އަމިއްލަ ވަތަން ދެެކެ ލޯބިވުމަކީ އެ ގައުމަަކަށް އުފަންވާ ކޮންމެ މީހެއްގެ ކޮނޑުގައި އެޅިފައިވާ ގައުމީ ވާޖިބެއް ކަމަށް ހޯމް މިނިސްޓަރު އިމްރާން އަބްދުﷲ ވިދާޅުވެއްޖެ އެވެ.
މިއަހަރުގެ ގައުމީ ދުވަސް ފާހަގަ ކުރުމަށް ދަރުބާރުގޭގައި ރޭ ބޭއްވި ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން އިމްރާން ވިދާޅުވީ ތިމާ އުފަންވެ، ބޮޑުވާ ވަތަނުގެ ކަރާމަތާ އިސްތިގުލާލާއި މިނިވަންކަން ދެމެހެއްޓުމަށްޓަކައި އެމީހެއްގެ މަސްއޫލިއްޔަތު ފުރިހަމަގޮތުގައި އަދާ ކުރުމަކީ ގައުމުގެ ކޮންމެ މީހެއްގެ ވެސް ޒިންމާއެއް ކަމަށެވެ.
އަމިއްލަ ވަތަނަށްޓަކައި ކޮންމެ ފަރުދެއްގެ ކޮނޑުގައި އެޅިފައިވާ ބޮޑު ޒިންމާ އާއި މަސްއޫލިއްޔަތަކީ ގައުމީ ދުވަހު އެކަމާމެދު ވިސްނާ ފިކުރުކުރަންޖެހޭ ކަމެއް ކަމަށެވެ.
މިނިސްޓަރު ވިދާޅުވި ގޮތުގައި، ގައުމެއް، ގައުމެއްގެ ގޮތުގައި ދެމި އޮންނަނީ ގައުމުގެ ހިމާޔަތުގައި ފިދާވެ ގުރުބާންވާންނެ ދަރިންތަކެއް ތިބެގެން ކަމަށެވެ. އެ ގޮތުން، ރާއްޖޭގެ މާސިންގާ ބިޔަ ކަނޑުގެ މި ސަރަހައްދުގައި އިސްތިއުމާރީ ބާރުތަކުގެ ތެރޭގައި އެތައްސަތޭކަ އަހަރުވަންދެން މިނިވަންކަމާއެކު ދެމިއޮތުމުގެ ސިއްރަކީވެސް އެއީ އެވެ.
ދިވެހި ތާރީހާއި ދިވެހި ގައުމަށްޓަކައި ގުރުބާންވާނެ އެތައް ބަޔަކު ރާއްޖެ ދެކެފައިވާކަން ފާހަގަ ކުރައްވާ ގައުމީ އަބުތޯލުންގެ ޒިކުރާ އާކުރުމަކީ އެއް ޖީލުން އަނެއް ޖީލަށް ދަތުރު ކުރަމުން ގެންދަންޖެހޭ ކަމެއް ކަމަށާއި ކޮންމެ ދިވެއްސަކު ދިވެހި ތާރީހުގެ ސަފުހާތަކުގެ ތެރެއަށް ގޮސް ގައުމަށްޓަކައި އެ ފަރާތްތައްވި ގުރުބާނީ ދިރާސާކޮށް ދަސް ކުރަންޖެހޭ ކަމަށް ވެސް އިމްރާން ރޭ ވިދާޅުވި އެވެ.