ގައުމީ އިނާމް

14 ބޭފުޅަކަށް ޝަރަފު، 24 ބޭފުޅަކަށް ހިތްވަރު

މި އަހަރު ޝަރަފުވެރިކަމުގެ ގައުމީ އިނާމު 14 ބޭފުޅަކަށް އަދި ހިތްވަރު ދިނުމުގެ ގައުމީ އިނާމު 24 ބޭފުޅަކަށް ދެއްވުމަށް ނިންމަވައިފި އެވެ.

ގައުމީ އިނާމަށް ބޭފުޅުން ހޮއްވެވީ، އެކަމަށްޓަކައި ރައީސުލްޖުމްހޫރިއްޔާ އެކުލަވައިލެއްވި ގައުމީ އިނާމާބެހޭ ކޮމިޓީއިންނެވެ. ޝަރަފުވެރިކަމުގެ ގައުމީ އިނާމު ލިބިވަޑައިގަންނަވާ 14 ބޭފުޅުންގެ ތެރެއިން ހަ ބޭފުޅުންނަކީ، މީގެ ކުރިން ހިތްވަރު ދިނުމުގެ ގައުމީ އިނާމު ލިބިވަޑައިގެންފައިވާ ބޭފުޅުންނެވެ.

މަތީ ދަރަޖަ ހޯދާ ފަރާތްތަކަށް ރައީސުލްޖުމްހޫރިއްޔާ ދެއްވާ ހާއްސަ އިނާމު، މި އަހަރު ލިބިވަޑައިގަންނަވަނީ 20 ބޭފުޅަކަށެވެ. މި ބޭފުޅުން ހޮއްވެވީ އެކަމަށްޓަކައި ރައީސުލްޖުމްހޫރިއްޔާ އެކުލަވައިލެއްވި ހާއްސަ އިނާމާބެހޭ ކޮމިޓީންނެވެ. ރައީސުލްޖުމްހޫރިއްޔާ ދެއްވާ މެޑެލް ހާސިލު ކުރައްވަނީ، ދިވެހިރާއްޖޭގެ ގައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 10ގެ ސަނަދެއް ހާސިލު ކުރުމުގައި ފާހަގަކޮށްލެވޭ ކާމިޔާބީއެއް ހޯއްދަވާފައިވާ ބޭފުޅަކާއި، މަތީ ތައުލީމާއި ތަމްރީނުގެ ކޯހަކުން އެންމެމަތީ ވަނަ ހޯއްދެވި 13 ބޭފުޅަކާއި އަދި ބައިނަލްއަގްވާމީ މުބާރާތްތަކުން ނުވަތަ މިނޫން ވެސް ބައިނަލްއަގްވާމީ މިންކުރުމަކުން އެންމެމަތީ ވަނަ ނުވަތަ ޝަރަފު ހޯއްދަވާފައިވާ 6 ބޭފުޅެކެވެ.

މި ބޭފުޅުންނަށް ރައީސުލްޖުމްހޫރިއްޔާ ދެއްވާ އިނާމު ދެއްވުން އޮންނާނީ، މި އަހަރު ދައުލަތުން ދެއްވާ އިނާމުތައް ދެއްވުމަށާއި ދިވެހިންގެ އެއްބައިވަންތަކަމުގެ ދުވަހާ ގުޅިގެން ޖުމްހޫރީ މައިދާނުގައި މާދަމާރޭ 8:30 ގައި ބާއްވަވާ ރަސްމީ ޖަލްސާގައެވެ. ކީރިތި ގުރްއާން ހިތުދަސްކޮށް 1 ވަނަ ދަރަޖައިގައި ފާސްވި 4 ހާފިޒުންނަށް ރައީސުލްޖުމްހޫރިއްޔާ ދެއްވާ ހާއްސަ މެޑެލް ވެސް މި ޖަލްސާގައި ދެއްވާނެއެވެ.

މި ޖަލްސާގައި ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ސޯލިހް، ދިވެހި ގައުމާ މުހާތަބު ކުރައްވާނެއެވެ. އަދި ސުނާމީ ކާރިސާގައި މަރުވި މީހުންނާއި އެ ކާރިސާގައި ގެއްލުނު މީހުންގެ ހަނދާނުގައި މިނެޓުގެ ސުކޫތެއް ގެނެވޭނެއެވެ.