރާތުން ފާހަގަކުރެވުނު އަޝްހަރު ވަހީދެވެ.