ހަބަރު

ގައުމީ ދުވަހު ރައީސް ގައުމާ މުހާތަބު ކުރައްވާނެ

Oct 17, 2020
2

މި އަހަރުގެ ގައުމީ ދުވަހުގެ މުނާސަބަތުގައި، ރައީސް އިބްރާހީމް މުހައްމަދު ސޯލިހު ދިވެހި ގައުމާ މުހާތަބު ކުރައްވާނެ އެވެ.

ރައީސް އޮފީހުން މިއަދު ބުނީ ރައީސުލްޖުމްހޫރިއްޔާ ގައުމާ މުހާތަބު ކުރައްވާނީ މާދަމާ ފާހަގަކުރާ ގައުމީ ދުވަހުގެ ހެނދުނު 10:00 ޖަހާއިރު ހަބަރުފަތުރާ ވަސީލަތްތައް މެދުވެރިކުރައްވައިގެނެން ކަމަށެވެ.

ގައުމީ ދުވަސް ފާހަގަ ކުރަނީ ރަބީއުލްއައްވަލް މަހުގެ އެއް ވަނަ ދުވަހެވެ. ގައުމީ ދުވަހަކީ ޕޯޗުގީޒުންގެ އަތްދަށުން ބޮޑުތަކުރުފާނު ރާއްޖެ ސަލާމަތް ކޮށްދެއްވި ދުވަހެވެ. ރަސްމީ ސިފައެއްގައި އެ ދުވަސް ފާހަގަ ކުރާތާ މިއީ 77 ވަނަ އަހަރެވެ.

މި އަހަރުގެ ގައުމީ ދުވަސް ފާހަގަ ކުރަން ނިންމާފައި ވަނީ ބޮޑުތަކުރުފާނު ނިސްބަތްވެ ވަޑައިގަންނަވާ އުތީމުގަ އެވެ.

ރައީސް ސޯލިހު ގައުމާ މުހާތަބު ކުރެއްވުމުގެ އިތުރުން، ގައުމީ ދުވަސް ފާހަގަ ކުރަން ގިނަ ހަރަކާތްތަކެއް ވަނީ ރާވައިފަ އެވެ.

ހޯމް މިނިސްޓްރީން ބުނީ މިރޭ ފަތިހު 5:45 ގައި ބާއްވާ ދިދަ ނެގުމުގެ ރަސްމިއްޔާތާއެކު ތިން ދުވަހަށް ގައުމީ ދުވަހުގެ ހަރަކާތްތަށް ކުރިއަށް ގެންދަން ރާވާފައިވާ ކަމަށެވެ. ދިދަ ނެގުމުގެ ރަސްމިއްޔާތު ކުރިއަށް ގެންދާނީ ބޮޑުތަކުރުފާނުގެ ހަނދާނީ ބިނާ ކަމުގައިވާ އުތީމު ގަނޑުވަރުގަ އެވެ.

މާދަމާ ހެނދުނު 9:30 ގައި ގައުމީ ދުވަހުގެ ހާއްސަ ޖަލްސާ ބާއްވަން ނިންމާފައިވާއިރު މި ޖަލްސާގައި ވީޑިއޯ މެދުވެރިކޮށް ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހާއި ހޯމް މިނިސްޓަރު އިމްރާން އަބްދުﷲ ބައިވެރިވެ ވަޑައިގަންނަވާނެ އެވެ.